ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ވިލާ ގްރޫޕަށް ސެޓްލްމެންޓް އެގްރީމެންޓްގެ ދަށުން ދޫކޮށްފައިވާ ފަަޅުތަކުގެ އެގްރީމެންޓް ބާޠިލުކޮށް، އެތަންތަން ދައުލަތަށް އަނބުރާ ނެގުން ވަގުތީ ގޮތުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން އަމުރު ކޮށްފިއެވެ.
ސެޓްލްމަންޓް އެގްރީމަންޓްތަކުގެ ދަށުން ދޫކޮށްފައިވާ 3 ރަށާއި 3 ފަޅު ގާސިމް އަށް ދޫކުރުމަށް ވެފައިވާ އެއްބަސްވުން ބާތިލް ކޮށް އެތަންތަން ސަރުކާރަށް ނަގައިފިކަން ޓުއަރިޒަމް މިނިސްޓްރީއިން އިޢުލާން ކޮށްފައި ވަނީ 2015 ފެބްރުއަރީ ފަސްވަނަ ދުވަހުއެވެ.
މިކަމާ ގުޅިގެން، ވިލާ ގްރޫޕުގެ ސަބްސިޑަރީ ކުންފުނި ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސްއިން ވަނީ، މައްސަލަ ވަކި ގޮތަކަށް ނިމެންދެން އެގްރީމެންޓްތައް ބާޠިލު ނުކުރުމުގެ އަމުރަކަށް އެދި، ސިވިލް ކޯޓަށް ހުށަހަޅާފައެވެ.
ސަރުކާރަށް ނަގަން ނިންމާފައި ވަނީ، ވިލާއަށް ދީފައިވާ ތިން ފަޅުރަށް ތ. އެލާ އާއި ރ. މާނެންފުއްޓާއި ގދ. ގަޒީރާއާއި، ތިން ފަޅު ކަމުގައިވާ ކ. މާދިއްގަރުފަޅާއި ކ. ބޮލިދުއްފަރުފަޅާއި ކ. ވާވެއްދިއްފަޅެވެ.
ސިވިލް ކޯޓުން ރޭ ނެރުނު އަމުރުގައި ބުނެފައި ވަނީ، ހިމާޔަތް ލިބެންޖެހޭ މައުލޫއީ ހައްގެއް ދައުވާކުރާ ފަރާތަށް ލިބިގެން ނުވާ ކަމަށް ދައުލަތުން ބުނެފައިވާ ނަމަވެސް، ކޯޓުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ވިލާ ކުންފުނީގެ ހައްޤެއްް އޮތުމުގެ އިހްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ފެންނަން އޮތް ކަމަށެވެ.
އަދި، ބަދަލެއް ދޭންޖެހޭނަމަ އެ ބަދަލުވެސް ދޭނެ ކަމަށް ދައުލަތުން ބުނެފައިވާ ނަމަވެސް، ވިލާ ކުންފުންޏަށް އެ ފަޅުތައް ދީފައި ވަނީ މާލީ ހާލަތު ހުރި ގޮތުން އެ ކުންފުންޏަށް ދޭންޖެހުނު ބަދަލެއް ނުދެވިގެންކަން އެނގެން އެބައޮތް ކަމަށް ވެސް ސިވިލް ކޯޓުގެ އަމުރުގައި ބުނެފައިވެއެވެ.
ކޯޓުގެ އަމުރުގައި ބުނެފައި ވަނީ، ފެބްރުއަރީ ފަހެއް އަދި އަށެއްގައި ފޮނުވާފައިވާ ސިޓީއަށް އަމަލުކުރަން ފަސްކުރާ ކަމަށާއި، ފެބްރުއަރީ ފަހެއްގެ ފަހުން، ދަޢުވާގައި ބުނެފައިވާ ފަޅުތަކާ ބެހޭގޮތުން އެއްވެސް ކަހަލަ މުއާމަލާތެއް ކޮށްފައިވާނަމަ އެކަންކަން ތަންފީޒުކުރުމަށް އެއްވެސް ކަމެއް ނުކުރުމަށް އަންގާ ކަމަށެވެ.
ގާސިމަށް ދޫކުރި ރަށްތަކާއި އެހެން ފަޅުތަކުގެ އިތުރުން ވެސް، އެހެން ބައެއް ފަރާތްތަކަށް ދޫކޮށް، ތަރައްގީ ނުކޮށް ހުރި ގިނަ ތަންތަނުގެ އެގްރީމަންޓް ޓޫރިޒަމުން ވަނީ 2015 ފެބްރުއަރީ ފަހެއްގައި ބާތިލްކޮށްފަ އެވެ.
މީގެ އިތުރުން ގަވައިދުން ކުލި ނުދައްކާ ރިސޯޓްތަކުން ޖޫރިމަނާ ފައިސާ މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ދައްކަން ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ މިހާރު އަންގައިފަ އެވެ.
ޓޫރިޒަމުން ބުނީ ކުލި އަދި ޖޫރިމަނާ ފައިސާ ނުދައްކާ ފަރާތްތަކުގެ އެއްބަސްވުން ބާތިލްކޮށް، ސަރުކާރަށް އެ ރިސޯޓްތައް ނަގަން ވެސް ނިންމާފައި ކަމަށެވެ.
ޤާސިމްގެ ފަޅުތައް އަނބުރާ ނެގުން ވަގުތީ ގޮތުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ