ނިމުނު އަހަރުގެ ތެރޭގައި ރިސޯޓު ކުލިން އާމްދަނީގެ ގޮތުގައި ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި އަންދާކުރި ނަމަވެސް, އަހަރު ނިމުނު އިރު އެ އަދަދަށް ކުލި އާމްދަނީ ނުލިބޭ ކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާ ގޮތުގައި, އަހަރު ނިމުނުއިރު ރިސޯޓު ކުލި އާމްދަނީގެ ގޮތުގައި ލިބުނީ 1.8 ބިލިއަން ރުފިޔާ އެވެ. މިއީ އަންދާޒާ ކުރި ވަރަށް ވުރެ 127 މިލިއަން ރުފިޔާ މަދު އަދަދެކެވެ.
ރިސޯޓު ކުއްޔަކީ ޑޮލަރުން ދައްކަން ޖެހޭ ފައިސާއެއް ކަމުން, ރުފިޔާއިން ޖެހުނު އަދަދު ޑޮލަރުން ހިސާބުކުރާއިރު މިދިޔަ އަހަރު 123 މިލިއަން ޑޮލަރު ދައުލަތަށް ލިބުނެވެ.
ބަޖެޓުގައި އަންދާޒާ ކުރި ވަރަށް މިދިޔަ އަހަރު ރިސޯޓު ކުލި ނުލިބުނަސް, އޭގެ ކުރީ އަހަރަށް ވުރެ ކުލި އާމްދަނީ އިތުރެވެ. މިދިޔަ އަހަރު ނޫން އޭގެ ކުރީ އަހަރު ރިސޯޓު ކުލިން ލިބުނީ 115 މިލިއަން ޑޮލަރެވެ. އެއީ ދިވެހި ރުފިޔާއިން 1.7 ބިލިއަން ރުފިޔާ އެވެ.
ބައެއް ރިސޯޓުތަކުން ކުލި ނުދައްކާ މައްސަލައަކީ ހައްލު ނުވެ އަހަރުތަކެއް ވެފައިވާ މައްސަލައެކެވެ. މިކަން ހައްލުކުރަން އެކި ސަރުކާރުތަކުން މަސައްކަތް ކުރި ނަމަވެސް އެދެވޭ ހައްލެއް މިހާތަނަށް ލިބިފައި ނުވެ އެވެ.
ދައުލަތަށް ނުލިބިވާ އާމްދަނީގެ އެންމެ ބޮޑު ބަޔެއް ވެސް ހިއްސާކުރަނީ ރިސޯޓު ކުއްޔާއި ކުލި ނުލިބުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ އެވެ.
މިދިޔަ އަހަރުގެ މެދު ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް, ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ހިއްސާކުރެއްވި އަދަދުތަކުން ދައްކާ ގޮތުގައި ދައުލަތަށް ލިބެން ޖެހި ނުލިބިވާ 15.4 ބިލިއަން ރުފިޔާގެ ތެރެއިން 6.9 ބިލިއަން ރުފިޔާއަކީ ކުއްޔާއި ސީއެސްއާރު ގޮތުގައި ލިބެން ޖެހޭ ފައިސާ އެވެ.
ބަޖެޓުގައި އަންދާޒާ ކުރި ވަރަށް ރިސޯޓު ކުއްޔެއް ނުލިބޭ ބަޖެޓުގައި އަންދާޒާ ކުރި ވަރަށް ރިސޯޓު ކުއްޔެއް ނުލިބޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ