ޓޮޕް ސްކޯރާކަން ލިބުނަސް، ސާފް އިން އިލާންގެ ޓްރޮފީ ނުދިން

ރާއްޖޭގައި ބޭއްވި 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި އެންމެ ގިނައިން ލަނޑުޖެހި ދެ ކުޅުންތެރިންގެ ތެރޭގައި ހިމެނި، ޓޮޕް ސްކޯރާކަން ހޯދި ރާއްޖޭގެ މުޙައްމަދު އިލާން އިމްރާން އަތުން ޓްރޮފީ އަތުލައި، ދެން އެ މަގާމު ލިބުނު އިންޑިއާގެ އޮމަންގް ޑޮޑަމް އަށް ދީފިއެވެ.
މިކަން ކޮށްފައިވަނީ މި މުބާރާތް އިންތިޒާމުކުރާ، ސައުތު އޭޝިއަން ފުޓުބޯޅަ ފެޑެރޭޝަން (ސާފް) ގެ އިސް އޮފިޝަލެކެވެ.
މިކަމާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަވަމުން އެފްއޭއެމްގެ އިސް އޮފިޝަލަކު ވިދާޅުވީ، ދެ ކުޅުންތެރިއަކަށް މި މަގާމު ލިބުމުން، ދެ ކުޅުންތެރިންނަށް ވެސް ޓްރޮފީއާއެކު ފޮޓޯ ނެގުމުގެ ފުރުސަތު ދިން ކަމަށެވެ. އެހެންނަމަވެސް އިލާން އަތުގައި ޓްރޮފީ އޮއްވައި ސާފްގެ އޮފިޝަލަކު އައިސް، އިންޑިއާގެ ކުޅުންތެރިޔާ އެ ޓްރޮފީ ބޭނުންވާތީ ދެނީކަމަށް ބުނެ އިލާން އަތުން ޓްރޮފީ އަތުލީކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އިން ކުރި ސުވާލަށް ޖަވާބުދެއްވަމުން ސާފްގެ އިސް އޮފިޝަލަކު ވިދާޅުވީ މިއީ އޮޅުމެއްގެ ތެރެއިން ހިނގައިދިޔަ ކަމެއް ކަމަށެވެ. އަދި އެއްވެސް ހާލެއްގައި މިއީ އިލާންއަށް ޓްރޮފީ ނުދީ، ހަމައެކަނި އިންޑިއާގެ ކުޅުންތެރިޔާއަށް ޓްރޮފީ ދޭން ކުރި ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، އިތުރު ޓްރޮފީއެއް ތައްޔާރުކުރެވުނުހާ އަވަހަކަށް އިލާންއަށް ވެސް ޓްރޮފީ ލިބޭނެކަމަށް އޮފިޝަލް ވިދާޅުވިއެވެ. މިކަމުގައި އެފްއޭއެމް އިން ވެސް އިލާންގެ ހައްގު ހޯދައިދޭން މަސައްކަތްކޮށްފައިވާއިރު އެފްއޭ އިން ވެސް އަދި މިކަމާ ނުރުހުން ފާޅުކުރާ އެހެން ފަރާތްތަކުގެ ވެސް ކަންބޮޑުވުމަކީ، ދެ ކުޅުންތެރިއަކަށް ލިބުނު މަގާމެއްގައި، ދެ ޓްރޮފީއެއް ތައްޔާރުކުރެވިފައި ނެތޭ ބުނެ، ވަކި ކުޅުންތެރިއަކަށް ޓްރޮފީ ދިނުމެވެ.
މީގައި އެންމެ އިންސާފުވެރިގޮތަކީ، ދެ ކުޅުންތެރިންނަށް ވެސް ޓްރޮފީ ދެވޭނެ ވަގުތެއްގައި ޓްރޮފީ ދެ ކުޅުންތެރިންނަށް ވެސް ދިނުންކަމަށް އެ ފަރާތްތަކުން ބުނެއެވެ. އަދި އެއީ އާންމު އުސޫލެއްގެ ގޮތުން އެކަން ކުރާގޮތްކަމަށް ވެސް އެ ފަރާތްތަކުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ