މޫސުން ގޯސްވެ، ފިޔޯރީގެ ދަނޑުުތައް ހަލާކުވެ ދަނޑުވެރިންނަށް ބޮޑު ގެއްލުމެއް!

މިހާރު ރާއްޖެ އަށް ކުރަމުންދާ ގަދަ ވިއްސާރައިގައި ފެންބޮޑުވެ، ފިޔޯރީ އާއި ކާށިދޫގެ ގިނަ ދަނޑުތަކެއް ހަލާކުވެއްޖެ އެވެ. ފެން ބޮޑުވެ، ފިޔޯރީ އާއި ކާށިދޫ ދަނޑުތައް ހަލާކުވެއްޖެ ފިޔޯރީ ކައުންސިލްގެ ރައީސް މުހައްމަދު އަހުމަދު ވިދާޅުވި ގޮތުގައި ރޯދަ މަހަށް ހާއްސަކޮށްގެން އެ ރަށުގައި ހައްދާފައި ހުރި ހުރިހާ ދަނޑެއްގައި ފެން ބޮޑުވުމުގެ ސަބަބުން އެ ދަނޑުތައް ވަނީ އެއްކޮށް ހަލާކުވެފަ އެވެ. ކޮންމެ ރޯދަ މަހަކު ވެސް އެ ރަށުން ކަރާ އާއި ކިއުކަމްބާ އަދި ޓޮމާޓޯ ފަދަ ބާވަތްތައް މާލެ ފޮނުވާއިރު، މި ގެއްލުމުގެ ސަބަބުން އެއްވެސް ބާވަތެއް މާލެ ފޮނުވޭނެ ކަމުގެ އުންމީދު މިހާރު ގެއްލިއްޖެ ކަމަށް މުހައްމަދު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ރަށުގެ ކޮންމެ ދަނޑުވެރިއެއް ވެސް މި އަހަރުގެ ރޯދަ މަހަށް ދަނޑު ހެއްދުމަށް ގަސްގަހަށް ދޭން ޖެހޭ ކާނާ އާއި ބޭހަށް އެކަނި ވެސް 25،000-30،000ރ. ހޭދަކޮށްފައި ވެއެވެ. އެހެންކަމުން މިއީ އެ ރަށުގެ ހުރިހާ ދަނޑުވެރިންނަށް ވެސް ލިބުނު ބޮޑު ގެއްލުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ފިޔޯރީގައި ހައްދާފައި ހުރި ދަނޑުތަކުގައި ހަތަރު ވަރަކަށް ދުވަސްވަންދެން ފެން ބޮޑުވެފައިވާ އިރު ދެތިން ގެއަކަށް ފެން ވަދެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ގެއެއްގައި ރެނދު ލާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. މޫސުން ގޯސްވުމާ ގުޅިގެން ފިޔޯރީގެ ދަނޑުތައް ހަލާކުވެފައިވާ އިރު ކާށިދޫގެ ވަރަށް ގިނަ ދަނޑުތައް ވެސް ވަނީ ހަލާކުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ