އެއާޕޯޓްގެ އެލާމް މަޝްރޫއު އުމަރު ނަސީރުގެ ކުންފުންޏަށް ދީފި
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލްތަކުގެ ފަޔާ އެލާމް ސިސްޓަމް ބެލެހެއްޓުމުގެ މަސައްކަތް ޖީއެމްއާރުން، ޑީއާރުޕީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރުގެ އެލާމްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ. ޖީއެމްއާރާ އެއާޕޯޓް ހަވާލުކުރުމުން އެކަމާ ވަރަށް ބޮޑަށް ދެކޮޅަށް ވާހަކަ ދައްކަވަމުން އަންނަ، އަދި އެއާޕޯޓް ދިވެހިންގެ އަތްމައްޗަށް ގެނައުމަށް ރައްޔިތުން އެއާޕޯޓަށް އަރަން ޖެހިއްޖިއްޔާ އެކަން ކުރާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައިވާ އުމަރުގެ ކުންފުންޏަށް އެ މަޝްރޫއު ހަވާލުކުރީ ކޮން އަގެއްގައި ކިހާ ދުވަހަކަށް ކަމެއް ޖީއެމްއާރަކުން ނުބުނެ އެވެ. އެހެން ނަމަވެސް ހަވީރަށް އެނގިފައިވާ ގޮތުގައި އެ މަޝްރޫއަކީ ހަތް މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ޖީއެމްއާރުގެ އޮފިޝަލަކު މިރޭ "ހަވީރާ" ވާހަކަދައްކަވަމުން ވިދާޅުވީ އެއާޕޯޓްގެ ޓާމިނަލްގެ ފަޔާ އެލާމް ސިސްޓަމް ބެލެހެއްޓުމުގެ މަސައްކަތް އުމަރު ނަސީރުގެ ކުންފުންޏާ ހަވާލުކުރީ ބީލަން އުސޫލުން ކާމިޔާބުކޮށްގެން ކަން އެނގިފައިވާ ކަމަށެވެ. އެއާޕޯޓްގެ ޓާމިނަލްތަކުގައި ހުންނަ އެލާމް ސިސްޓަމް އެތެރެކޮށް ވިއްކުމުގެ ހުއްދަ އޮންނަ ހަމައެކަނި ފަރާތަކީ އެލާމްސް ޕްރައިވެޓް ލިމިޓެވެ. އަދި އެއާޕޯޓް ޓާމިނަލްތަކުގައި ހުންނަ އެލާމް ސިސްޓަމް ބެހެލެއްޓުން އެއާޕޯޓް ކޮމްޕެނީން ކުރަމުން ދިޔައިރު ވެސް ތަކެތި ސަޕްލައިކޮށްދީފައި ވަނީ އެލާމްސް އިންނެވެ. "އެލާމްސް ނޫން އެހެން ބައެއްގެ އަތުން އެ ބްރޭންޑް ރާއްޖެއިން ނުލިބޭ. އެލާމްސް އެ ތަކެތި އެއާޕޯޓަށް ސަޕްލައިކޮށްދޭތާ ހަތަރު ވަރަކަށް އަހަރުވެދާނެ،" ޖީއެމްއާރުގެ މުވައްޒަފަކު ނަން ނުޖެހުމަށް އެދި ވާހަކަދައްކަމުން ބުންޏެވެ. އެއާޕޯޓުގެ އެލާމް ސިސްޓަމަށް ބޭނުންވާ ސާމާނު އުމަރު ނަސީރުގެ އަތުން ނުގަތުމަށް ޖީއެމްއާރުގެ ސީއީއޯ އެންޑްރޫ ހެރިސަން ވަރަށް ފަހުން އެކަމާ ބެހޭ ޑިޕާޓްމަންޓަށް އަންގާފައިވާ ކަމަށްވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ