މިދިޔަ މޭ މަހާ ހަމައަށް ޓެކްސް ބަޔާން ހުށަނާޅާ މީހުންގެ ނަންތައް ހާމަކޮށްފި
މިދިޔަ މޭ މަހާ ހަމައަށް ޓެކުހުގެ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން މޯލްޑިވްސް އިންލެންޑް ރެވިނިއު އޮތޯރިޓީ (މީރާ)އިން ހާމަކޮށްފިއެވެ. މީރާއިން ބުނީ މި އަހަރުގެ މޭ މަހާ ހަމައަށް، ޖީއެސްޓީ އާއި ގްރީން ޓެކުހުގެ ބަޔާން ހުށަނާޅާ ފަރާތްތަކުގެ ނަން މީރާއިން ހާމަކޮށްފައިވާނެ ކަމަށެވެ. އެގޮތުން މީރާއިން މި މަހުގެ އަށްވަނަ ދުވަހު ފުރަތަމަ ޝާޢިއުކުރި ލިސްޓުގައި ޖުމުލަ 152 ފަރާތެއް ހިމެނިފައިވާކަމަށް ބުންޏެވެ. ނަމަވެސް، މި ލިސްޓު ޝާޢިއުކުރުމަށްފަހު، 17 ފަރާތަކުން ޖީއެސްޓީ އަދި ގްރީން ޓެކުހުގެ ބަޔާން ހުށަހަޅާފައިވާތީ، މި ވަގުތާ ހަމައަށް ޖީއެސްޓީ އަދި ގްރީން ޓެކުހުގެ ބަޔާން ހުށަނާޅާ ފަރާތްތަކުގެ އަދަދު ވަނީ 135 އަށް ދަށްވެފައިވާކަމަށް މީރާއިން ބުންޏެވެ. ޓެކުހުގެ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކުރާ އުސޫލުގެ ދަށުން، އެ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބުތަކާއި، އެފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ކިޔައިދެވިފައިވާނެ ކަމަށް މީރާއިން ބުންޏެވެ. އަދި އެސްއެމްއެސްގެ މެދުވެރިކޮށް ވެސް އެ ފަރާތްތަކަށް އެ ކަން އަންގާފައިވާނެ ކަމަށް މީރާއިން ބުންޏެވެ. ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައަޅައިފައިވާ އިތުރު ފިޔަވަޅުތައް ވެސް ތަފާތުކުރުމެއްނެތި އަޅަމުންގެންދާނެކަމަށް މީރާއިން މައުލޫމާތު ދެއެވެ. އެހެންކަމުން، މިހާތަނަށް ވެސް ޓެކުހުގެ ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހުށަހެޅުމަށާއި ޓެކްސް ނުދައްކައިވާ ފަރާތްތަކުން ލަސް ނުކުރައްވައި ޓެކްސް ދެއްކުމަށް، ނުވަތަ، މީރާއާއެކު ޓެކްސް ދެއްކުމުގެ އެއްބަސްވުމަކަށް އައުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ. ޓެކްސް ނުދައްކާ މީހުންގެ މައުލޫމާތު މީރާއިން އާންމުކުރިއިރު ވަރަށް ގިނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން އަންނަނީ އެކި މަސައްކަތްތައް ކުރުމަށްފަހު އެ ކަންކަމަށް ސަރުކާރުން ލިބެންޖެހޭ ފައިސާ ނުލިބޭކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ