ބާސެލޯނާ (ފެބްރުއަރީ 28) - ލޯން އެއްބަސްވުމެއްގެ ދަށުން ބާސެލޯނާ އަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް، މާކަސް ރެޝްފޯޑް، ދާއިމީ އެއްބަސްވުމެއްގައި ގަންނަން، އެ ކްލަބުން ބަހާލައިގެން ޓްރާންސްފާ ފީއެއް ދޭން ޕްރޮޕޯސަލެއް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ކޮންޓްރެކްޓެއްގައި ހުރި، ރެޝްފޯޑް، 27، ބާސެލޯނާ އަށް ގެންދިޔައީ މި ސީޒަން ނިންމައިފައި، 30 މިލިއަން ޑޮލަރަށް އޭނާގެ އެއްބަސްވުން ދާއިމީ ކުރެވޭ ގޮތަށް ޝަރުތު ކޮށްފަ އެވެ. ލޯންގެ މުއްދަތުގައި ރެޝްފޯޑްގެ މުޅި މުސާރަ ދޭނީ ވެސް ބާސެލޯނާ އިންނެވެ.
ރިޕޯޓްތައް ބުނާގޮތުން، ބާސެލޯނާގެ މާލީ ހާލަތު ހުރި ގޮތުންނާއި ތަފާތު އެކި ކަންކަމަށް ބަލާފައި، އެ ކްލަބުން ރެޝްފޯޑްގެ އެއްބަސްވުން ދާއިމީ ކުރަން ދައްކަން ޖެހޭ ޓްރާންސްފާ ފީ ދޭން ބޭނުންވަނީ، ތިން އިންސްޓޯލްމަންޓަށް ބަހާލައިގެންނެވެ. ޖުމްލަ އެކު، ތިން އަހަރަށް ދެމިގެންދާ ގޮތަށް ބަހާލައިގެން މި ފީ ދޭން ބާސެލޯނާ އިން ހުށަހަޅަން ތައްޔާރުވާއިރު، އެ ގޮތަށް ޔުނައިޓެޑުން ރުހޭނެ ކަމުގެ ފުރުސަތު ކުޑަ އެވެ.
ރެޝްފޯޑް، ޔުނައިޓެޑާ އެކު ކޮންޓްރެކްޓް އޮތީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
މި ސީޒަނުގައި މިހާތަނަށް ޔުނައިޓެޑަށް ކުޅެދިން 34 މެޗުން ރެޝްފޯޑް ވަނީ 10 ގޯލު ޖަހައި، 13 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ބަހާލައިގެން ރެޝްފޯޑްގެ ޓްރާންސްފާ ފީ ދައްކަން ބާސެލޯނާގެ ހުށަހެޅުމެއް ބަހާލައިގެން ރެޝްފޯޑްގެ ޓްރާންސްފާ ފީ ދައްކަން ބާސެލޯނާގެ ހުށަހެޅުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ