ނޮވެމްބަރ 03 ގެ އުދުވާނީ ހަމަލާ ދިނުމުގައި އިސްކޮށް ހުރި އެހަމަލާގެ މޭސްތިރިޔާ ހ.ހާޖަރާގެ އަބްދުﷲ ލުތުފީ ހައްޔަރު ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓަރަކަށް ހުންނަވައިގެން އުމަރު ނަސީރު ކުރެއްވި މަސައްކަތުގެ ބައެއް ތަފްސީލްތައް މިއަދު ހާމަކުރައްވައިފިއެވެ.
އުމަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލުތުފީ އާއި ބެހޭ މައުލޫމާތު ފޯރުކޮށްދިން ފަރާތަކަށް 75000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅުމަށް ފަހު އެއިނާމު 10000 ޑޮލަރަށް ފަހުން ބޮޑު ކުރެވުނު ކަމަށެވެ.
ކޮލަމްބޯގައި ލަންކާގެ ލޯ އެންޑް އޯޑާ މިނިސްޓަރާއި ބައްދަލުކޮށް ލުތުފީ ހޯދުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އެދިވަޑައިގެންނެވި ކަމަށާއި އަދި ނޭޕާލްގައި އޮތް ސާކްގެ ހޯމް މިނިސްޓަރުންގެ ބައްދަލުވުމެއްގައި ވެސް ލަންކާގެ މިނިސްޓަރާއި ބައްދަލުކޮށް އެހީތެރިކަމަށް އެދިފައި ވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
އަދި ލަންކާގެ ފުލުހުންގެ ޗީފް އާއި ބައްދަލު ކުރައްވާފައި ވެސް ލުތުފީ ހައްޔަރު ކުރުމުގައި އެހީތެރިކަން ހޯދަން އެދިފައި ވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ލަންކާގެ ނަވަލޯކާ ހޮސްޕިޓަލްގައި ލުތުފީ ކެރަފާ ނަސީމާއި އެކު ހުރި ކަމުގެ މައުލޫމާތު ލިބިގެން ވަގުތުން ލަންކާ ފުލުހުން އެތަނަށް ފޮނުވުނު ކަމަށެވެ. ނަމަވެސް އޭރު ލުތުފީ ފިލާފައިވާ ކަމަށް އުމަރު ވިދާޅުވިއެވެ.
ލަންކާގެ ނުގޭގޮޑާގައި ލުތުފީ ދިރިއުޅޭ ކަމުގެ މައުލޫމާތު ލިބިގެން ދިވެހި ސިއްރު ފުލުހުންގެ ޓީމެއް ލަންކާ އަށް ފޮނުވައިގެން އެއްމަސް ދުވަސް ވަންދެން މަސައްކަތް ކުރި ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
(ތަފްސީލް އަންނަނީ)
ލުތުފީ ހޯދަން ޔާމީންގެ ސަރުކާރުގައި ކުރި މަސައްކަތުގެ ތަފްސީލް އުމަރު ހާމަކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ