''އަލްވަދާޢު''ގެ ޓައިޓަލް ލަވަ މާދަމާ ރިލީޒް ކުރަނީ!

ޑާކް ރެއިން އެންޓަޓެއިންމަންޓުން އުފައްދާ ލޯބީގެ ފިލްމު "އަލްވަދާޢު" ރިލީޒް ކުރުމަށް ތައްޔާރުވަމުން އަންނައިރު، މި ފިލްމުގެ ޓައިޓަލް ލަވަ މާދަމާ ހެނދުނު 8:00ގައި ރިލީޒް ކުރަން ނިންމައިފިއެވެ. ލޯބީގެ އަސަރުގަދަ މި ފިލްމު އޮލިމްޕަހަށް އަންނާނީ ޑިސެމްބަރު އެއް ވަނަ ދުވަހެވެ. މި ލަވައަކީ ފިލްމުގެ ހިތްދަތިކަމާއި ލޯބީގެ ރޫޙު ހިމެނޭ، "ހާޓްބްރޭކް އެންތަމްއަކަށް" ވާނެކަމަށް ޑާކް ރެއިންއިން ބުނެއެވެ. "އަލްވަދާޢު"ގެ ޓައިޓަލް ލަވައަކީ ޒުވާން ފަންނާނު އަހުމަދު އިޝާމް, ފިލްމަކަށް ކިޔާ ލަވައެއްގެ ގޮތުގައި ރެކޯޑް ކުރި ފުރަތަމަ ލަވައެވެ. މި ލަވައިގެ ޅެން ހައްދަވާފައިވަނީ، ހިތަށް އަސަރުކުރާ އެތައް ލަވައެއްގެ ޅެން މީގެ ކުރިންވެސް ހައްދަވާފައިވާ އީސާ ޝަރީފެވެ. ލަވައިގެ މިއުޒިކް ހަދާފައިވަނީ ޑީއާރު ޕްރޮޑަކްޝަނުން ކަމަށްވާއިރު، މާސްޓަރިން ހަދާފައިވަނީ ހުސައިން ތައުފީޤެވެ. މި ފިލްމަކީ ޝަހުދާ މުހައްމަދު (ޝާހޫ) ލިޔެ، އަލީ ޝިފާޢު (ޗިއްޕޭ) ޑައިރެކްޓްކޮށްފައިވާ އުފެއްދުމެކެވެ. ފިލްމުގެ ސިނަމެޓޯގްރާފަރަކީ ހުނަރުވެރި އެކްޓަރެއްގެ ގޮތުގައި ވެސް ފެނިފައިވާ މުހައްމަދު ފައިސަލެވެ. އަދި ޓެކްނިކަލް މެނޭޖަރަކީ ޒިފާފްއެވެ. މި ފިލްމުގެ މައިގަނޑު ދެ ތަރިންނަކީ މަރިޔަމް މަޖުދާ އާއި ޝަރަފް އަބްދުﷲއެވެ. މީގެ އިތުރުން މުހައްމަދު ރަޝީދު، ޝީލާ ނަޖީބް، އަރަމުން އަންނަ ތަރި އައިޝަތު ލައިޝާ ލަތީފް އަދި މަޒީން ހާޒިފް ފަދަ ތަރިން ސަޕޯޓިން ރޯލްތަކުން ފެނިގެންދާނެއެވެ. ލޯބީގެ މި ހިތްދަތި ފިލްމުގެ ޓިކެޓް މިހާރު ވިއްކަމުންދާއިރު، 9911229 އަށް ގުޅުމުން ޓިކެޓް ގަނެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ