ހިޔާގެ ހަތަރު ޓަވަރެއްގައި އައު ލިފްޓު ހަރުކޮށް، ބޭނުންކުރަން ފަށައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުތަކުގައި އައު ލިފްޓު ހަރުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ޖުމުލަ ހަތަރު ޓަވަރެއްގައި ލިފްޓު ހަރުކޮށް ނިމި، ބޭނުންކުރަން ފަށައިފިއެވެ. ކޮންމެ ހިޔާ ޓަވަރެއްގައި އިތުރު ދެ ލިފްޓު ބެހެއްޓުމުގެ އަމަލީ މަސައްކަތް ފެށީ، މިދިޔަ އޭޕްރީލް މަހު 18ގައެވެ. ހިޔާ ފުލެޓުތަކަށް އިތުރު ލިފްޓު ހަރުކުރަން ފެބްރުއަރީ 2024ގައި ހަވާލުކުރީ ޗަައިނާގެ ޝަންޔަންގް ޔުއާންޑާ އިންޓެލެކްޗުއަލް ގުރޫޕާއެވެ. 'ސަން'އިން ސުވާލުކުރުމުން އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ، އެ މަޝްރޫއުގެ ތެރެއިން މިހާތަނަށް ހަތަރު ޓަވަރެއްގައި ލިފްޓު ހަރުކޮށް ނިމި، ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. އެއީ، ޓަވަރު އެކަކާއި ދެއަކާއި ތިނެއްގެ އިތުރަށް ހަތަރެކެވެ. އިތުރު ޓަވަރުތަކުގައި ލިފްޓުތަކުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ. ހިޔާ ޓަވަރުތަކުގައި ލިފްޓް ބާރު ބޮޑުވެ ލިފްޓް ކައިރީގައި ދިގު ކިޔޫއެއް ހަދާފައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން އެހެން ޓަވަރުތަކުގެ ލިފްޓުތައް ހަރުކުރުމުގެ ނިމުނީ ކިހާ ވަރަކަށްތޯ އާއި މުޅި މަޝްރޫއުއިން ނިމުނީ ކިހާ ވަރެއްތޯ ސުވާލުކުރުމުން ވިދާޅުވީ، ޖެހޭނީ ސީދާ އަދަދު ބަލައިލަން ކަމަށެވެ. އެ ކޯޕަރޭޝަނާ ހަވާލާދީ ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ މުޅި މަޝްރޫއުގެ 75 ޕަސެންޓު މަސައްކަތް ވަނީ ނިމިފައެވެ. އެގޮތުން، ހުރިހާ ޓަވަރުތަކެއްގެ 50 ޕަސެންޓަށް ވުރެ ބޮޑުބައެއްގެ މަސައްކަތް ނިމިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. ޕީއެސްއެމްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓަވަރު ފަހަކާއި ހައެއްގައި ލިފްޓު ހަރުކުރުމުގެ 90 ޕަސެންޓު މަސައްކަތް ވަނީ ނިމިފައެވެ. ފާހަގަކުރެވޭ ގޮތުގައި، އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ، އެ މަޝްރޫއުގެ ދަށުން ހަރުކުރާ 32 ލިފްޓު ގަތުމަށް 18 މިލިއަން ޑޮލަރު ހޭދަވި ކަމަށެވެ. ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ. ހިޔާގެ ޓަވަރުތަކުގައި އަލަށް ހަރުކުރާ ލިފްޓުތަކަކީ އެއްފަހަރާ 21 މީހުންނަށް އެރޭ ސްޓްރެޗާ އުފުލޭ ވަރުގެ ލިފްޓުތަކެކެވެ. އެޗްޑީސީން ބުނީ، އަލަށް ބަހައްޓާ ލިފްޓުތަކުގެ ފްލޯ ނަންބަރުތައް ބްރެއިލްއިން އެންގްރޭވް ކޮށްފައި ހުންނާނެ ކަމަށެވެ. އެއީ ލޮލަށް ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް ވެސް އިތުރު ފަރާތެއްގެ އެހީތެރިކަމާ ނުލައި، ފަސޭހަ ކަމާއެކު ބޭނުން ކުރެވޭނެ ލިފްޓުތަކަށް ވާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ