2008 ގައި ރައްޔިތުން ދިން ވޯޓު އަދިވެސް އޮތީ ރަނގަޅަށް: ރައީސް

ދެހާސް އަށް ވަނަ އަހަރު ރައްޔިތުން އާ ސަރުކާރަކަށް ދިން ވޯޓު އަދިވެސް އެ ގޮތުގައި އެބައޮތް ކަމަށް ރައީސް މުހަންމަދު ވަހީދު ހަސަން މަނިކު ރޭ ވިދާޅުވެއްޖެ އެވެ. ށ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ރޭ ފުނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ރައީސް ވަހީދު ވިދާޅުވީ، 2008 ގައި ރައްޔިތުން ވޯޓު ދިނީ، ކުރީގެ ރައީސް މުހަންމަދު ނަޝީދާއި އެ މަނިކުފާނަށް ކަމަށެވެ. އެ ގޮތުން ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްކޮޅުގައި ނަޝީދުގެ ނަމާއި އެ މަނިކުފާނުގެ ނަން އޮތް ކަން ރައީސް ވަހީދު ފާހަގަ ކުރެއްވި އެވެ. "އަޅުގަނޑުމެން ދެ މީހުންނަށް ތިޔަބޭފުޅުން ވޯޓު ދެއްވީ. އެހެންވީމާ، ރިޔާސަތަށް އިންތިހާބުވީ އެންމެ މީހެއް ނޫން. އެކަން އެމްޑީޕީގެ ބައެއް ބޭފުޅުންނަށް އޮޅިވަޑައިގެންފި. ނަމަވެސް، އޭގެ ތެރޭގައި ތިއްބެވި ތައުލީމީ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މިކަން އޮތީ މިހެންކަން. ދިވެހި ރައްޔިތުން ވޯޓު ދެއްވާފައި ވަނީ ދެ މީހަކަށް ރިޔާސަތުގައި ތިބުމަށް. އެއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި މީހަކާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަގާމުގައި ހުންނަ މީހަކު. ދެން ގާނޫނު އަސާސީގައި ކަނޑައެޅިފައި މި އޮންނަނީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ މީހަކު. ކޮންމެ ސަބަބަކާ ހުރެ ނަމަވެސް، އޭނާގެ ވަޒީފާ އަދާކުރައްވަން އުޒުރުވެރިވެއްޖެނަމަ، އަދާނުކުރެވިއްޖެނަމަ، ނޫނީ އިސްތިއުފާ ދެއްވައިފިނަމަ، އެ މަގާމަށް މި އަންނަންޖެހެނީ، ނާއިބު ރައީސް،" އެމްޑީޕީގެ ބައެއް ޒުވާނުން އެ މީހުންގެ ވޯޓު ކޮބައިތޯ އަހައި ތަފާތު ޕޯޑިއަމްތަކުގައި ވާހަކަ ދައްކާތީ އެއަށް އިޝާރާތް ކުރައްވައި ރައީސް ވަހީދު ވިދާޅުވި އެވެ. "އެހެންވީމަ ތިޔަބޭފުޅުން ދެއްވި ވޯޓު އަދިވެސް ހަމަ އޮތީ ސައްހަކޮށް، އަދިވެސް އޮތީ ހަމަ ރަނގަޅަށް. އެ ވޯޓް އަދިވެސް މި ހިނގަނީ." ސަރުކާރަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅޭ ފުނަދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވަހީދު ވަނީ، އެ މަނިކުފާނުގެ ސަރުކާރަށް އަމާޒުކޮށް އެކި ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަށް ޖަވާބު ދެއްވައިފަ އެވެ. އެ ގޮތުން މިއީ ހައްދުފަހަނަޅާ މީހުންނަށް އެހީތެރިކަން ދޭނެ ސަރުކާރެއް ކަމަށް ބައިނަލްއަގްވާމީ ފަރާތްތަކުން ވާހަކަ ދައްކަމުން ގެންދާތީ ރައީސް އެއަށް ރައްދު ދެއްވި އެވެ. ރައީސް ވަހީދު ވިދާޅުވީ، އިސްލާމްދީން ކުރިއެރުވުމަށްޓަކައި ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރުމަކީ، ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ، އެމެރިކާ އާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކުގައި ވެސް، އެ މީހުންގެ ދީން ކުރިއަރުވަން މަސައްކަތްކުރާ ޕާޓީތައް ހުންނަ ކަމަށާއި ރާއްޖެ އަކީ އިސްލާމީ ގައުމެއް ކަމަށްވާއިރު، އިސްލާމްދީން ކުރިއަރުވަން މަސައްކަތްކުރާ ޕާޓީތައް ރާއްޖޭގައި ހުންނާނެ ކަމަށެވެ. "އެހެންވީމާ، ދިވެހި ގައުމުގެ ވަކި ބަޔަކު، ދިވެހިންގެ ތެރޭގައި ހައްދުފަހަނަޅާފައި ހުރި ކަންތައްތަކެއް ކުރިއަރުވަން ބަޔަކު މަސައްކަތް ކުރަނީއޭ، ސަރުކާރަކީ މިކަހަލަ ސަރުކާރެކޭ ކިޔައިގެން ވާހަކަ ދެއްކުމަކީ، އެއީ ވެސް ފިތުނަ ފަސާދަ އުފެއްދުން. އަދި ރާއްޖޭގެ އިގުތިސާދު ހަލާކު ކޮށްލުމަށްޓަކައި މަސައްކަތް ކުރުން،" ރައީސް ވަހީދު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ، ރާއްޖޭގެ އިގުތިސާދު ހަލާކުކޮށްލުމަށްޓަކައި އަޑީގައި ތިބެގެން މަސައްކަތް ކުރަނީ، ނަޝީދުގެ ރަހުމަތެރި ބަޔަކު ކަމަށެވެ. އަދި ރައީސް ވަހީދު ވިދާޅުވީ، ގައުމުގެ އިގުތިސާދު ހަލާކުކުރަން މަސައްކަތް ކުރުމުން ގެއްލުން ވަނީ އެއިރަކު އޮންނަ ސަރުކާރަކަށް ނޫން ކަމަށެވެ. "އެއީ ދިވެހި ރައްޔިތުންނަށް ލިބޭ ގެއްލުމެއް. ދިވެހި ރައްޔިތުންގެ ގިނަ ބަޔަކަށް ލިބޭ ގެއްލުމެއް. އެފަދަ ކަމެއް ކުރަން، ދިވެހި އެއްވެސް ބަޔަކު މަސައްކަތް ކުރުމަކީ، އެއީ ގައުމާ ދެކޮޅަށް ކުރެވޭ ވަރަށް ބޮޑު ދެރަ ކަމެއް. އަޅުގަނޑުމެންނަށް މި ޖެހެނީ، އެކަން ރަނގަޅު ކުރުމަށްޓަކައި މަސައްކަތްކުރަން މިހާރު. އިރާދަކުރެއްވިއްޔާ، ރާއްޖޭގެ އިގުތިސާދު ރަނގަޅު ކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އަޅުގަނޑުމެން އަޅަމުން ގެންދާނަން. އަޅުގަނޑުމެންގެ ޓީމުގައި، އަޅުގަނޑުމެންގެ ކެބިނެޓުގައި، އެކަމަށް ގާބިލް ބޭފުޅުން އެބަތިއްބެވި،" ރައީސް ވަހީދު ވިދާޅުވި އެވެ. ފެބްރުއަރީ 7 ގައި ރައީސް ކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު، ށ. އަތޮޅަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ފުނަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގައި ޑިމޮކްރެސީ ފަހަތަށް ދާ ކަމަށް އެމްޑީޕީގެ މެމްބަރުންނަށް ހީވާ ހީވުމަކީ ހަގީގަތެއް ނޫން ކަމަށެވެ. ރައީސް ވިދާޅުވީ، ޑިމޮކްރެސީ ގެނައުމަށް ވަރަށް ގިނަ ބަޔަކު މަސައްކަތްކުރި ކަމަށާއި އެކަން ފެށިފައި ވަނީ 2008 ގެ ވެސް މާ ކުރިން ކަމަށެވެ. އެ ގޮތުން އެ މަނިކުފާނު ވިދާޅުވީ، ޑިމޮކްރެޓިކް ވެރިކަމެއް ރާއްޖޭގައި ގާއިމް ކުރެވުނީ، މިދިޔަ 30 ނުވަތަ 40 އަހަރު ވެސް ކުރި މަސައްކަތުގެ ނަތީޖާގެ ސަބަބުން ކަމަށެވެ. އެހެން ނަމަވެސް ވެރިކަމުގައި ތިބި ބަޔަކު، ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް މަސައްކަތް ކުރުމުން، ޑިމޮކްރެސީއަށް ވަރަށް އުނދަގޫ މައްސަލަތަކެއް ކުރިމަތިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެކަން އެ ގޮތަށް ކުރުމަކީ ޑިމޮކްރެސީއަށް ކުރިމަތިލާންޖެހޭ ގޮންޖެހުމެއް ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ. "އެކަންކަން އެބަ ރަނގަޅު ކުރަންޖެހޭ. މިއަދު މި އޮތީ އަޅުގަނޑުމެންނަށް، އެ ފުރުސަތު ލިބިފައި. އެކަންކަން ރަނގަޅު ކުރުމުގެ ފުރުސަތު ލިބިފައި. އަޅުގަނޑުމެން މިއަދު ދެކެންވާނީ، އަޅުގަނޑުމެން މި ގައުމަށް މި އައި ހެޔޮ ބަދަލަކީ، މިއީ އޭގެ ސަބަބުން ޑިމޮކްރެސީ ކުރިއަށް ގެންދިއުމަށްޓަކައި ލިބުނު އަނެއްކާ ވެސް ރަނުގެ ފުރުސަތެއް ކަމަށް،" ރައީސް ވިދާޅުވި އެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ، ކަންކަން އިސްލާހުކުރުމަށްޓަކައި، ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުމަށް ބާރު އަޅުއްވައިފަ އެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ފުނަދޫ ރައްޔިތުންގެ އުންމީދަކީ، އެ ރަށުގައި އެއާޕޯޓެއް އޮތުން ކަމަށާއި އެހެންވެ އެކަން ކުރެވޭނެ ގޮތެއް ސަރުކާރުން ހޯދާނެ ކަމަށެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ، އިއްޔެ ފާހަގަކުރި އަންހެނުންގެ ދުވަހުގެ މައްޗަށް ވެސް ބައްލަވާލައްވައިފަ އެވެ. އެ ގޮތުން، ބައެއް ރަށްރަށުގެ އަންހެނުން ކުރަމުންދާ މަސައްކަތްތަކަށް ދައުލަތުގެ ފަރާތުން އުޖޫރަ ލިބެމުން ނުދާކަން ފާހަގަ ކުރެއްވޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި އަންހެނުން ރަށް ސާފުކުރުން ފަދަ ކަންކަން ކޮށްގެން ދައުލަތުން ލިބެންޖެހޭ އުޖޫރައެއް ވާނަމަ މި އަހަރުގެ ތެރޭގައި ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަހީދު ވަނީ ދެއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ