ޤުރުއާން ކިޔެވުމުގެ 37ވަނަ ޤައުމީ މުބާރާތް ފަށައިފި
ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް މިރޭ ފަށައިފިއެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެެއްގައި، މި މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ، ކީރިތި ޤުރުއާނުގެ ޢިލްމު މުޅި ރާއްޖޭގައި ފެތުރުމުގެ މަސައްކަތަކީ އެންމެން ގުޅިގެން ކުރަން ޖެހޭ މަސައްކަތެއް ކަމަށެވެ. އިސްލާމްދީނާއި ކީރިތި ޤުރުއާނުގެ ރިސާލަތު ފެތުރުމަށް ގުޅިގެން މަސައްކަތްކުރުމަކީ މުހިއްމު އަދި މުޅި މުޖުތަމަޢުއަށް ފައިދާ ކުރާނެ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ. ހަމައެއާއެކު ޤުރުއާނުގެ ހިދާޔަތުގެ ތެރޭގައި ދަރިން ތަރުބިއްޔަތު ކުރުމަށްވުރެ ވަކިން ބޮޑު މާތް މަސައްކަތެއް ނޯންނާނެ ކަމަށާއި، އެކަމަށް ބެލެނިވެރިންނާއި މުދައްރިސުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ހިތްވަރު ދެއްވާ ކަމަށް ވިދާޅުވިއެވެ. ގުރުއާން ކިޔެވުމުގެ 37ވަނަ ގައުމީ މުބާރާތް ފެށުމުގެ ޖަލްސާގައި އިސްލާމިކް މިނިސްޓަރު ޝަހީމް ވާހަކަދައްކަވަނީ -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ މި މުބާރާތް މި މަހުގެ 26ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މިއަހަރުގެ މުބާރާތުގައި 119 މުއައްސަސާއަކުން 1037 ބައިވެރިން ވާދަކުރެއެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފީގައި 582 ފަރާތަކުންނާއި ނުބަލައި ކިޔެވުމުގެ ގޮފީގައި 424 ފަރާތަކުންނާއި ޙާފިޒުންގެ ގޮފީގައި 31 ޙާފިޒުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިއަހަރުގެ މުބާރާތަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމަކާއެކު ސީދާ ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދެވޭ މުބާރާތެކެވެ. އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި، މިއަހަރުގެ މުބާރާތުގެ ވަނަތަކަށް ދޭ އިނާމުތައް ދެގުނައަށް އިތުރު ކުރުމަށް ނިންމަވާފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން މިއަހަރުގެ މުބާރާތުގައި ޙާފިޡުންގެ ބައިގައި ބައިވެރިވި ބައިވެރިންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މި މުބާރާތުގެ ޙާފިޡުންގެ ބައިގައި 31 ޙާފިޡުން ބައިވެރިވެފައިވެއެވެ. ފާއިތުވެދިޔަ އަހަރު ބޭއްވުނު ކީރިތި ޤުރުއާން ކިޔެވުމުގެ 36ވަނަ ޤައުމީ މުބާރާތުގެ ޙާފިޒުންގެ ބައިގައި ވާދަކޮށްފައިވަނީ 15 ބައިވެރިިންނެވެ. މުބާރާތުގެ ކިޔެވުން ސަލާމްން ރަސްގެފާނު މިސްކިތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން ރަސްގެފާނު މިސްކިތުގެ ހަތަރުވަނަ ފަންގިފިލާ އޮޑިޓޯރިމްގައެވެ. އަދި ނުބަލާ ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން ރަސްގެފާނު މިސްކިތުގެ ފަސްވަނަ ފަންގިފިލާގެ މަލްޓިޕާޕަސް ހޯލުގައެވެ. ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ފެންވަރު ރަނގަޅުކޮށް ފާހަގަކޮށްލެވޭ މުބާރާތަކަށް ހެދުމަކީ ރައީސުލްޖުމުޙޫރިއްްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ ކަމެއްކަމަށް މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ