ޕާޓް ޓައިމްކޮށް ޕީއެޗްޑީ ހެދޭ މުއްދަތު އިތުރުކުރުން: ''މުޅި މުޖުތަމައާ ޚިލާފަށް ވިޔަސް ނުކުންނަނީ، ފެންވަރު ހިފަހައްޓަން''
ޕީއެޗްޑީ ހާސިލުކުރާއިރު، ވަޒީފާއަށް ދަމުން ފުލްޓައިމްކޮށް އެ ޑިގްރީއަށް ނުކިޔެވޭނެ ކަމަށާއި ޕާޓް ޓައިމްކޮށް ކިޔަވާނަމަ ޑިގްރީ ފުރިހަމަ ކުރެވޭނީ ހަ އަހަރުން ކަމަށް އިއުލާންކޮށް، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ)އިން އެކަން ތަންފީޒުކުރަން މަސައްކަތްކުރަނީ ތައުލީމީ ފެންވަރު ހިފަހައްޓަން ކަމަށް އެ އޮތޯރިޓީގެ ސީއީއޯ މަރްޔަމް ފިޒާނާ ރަޝީދު ވިދާޅުވެއްޖެއެވެ. އެމްކިޔުއޭއިން މިދިޔަ މަހުގެ 26ގައި ކުރި އިއުލާނެއްގައި ވަނީ މަތީ ތައުލީމު ދޭ މަރުކަޒުތަކުން ހިންގާ ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތަކުގެ މުއްދަތާއި ޕްރޮގްރާމް ޑެލިވާކުރާ ގޮތާ ގުޅޭ ގޮތުން އަމަލުކުރާނެ ވަކި ޚާއްޞަ އުސޫލެއް މިހާތަނަށް ނެތް ކަމަށެވެ. ނަމަވެސް، ޑޮކްޓޯރަލް ޑިގްރީ ގަބޫލުކުރުމާ ގުޅޭ މިންގަނޑެއް، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރީ ގަބޫލުކުރާނޭ ގޮތުގެ އުސޫލުގައި ބަޔާންކޮށްފައި އޮތް ކަމަށެވެ. އެހެންކަމުން، އެ އުސޫލުގައި ބަޔާންކުރާ މިންގަނޑު، ރާއްޖޭގެ ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތަކަށް ހިންގުމަށް އެމްކިޔުއޭގެ އެޑްވައިޒަރީ ބޯޑުގެ ލަފާގެ މަތިން ނިންމައިފައިވާ ކަމަށް އިއުލާނުގައިވެއެވެ. އެއީ، ފުލް ޓައިމް މުއްދަތުކަމަށް ބަލާނީ، މަދުވެގެން ތިން އަހަރު ދުވަސް ކަމަށާއި ޕާޓް ޓައިމް މުއްދަތުކަމަށް ބަލާނީ، މަދުވެގެން ފުލް ޓައިމް މުއްދަތުގެ ދެ ގުނަ މުއްދަތު ކަމަށެވެ. https://sun.mv/215855 އެމްކިޔުއޭއިން ވަނީ، ވަޒީފާ އަދާކުރަމުން ފުލްޓައިމްކޮށް ޕީއެޗްޑީއަށް ކިޔެވުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށާއި ވަޒީފާ އަދާކުރާ މީހުން އެ ޕްރޮގްރާމުގައި ބައިވެރިވާނަމަ، ޕާޓްޓައިމް އުސޫލުން ކިޔެވުމަށް އަންގާ ކަމަށް ބުނެފައެވެ. މަތީ ތައުލީމު ހާސިލުކުރަމުން އަންނަ ގިނަ ދިވެހި ދަރިވަރުންނަކީ ވަޒީފާ އަދާކުރަމުން، ޕާޓް ޓައިމް އުސޫލުން ކިޔަވަމުން އަންނަ މީހުން ކަމުން އެމްކިޔުއޭގެ އެ އެންގުމަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވިއެވެ. އެ ނިންމުމާ ގުޅޭ ގޮތުން، ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ފިޒާނާ ވިދާޅުވީ، ޕާޓް ޓައިމްއާއި ފުލް ޓައިމްކޮށް މަސައްކަތް ކުރުމަކީ ކޮބައިކަން 2016އިން ފެށިގެން އެމްއެންކިޔުއެފްގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން، ޕާޓް ޓައިމްކޮށް ކިޔަވައި ނިންމޭނީ، ފުލް ޓައިމްކޮށް ކިޔަވާ މުއްދަތުގެ ދެގުނަ މުއްދަތުންކަން އެ މިންގަނޑުގައި ބަޔާންކޮށްފައި އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ. ޔުނިވާސިޓީއެއްގެ ގްރެޖުއޭޝަންއެއްގެ ތެރެއިން: އެމްކިޔުއޭއިން ވަނީ ޕީއެޗްޑީ ޕާޓް ޓައިމްކޮށް ކިޔަވައި ނިންމޭނީ ހަ އަހަރުން ކަމަށް ނިންމައިފައި -- ފޮޓޯ/ ބިޒްނަސް ސްކޫލް އޭނާ ވިދާޅުވީ، ރާއްޖޭގައި މަތީ ތައުލީމު ހާސިލުކުރުމަށް ފުރަތަމަ ހުޅުވާލިއިރު، ޑިގްރީއަށް ކިޔަވަން ވަޒީފާއިން ފުރުސަތު ދޭ ކަމަށެވެ. "އެކަމަކު މިހެން ބަދަލުވަމުން، ބަދަލުވަމުން އައިސް މުޅި އެތި މި އޮތީ އޮޅުންބޮޅުންގަނޑަކަށް ވެފައި... އެ އިވޯލްވްވެގެން އައިއިރު މި ވާ ގޮތަކީ ވަޒީފާއަށް ދަމުން، ޕާޓް ޓައިމް މި މާނަކުރަނީ މެންދުރުފަހުގެ ގަޑިއަށް، ހަޔަކުން ފެށިގެން ރޭގަނޑު 11އަށް، ނޫނީ ހަތަރަކުން ފެށިގެން ރޭގަނޑު 12އަށް، އެކަމަކު އެއީ ޕާޓް ޓައިމް އެމްއެންކިޔުއެފްގައި މާނަކޮށްފައި އޮތް ގޮތެއް ނޫން،" ފިޒާނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ފެންވަރު ދަށް ސަނަދުތައް ދޭ ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރާ ކަމަށާއި ގައުމަށް ރަނގަޅު ގޮތް ވާން ބޭނުންވާ މީހުން މިހާރު ގެންނަ ބަދަލު ގަބޫލުކުރާނެ ކަމަށެވެ. އެގޮތުން، ތައުލީމީ ދާއިރާއިން ބޭނުންވަނީ ގިނަ އަދަދެއްގެ ޕީއެޗްޑީ ދިނުން ނޫން ކަމަށާއި ބޭނުންވަނީ ފެންވަރު ރަނގަޅު މީހުން ނެރެދިނުން ކަމަށް ފިޒާނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބޭރު ގައުމުތަކަށް ބަލާއިރު ވެސް ޕާޓް ޓައިމްކޮށް ކިޔަވާނަމަ މުއްދަތު އިތުރުވާކަން ފާހަގަވާނެ ކަމަށެވެ. ރާއްޖެއަށް ވެސް ބަދަލު ގެންނަނީ އެހެންވެ ކަމަށާއި އެކަމަށް އުސޫލެއް ވެސް ނެރޭނެ ކަމަށް ފިޒާނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މަތީ ތައުލީމު ހާސިލުކުރުމަށް ފަހު ގްރެޖުއޭޓްވާ ދަރިވަރުން ބައެއް ފަހަރު، އެ ޑިގްރީ ހާސިލުކުރީ "ފުލް ޓައިމް ބެލެނިވެރިއެއް، ފުލް ޓައިމް ދަރިވަރެއް އަދި ފުލް ޓައިމްކޮށް މަސައްކަތް ކުރަމުން" ކަމަށް ބުނާ ކަމަށެވެ. "ގްރެޖުއޭޝަންތަކުގައި މިކަހަލަ ސެރެމަނީތަކުގައި ހަމައެކަނި ނުބުނާ ކަމެކޭ ވަރަށް ބޮޑަށް ޝުކުރު އަދާކުރަމޭ އޭއައިއަށް، ވަރަށް ބޮޑަށް ޝުކުރު އަދާކުރަމޭ ޗެޓްޖީޕީޓީއަށް، ވަރަށް ބޮޑަށް ޝުކުރު އަދާކުރަމޭ އެސައިމެންޓް ހަދައިދެއްވާ ބޭފުޅުންނަށް، އެހެން ނުބުނާކަން އެކަނި. ހަމަ ކޮލިޓީ ކޮމްޕްރޮމައިޒްކޮށްފައި މި ސަނަދުތައް ހާސިލުކޮށްގެން މި ނުކުންނަނީ،" ފިޒާނާ ވިދާޅުވިއެވެ. ގައުމީ ޔުނިވާސިޓީން ކޯސްތަކުގެ މައުލޫމާތު ދިނުން: އެމްކިޔުއޭއިން ވަނީ ޕީއެޗްޑީ ޕާޓް ޓައިމްކޮށް ކިޔަވައި ނިންމޭނީ ހަ އަހަރުން ކަމަށް ނިންމައިފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ އޭނާ ވިދާޅުވީ، މަތީ ތައުލީމަށް ކިޔަވައިދޭ ބައެއް ތަންތަނުން ދަރިވަރުން ހަމަކުރަން ޖެހޭ ގަޑިތައް ހަމަ ނުކުރަނީސް އިމްތިހާނު ދީ، ސަނަދު ދޭކަން ފާހަގަކުރެވިފައިވާ ކަމަށާއި އެ މައްސަލަތައް ރަނގަޅު ކުރުމަށް އެމްކިޔުއޭއިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި، މީގެ ކުރިން އެމްކިޔުއޭގެ މިންގަނޑެއް އޮތަސް މިހާތަނަށް ތަންފީޒު ނުކުރެވި އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ. "މިހެން ހުންނަ ދޫދެވިފައި ހުރި ކަންކަން، ދޫދެވުމުގެ ސަބަބުން ކޮލިޓީ ކޮމްޕްރޮމައިޒްވެފައި ހުރި ކަންކަން ރަނގަޅު އަޅުގަނޑު މިއަދު މިކުރަނީ، ވަރަށް ބޮޑު ގޮންޖެހުމެއް، އަޅުގަނޑު މުޅި މުޖުތަމައުއާ ޚިލާފަށް ކަންނޭނގެ އަޅުގަނޑު މި ނުކުންނަނީ މި ކަންކަން ރަނގަޅު ކުރަން،" ފިޒާނާ ވިދާޅުވިއެވެ. އޭނާ ވަނީ އެ ބަދަލު ގެންނައިރު، ކިޔަވާ މީހުންނަށް ވަޒީފާއިން ލުއި ދިނުން ފަދަ ކަންކަން ކޮށްގެން، އެ ބަދަލު ތަންފީޒު ކުރެވޭނެ ކަމަށެވެ. އެމްކިޔުއޭއިން ގެންނަ ބަދަލަށް ބައެއް މީހުން ފާޑުކިޔައިފައިވީ ނަމަވެސް، ތައުލީމީ ދާއިރާގައި ގިނަ ދުވަސްވީ ބައެއް މީހުން އެ ބަދަލަށް މަރުހަބާ ކިޔައިފައިވެސްވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ