އިލާންގެ އަތުން އެވޯޑު އަތުލައި އިންޑިއާ ކުޅުންތެރިޔާއަށް ދިން މައްސަލަ ހޫނުވެއްޖެ

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ރާއްޖޭގެ ކެޕްޓަން މުޙައްމަދު އިލާން އިމްރާން ހޯދާފައިވަނިކޮށް، އިނާމު ދިނުމުގެ ރަސްމިއްޔާތށްފަހު އޭނާގެ އަތުން ޓްރޮފީ އަތުލައި އިންޑިއާ ކުޅުންތެރިޔާއަށް އޮމަންގް ޑޮޑަމްއަށް ދިން މައްސަލަ ހޫނުވެއްޖެއެވެ. މުބާރާތުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދެ ކުޅުންތެރިންވެސް ވަނީ ތިން ލަނޑު ޖަހައިގެން "ޖޮއިންޓް ޓޮޕް ސްކޯރަރ" ގެ މަގާމު ހޯދާފައެވެ. ނަމަވެސް، ދަނޑުމަތީގައި އިލާންއަށް އެވޯޑު ދިނުމަށްފަހު، ކުއްލި ގޮތަކަށް އޭނާގެ އަތުން ތަށި އަތުލައި އިންޑިއާ ކުޅުންތެރިޔާއަށް އެކަނި އެ އެވޯޑު ދިނުމުން ސަޕޯޓަރުންނާއި ފުޓުބޯޅަ އާއިލާގެ ނުރުހުން ވަނީ އަމާޒުވެފައެވެ. އިލާން އަތުން އެވޯޑު އަތުލުމަށްފަހު ސާފްގެ ޖެނެރަލް ކޯޑިނޭޓަރު ސައީދު އާސިފް ހުސެއިން އެފްއޭއެމާއި އިލާނުގެ މައިންބަފައިންނާ ވާހަކަދައްކަނީ-- ސަން ފޮޓޯ މިކަމާ ގުޅިގެން "ސަން" އިން ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ގެ އިސްވެރިންނާ ވާހަކަދެއްކުމުން އެ ފަރާތްތަކުން ވަނީ މިކަމުގެ ދިފާއުގައި ވާހަކަދައްކާފައެވެ. އަދި އިލާންއާ އޭނާގެ މައިންބަފައިންގެ ކިބައިން މައާފަށް އެދިފައިވާނެ ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް ގިނަ ބަޔަކު ދަނީ މި ދޯހަޅި ނިންމުމާއި ގުޅިގެން ސާފްގައި ތިބި އިންޑިއާގެ އިސްވެރިންނަށް އަމާޒުކޮށް ފާޑުކިޔަމުންނެވެ. އެގޮތުން މިއީ ތަފާތުކުރުން ރަމްޒުކޮށްދޭ ކަމެއް ކަމަށާއި ދެ ކުޅުންތެރިންނަށް ނިސްބަތްވާ އެއްޗެއް ވަކި ގައުމެއްގެ ކުޅުންތެރިއަކަށް ދިނުމުން ހަމަނުޖެހޭ ކަމަށެވެ. "މިއީ ވަރަށް ބޮޑު މައްސަލައެއް، މީގެކުރިންވެސް އިންޑިއާގެ ނުފޫޒުގަ އެބަހުރި މިކަހަލަ އެތަކެއް ކަމެއް ވެފަ، އިލާން އާއި އިންޑިއާ ކުއްޖާ މި އެވޯޑު ހޯދަން ސްޓޭޖަށް އެރި، އިންޑިއާ ކުއްޖާ ބޭނުމެއްނުވި އެ އެވޯޑެއް، އެހެންވީމަ އިލާން އަތުގައި އޮތީ، އެކަމަކު ފަހުވަގުތު އިންޑިއާ ކުއްޖާ އެ ބޭނުންވީމަ އިލާން އަތުން ޖަހައިގަނެގެން ގޮސް އިންޑިއާ ކުއްޖާ އަތަށް ދިނީ، މިއީ ވަރަށް ބޮޑު ބޭއިންސާފެއް،" ނަން ހާމަނުކުރަން އެދި އެފްއޭއެމުގެ އިސްވެރިއަކު ''ސަން'' އަށް ބުންޏެވެ. މި މައްސަލަ ބޮޑުކުރުމުން ޓްރޮފީ އަތުލި ޖެނެރަލް ކޯޑިނޭޓަރު ސައީދު އާސިފް ހުސެއިން ވަނީ އިލާންއާއި އޭނާގެ މައިންބަފައިންގެ ކިބައިން މައާފަށް އެދިފައެވެ. ނަމަވެސް މިއީ ސަރަހައްދީ ފުޓުބޯޅައިގެ މައި އިދާރާގެ ވަރަށް ގޯސް ނިންމުމެކެވެ. މިކަމާ ގުޅިގެން ބައެއް ދިވެހި ކޯޗުންވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. "މިދައްކަނީ އަަދި 18 އަހަރުނުވާ ކުޅުންތެރިންގެ ވާހަކަ، އިލާނަށްވެސް އެ ހައްގު، ވަކި އިންޑިއާ ކުޅުންތެރިޔާއަށް އެކަނި ނޫން ހައްގުވަނީކީ މި އެވޯޑު، އެ އެވޯޑު އިލާން އަތުން އަތުލުމަށްފަހު އިންޑިއާ ކުޅުންތެރިޔާއަށް ދިނުމުގެ އެއްވެސް އިހުތިޔާރެއް އެމީހުން އަތަކު ނޯންނާނެ،'' ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ކޯޗަކު ބުންޏެވެ. "ސަން" އަށް އެނގިފައިވާ ގޮތުން ސާފް އިން ވަނީ މި އެވޯޑު އޭނާއަށް ހަތަރު ދުވަސްތެރޭ އަނބުރާ ދޭގޮތަށް ނިންމާފައެވެ. ނަމަވެސް މިއީ އަރަމުން އަންނަ ޒުވާން ޖީލަށް ސާފް އިން ދައްކުވައިދިން ގޯސް މިސާލެއްގެ ގޮތުގައި ގިނަބަޔަކު ދެކެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ