އެންމެން ހެއްވާލި ކޭޖީއެމްގެ ވަދާއީ ޝޯތަކުގެ ޓިކެޓު ވިއްކަނީ

ސެޓާން ސްޓޫޑިއޯއާއި ޝައި ޕްރޮޑަކްޝަން ގުޅިގެން އުފައްދާފައިވާ ކޮމެޑީ ފިލްމް "ކޮސް ގިނަ މިސްޓޭކް" (ކޭޖީއެމް)ގެ ވަދާއީ ޝޯތަކުގެ ޓިކެޓު ވިއްކަން ފަށައިފިއެވެ. މި މަހު ހަތަރެއްގައި އޮލިޕްމަހުގައި ޕްރިމިއާކުރި، ކޭޖީއެމްގެ ވަދާއީ ޝޯތައް އަޅުވަނީ މާދަމާ ރެއާއި އަންނަ އަންގާރަ އަދި ބުދަ ދުވަހުގެ ރެއެވެ. އެ ޝޯތަކުގެ ޓިކެޓު އޮލިމްޕަހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި 7743399އަށް ގުޅައިގެން ނުވަތަ ވައިބާ ކޮށްގެން ޓިކެޓް ގަނެވޭނެއެވެ. ގިނަ ބަޔެއްގެ ތަރުހީބު ލިބެމުން އަންނަ، ކޭޖީއެމް ބެލުމަށް ރަށްރަށުން ވެސް ބެލުންތެރިންގެ މެދުގައި އޮތް ޑިމާންޑު ބޮޑެވެ. ޝައި ޕްރޮޑަކްޝަންގެ ވެރިޔާ އަދި މި ފިލްމްގެ ޕްރޮޑިއުސަރު އިސްމާއިލް ޝަފީޤު ވެސް ފާހަގަކުރީ އެ ކަމެވެ. އެގޮތުން ޝަފީގް 'ސަން'އަށް ބުނީ، މިހާތަނަށް 40އަށް ވުރެ ގިނަ ރަށުގައި ކޭޖީއެމް އަޅުވާފައިވާ ކަމަށެވެ. ކޭޖީއެމް ވެފައިވަނީ ބެލުންތެރިންނަށް ވަރަށް މަޖާ ފިލްމަކަށް ކަމަށާއި ފިލްމާ ގުޅޭ ވަރަށް ޕޮޒިޓިވް ކޮމެންޓުތައް ލިބެމުން އަންނަކަން އޭނާ ފާހަގަކުރިއެވެ. "ފިލްމު ބެލި ބެލުންތެރިންނަށް ފިލްމު ކާމިޔާބުވީމަ ދެން އެއަށް ވުރެ ބޮޑު ކާމިޔާބެއް ނީންނާނެ. އެހެން މީހުންނަށް [ފިލްމު] ކަމުދިޔައިމަ،" ޝަފީގް ބުންޏެވެ. ޔޫސުފް ޝަފީޢު (ޔޫއްޕެ)ގެ ވާހަކައަކަށް އުފެއްދި މި ފިލްމުގެ ޑައިރެކްޓަރަކީ މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު ޢަލީ ސީޒަންއެވެ. މި ފިލްމު ޝޫޓްކޮށްފައިވަނީ މި އަހަރު ކުރީކޮޅު މ. މުލަކުގައެވެ. މި ފިލްމަކީ މި ފަހުގެ ތާރީޚެއްގައި ފިލްމީ ދާއިރާގެ އެންމެ ގިނަ ތަރިން އެއް ފިލްމަކުން ފެނުނު އެއް ފިލްމު ވެސްމެއެވެ. އެގޮތުން، ފިލްމުގެ ހުރިހާ ތަރިންގެ ރޯލު ވެސް އެއްވަރަކަށް ފެންނައިރު ތަރިންގެ ތެރޭގައި ޔޫއްޕެއާއި ސީޒަންގެ އިތުރުން، އާމިނަތު ރިޝްފާ، މަރްޔަމް ޢައްޒަ، އަހްމަދު ނިމާލް، ޢަލީ ޢާޒިމް (ދޮން އައްޔަ)، ޖުމައްޔިލް ނިމާލް، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، މަރިޔަމް ޝިފާ، ޝަހީދާ އަހްމަދު (ޑޯރާ) އަދި އަމަންގެ އިތުރުން ޝާއްކޮ އަންމަޑޭއާއި ގުލިސްތާނު އަދި ހާމިދު ފަދަ ކުޅަދާނަ ފަންނާނުން ހިމެނެއެވެ. މި ފިލްމްގެ ކެމެރާމަނަކީ ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ކެމެރާމަން، އިބްރާހިމް ވިސާން (ކަނޑި)އެވެ. އަދި، ފިލްމްގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްކޮށްފައިވަނީ އަބްދުﷲ މުއާޒް ޕްރޮޑަކްޝަންއާއި، ބްލެކް މީޑިއާގެ އިތުރުން ޔޫއްޕެ ޕްރޮޑަކްޝަނުންނެވެ. މި ފިލްމުގެ އެގްޒެކެޓިވް ޕްރޮޑިއުސަރަކީ އަލީ ޝާނިޒް މުހައްމަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ