އީސީއަށް ފުލުހުން އެހީތެރި ނުވާ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކުރި ފަހުން އަތޮޅުތަކަށް ވޯޓް ކަރުދާސް ގެންދިއުމުގައާއި ވޯޓު ފޮށިތަކުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމުގައި ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނި ނަމަވެސް ކޮމިޝަނަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެމުން ގެންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި އިންތިހާބަށް އެކޮމިޝަނުން ވަމުންދާ ތައްޔާރީތައް މަޑުޖައްސާލުމަށް ނުވަތަ ނުކުރުމަށް ވެސް އަންގާފައިނުވާ އިރު، އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓަށް އެކޮމިޝަނުން ތައްޔާރީތައް ވަމުން އަންނަ ކަމަށާއި އެކަމަކު އެކަމަށް ފުލުހުންގެ އެއްބާރުލުން ނުލިބޭ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް އާސިމް އަހްމަދު ވަނީ މީޑިއާގައި ވިދާޅުވެފަ އެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުންގެ މީޑިޔާ އޮފިޝަލަކު ވީނިއުސްއަށް ވިދާޅުވީ އިންތިހާބާ ގުޅިގެން ކޮމިޝަނަށް ފުލުހުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށާ މިހާރުވެސް އެ އެއްބާރުލުން ދެމުން ގެންދާ ކަމަށެވެ. އޭނާ ވިދާޅުވީ ފުލުހުން ހަރަކާތްތެރި ވަމުންދާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާ، ގާނޫނީ ގޮތުން ކޮމިޝަނަށް ވެދޭންޖެހޭ އެހީތެރިކަމަށް ފުލުހުންގެ ފަރާތުން ހުރަސްނާޅާނެ ކަމަށެވެ.
އަތޮޅުތަކަށް ވޯޓު ފޮށިތަކާއި ވޯޓް ކަރުދާސް ގެންދިއުމުގައި ފުލުހުންގެ އެހީތެރިކަން ނުލިބޭ ކަމަށް ކޮމިޝަނުން ބުނާއިރު އިންތިހާބުގެ ފުރަތަމަ ބުރުގައިވެސް ފުލުހުންގެ އެހީތެރިކަމެއް ނެތި ވޯޓް ކަރުދާހާއި ފޮށިތައް އެއް ތަނުން އަނެއް ތަނަށް ގެންގޮސްފައިވަނީ ކޮމިޝަންގެ މެންބަރުން ބޭނުންވާ ބަޔަކު ބޭނުން ކޮށްގެން ކަމަށް ކޮމިޝަނުގެ މެންބަރުން މީގެ ކުރިން ވިދާޅުވެފައިވެ އެވެ.
ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅައި ނިމެންދެން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުން ފަސްކުރުމަށް ކޯޓުން އަމުރު ކޮށްފައިވާއިރު، އިންތިހާބު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ކުރިއަށްދާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ. އަދި ކޯޓުގެ އަމުރަށްފަހުވެސް ބައެއް ރަށްރަށަށް ވޯޓު ކަރުދާހާއި ވޯޓްފޮށި ފޮނުވައި ފުލުހުންގެ އެހީތެރިކަމެއް ނެތި އެ ތަކެތި ކައުންސިލް އިދާރާތަކުގައާއި ބައެއް އަމިއްލަ މީސް މީހުންގެ ގެ ކުއްޔަށް ނަގައިގެން އެތަކެތި އެތަންތަނުގައި އިލެކްޝަންސް ކޮމިޝަނުން ބަހައްޓަމުންދާ ކަމަށް ބައެއް ކައުންސިލް އިދާރާތަކުން ވީނިއުސްއަށް ވަނީ މައުލޫމާތު ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ