ބީޖީގެ މައްޗަށް ކުރި ހޯދާ، ލީގުގެ ފެށުން ވެލެންސިއާއިން ރަނގަޅުކޮށްފި

ބީޖީގެ މައްޗަށް ފަސޭހަކަމާއެކު، 0-3 އިން ކުރި ހޯދާ ވެލެންސިއާއިން އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ ފެށުން ރަނގަޅުކޮށްފިއެވެ.
މިރޭ ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގައި ވެލެންސިއާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގެ ފުރަތަމަ ގޯލް ވެލެންސިއާއަށް މެޗުގެ 31 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެންޖެލް ކެރެސޮސާ މުނޯޒްއެވެ. އަދި އޭގެ އަށް މިނެޓްފަހުން އަހުމަދު ރިލްވާން ވަނީ، ވެލެންސިއާއަށް މެޗުގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީފައެވެ.
ގޯލްޖަހާނެ ރަނގަޅު ފުރުސަތެއް ފުރަތަމަ ހާފް ނިމުމުގެކުރިން ބީޖީއަށް ލިބުނު ނަމަވެސް، އެޓީމަށް ވަނީ އެ ފުރުސަތުގެ ބޭނުން ހިފޭގޮތް ނުވެފައެވެ.
ފުރަތަމަ ހާފް ވެލެންސިއާއިން ދެ ގޯލުގެ ލީޑަކާއެކީ ނިންމާލިއިރު، ދެވަނަ ހާފްގެ ކުރީކޮޅު ވެލެންސިއާއިން ވަނީ އެޓީމުގެ ތިންވަނަ ގޯލް ކާމިޔާބުކޮށްފައެވެ. މި ގޯލް ވެލެންސިއާއަށް ކާމިޔާބުކޮށްދިނީ، އެޓީމުގެ ފުރަތަމަ ގޯލް ވެސް ކާމިޔާބުކޮށްދިން މުންޒޯއެވެ.
މެޗު ނިމުމުގެ ކުރިން ބީޖީއަށް ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.
ލީގުގައި މާދަމާ ވެސް ދެ މެޗު ކުޅޭނެއެވެ. މާދަމާ ހަވީރު ކުޅޭ މެޗުގައި ވިކްޓްރީ އާއި ޔުނައިޓެޑް ވިކްޓްރީ ބައްދަލުކުރާއިރު، މާދަމާ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި އީގަލްސްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ