ކޯޓުން ހޯދަމުން އައި ޝަހީބު ފުލުހުންގެ މައި މަރުކަޒަށް ދިޔުމުން ހައްޔަރުކޮށްފި ކޯޓުން ހޯދަމުން އައި ޝަހީބު ފުލުހުންގެ މައި މަރުކަޒަށް ދިޔުމުން ހައްޔަރުކޮށްފި

ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޑްރަގު ޓްރެފިކިން މައްސަލައެއްގެ އަޑުއެހުމަށް ހާޒިރުނުވެގެން ހޯދަމުން އައި ގއ. ވިލިނގިލި, ލައިޓް ހައުސް, ޝަހީބު އިބްރާހީމް ފުލުހުންގެ މައި މަރުކަޒަށް ދިޔުމުން މިރޭ ހައްޔަރުކޮށްފި އެވެ.
ޝަހީބު އަމިއްލައަށް ގޮސް ފުލުހުންނާ ހަވާލުވެފައި މި ވަނީ ބަންދުގައި ބަހައްޓައިގެން އޭނާ ކޯޓަށް ހާޒިރުކުރަން އަމުރު ކުރިތާ ހަތަރު ދުވަސް ފަހުންނެވެ.
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރާ ޝަހީބުގެ މައްޗަށް ދައުވާކުރަނީ ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަކުން ފެނުނު 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގަ އެވެ. ފުލުހުން ބުނާ ގޮތުގައި މި މަސްތުވާތަކެތީގެ ވެރިޔަކީ ޝަހީބެވެ.
މި މައްސަލައިގައި ޝަރީއަތް ހިނގަމުން ދަނިކޮށް ޝަހީބު ވަނީ، އަޑުއެހުންތަކަށް ހާޒިރުވާން ޝަރުތުކޮށް، މީގެ ދެ އަހަރު ކުރިން ބަންދުން ދޫކޮށްލާފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި މި މައްސަލައިގައި ދެން އޮތީ ހުކުމް އިއްވަން ބާއްވާ އަޑުއެހުމެވެ.
މި މައްސަލައިގެ އިތުރުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ކަމަށް ތުހުމަތު ކުރެވިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް އިރާންގެ ބޯޓުގެ މައްސަލައާ ވެސް ޝަހީބާ ގުޅުން އޮވެ އެވެ. އިރާން ބޯޓުން ހައްޔަރު ކުރި ހަތް މީހުން ދޫކޮށްލިއިރު ޖާމިނުވީ ޝަހީބެވެ.
މި މައްސަލާގައި ޝަހީބުގެ އިތުރުން ފަސް މީހެއްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ. އެ މީހުންނަށް ކުރާ ދައުވާތަކަކީ، ޖަދުވަލު އެކެއްގައިވާ މަސްތުވާ އެއްޗެއް ރާއްޖެ އެތެރެކުރުމުގެ ދައުވާ އާއި ޖަދުވަލު އެކެއްގައިވާ މަސްތުވާ އެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އެވެ. މި ދައުވާތަކުގެ އަދަބަކީ އުމުރު ދުވަހުގެ ޖަލު ހުކުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ