ހުޅުމާލޭގައި އިވެންޓުތައް ބޭއްވުމަށް ހުއްދަ ނުނަގައި ސްޓޯލް ވިއްކަނީ، ސަމާލުވުމަށް އިލްތިމާސްކޮށްފި
ހުޅުމާލޭގައި ތަފާތު ހަރާކަތްތައް ބޭއްވުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހުއްދަ ނުނަގައި، އެ ހަރަކާތްތަކަށް ސްޓޯލްތައް ވިއްކަމުންދާތީ އެކަމަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން އަނެއްކާވެސް މިއަދު އިލްތިމާސްކޮށްފިއެވެ. އެޗްޑީސީން ނެރުނު އިއުލާނެއްގައި ވަނީ، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އިވެންޓު ނުވަތަ ފެއާ ބޭއްވުމަށް އެޗްޑީސީގެ ފަރާތުން ނަގަން ޖެހޭ ހުއްދަތައް ނެގުމަކާ ނުލައި، ބައެއް ފަރާތްތަކުން އިވެންޓު ބޭއްވުމުގެ ނަމުގައި ސްޓޯލް ވިއްކަމުންދާކަން އެ ކޯޕަރޭޝަނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެ ކޯޕަރޭޝަނުން އެދުނީ، އެއްވެސް ފަރާތަކުން ހުޅުމާލޭގައި ބާއްވާ އިވެންޓެއްގެ ސްޓޯލް ގަތުމުގެ ކުރިން، އެ އިވެންޓެއް ރާވާ ފަރާތަކީ އެޗްޑީސީން ދޫކުރާ ހުއްދަ އޮތް ފަރާތެއްކަން ކަށަވަރު ކުރުމަށެވެ. އެގޮތުން އެ ކޯޕަރޭޝަންގެ ޕާމިޓްސް އެންޑް ސާވިސަސް ސެކްޝަނާ ގުޅޭ ނަންބަރު 3356112އަށް ގުޅައި، ހުއްދަ އޮތްކަން ޔަގީން ކުރުމަށް އެޗްޑީސީން އިލްތިމާސްކުރިއެވެ. އެޗްޑީސީގެ ހުއްދަ ނެގުމެއް ނެތި، އެގޮތަށް އިވެންޓުތައް ހިންގުމުގެ ނަމުގައި ސްޓޯލްތައް ދޫކުރުމުންނާއި ސްޓޯލްތައް ގަތުމުގެ ސަބަބުން ލިބިދާނެ މާލީ ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށް އިއުލާނުގައިވެއެވެ. މީގެ އިތުރުން، މި އަހަރުގެ މެއި މަހުގެ 14އިން ފެށިގެން، ހުޅުމާލޭގައި ފެއާ ނުވަތަ މަގުމަތީ ބާޒާރު ހިންގުމަށް ސަރަހައްދު ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައިފައިވާކަން ވެސް އެޗްޑީސީން ހަނދާންކޮށްދީފައިވެއެވެ. އެ ކޯޕަރޭޝަނުގެ ހުއްދަ ނުނަގައި ހުޅުމާލޭގައި އިވެންޓުތައް ބާއްވަން ސްޓޯލްތައް ވިއްކުމުގެ މައްސަލަ މީގެ ކުރިން ވެސް ފެންމަތިވެ، އެކަމަށް ސަމާލުވުމަށް މިދިޔަ ސެޕްޓެންބަރު މަހު ވެސް އެޗްޑީސީން އެދިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ