މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުތަކުގައި ވޯޓުލާ ކޮންމެ މީހަކަށް ތިން ވޯޓު ކަރުދާސް ލިބޭނެ ކަމަށާއި، ނަމަވެސް ވަކި އިންތިހާބެއްގައި ވޯޓުލާން ބޭނުންނުވާ ނަމަ އެ ކަރުދާހެއް ނުނަގައި ދޫކޮށްލުމުގެ ފުރުސަތު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) ހާމަކޮށްފިއެވެ.
ފުލުހުންނާ ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ، މާދަމާ ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުން އޮންނާނެ ކަމަށެވެ. މި ތިން ކަރުދާހުގެ ތެރެއިން އެ މީހަކު ބޭނުންވާ އިންތިހާބެއްގައި އެކަނި ބައިވެރިވުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޒާހިދު އިތުރަށް ވިދާޅުވީ، ވަކި އިންތިހާބެއްގެ ކަރުދާސް ބޭނުން ނުވާ ނަމަ، އެކަން ވޯޓުލާ މަރުކަޒުގައި ތިބި އޮބްޒާވަރުންގެ ކުރިމަތީގައި އިއުލާން ކުރާނެ ކަމަށެވެ. މިގޮތަށް އަމަލު ކުރަނީ ވޯޓުލުމުގެ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށާއި، ފަހުން ދިމާވެދާނެ މައްސަލައަކަށް މަގުފަހިނުކުރުމުގެ ގޮތުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިދިޔަ 2021 ވަނަ އަހަރުގެ ކައުންސިލް އިންތިހާބުގައި ވެސް ބައެއް މީހުން މިގޮތަށް އަމަލުކޮށްފައިވާ ކަމަށާއި، އެފަދަ ހާލަތްތަކުގައި ހާދިސާ ރިޕޯޓުގައި އެކަން ނޯޓުކުރާނެ ކަމަށް އީސީން ބުނެއެވެ.
އިންތިހާބުގެ ސައްހަކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ، ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ ވޯޓުލުމުގެ ހައްގު އެންމެ ފުރިހަމައަށް ކަށަވަރުކޮށްދީފައިވާނެ ކަމަށެވެ. ކޮންމެ ރައްޔިތަކަށްވެސް އެއްވެސް ނުފޫޒެއް ނެތި، މިނިވަންކަމާއެކު ސިއްރު ވޯޓެއް ލެވޭނެ އިންތިޒާމު ހުރިހާ މަރުކަޒެއްގައިވެސް ހަމަޖެހިފައިވާނެ ކަމުގެ ޔަގީންކަން އޭނާ އެރުވިއެވެ.
އިންތިހާބުގައި 3 ކަރުދާސް ލިބޭނެ، ބޭނުންވާ އިންތިހާބެއްގައި އެކަނި ވޯޓުލުމުގެ އިހުތިޔާރު އޮންނާނެ: އީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ