ސްޕީޑްގެ ވޯލްޑްކަޕް ލަވަ ''ޗެމްޕިއަން'' ފީފާގެ ރަސްމީ އަލްބަމަށް
މަޝްހޫރު ސްޓްރީމަރު އަދި ކޮންޓެންޓް ކްރިއޭޓަރު އައިޝޯވްސްޕީޑްގެ ފުޓްބޯޅަ ލަވަ "ޗެމްޕިއަންސް" ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ރަސްމީ އަލްބަމްގައި ހިމަނައިފިއެވެ. މި ލަވަ ރަސްމީ އަލްބަމްގައި ހިމެނިކަން ފީފާއިން ކަށަވަރުކޮށްދިނީ ޖޫން މަހުގެ 5 ވަނަ ދުވަހު އަލްބަމް ނެރުމުގެ ކުރިން، ބުރާސްފަތި ދުވަހު ސްޕީޑް ކުރިއަށްގެންދިޔަ ލައިވްސްޓްރީމެއްގެ ތެރެއިންނެވެ. މި ކާމިޔާބީއަކީ ލަވަ ރަސްމީކޮށް ބަލައިގަތުމަށް އެދި އޭނާ ފީފާއާ ގުޅުމަށް ކުރި މަސައްކަތުން ލިބުނު ބޮޑު ކުރިއެރުމެކެވެ. މިދިޔަ އާދިއްތަ ދުވަހު ނެރުނު "ޗެމްޕިއަންސް" ގެ މިއުޒިކް ވީޑިއޯއިން ފެންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފުޓްބޯޅަ ސަޕޯޓަރުންނާއި، ސްޕީޑް އޭނާގެ ދަތުރުތަކުގައި ޒިޔާރަތްކުރި ގައުމުތަކުގެ މަޝްހޫރު ބައެއް ސްޓޭޑިއަމްތަކެވެ. ވޭތުވެދިޔަ ދެ އަހަރަށްވުރެ ގިނަ ދުވަހު އެކި ގައުމުތަކުގައި ލައިވްސްޓްރީމްކޮށް، އެ ގައުމުތަކުގެ ސަގާފަތްތައް ދައްކާލުމުގައި ސްޕީޑް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ފުޓްބޯޅައަށް އޭނާގެ ހުންނަ ފޯރިއާއި ލޯބީގެ ސަބަބުން މިފަދަ ލަވައެއް ނެރުމަކީ ސަޕޯޓަރުންނަށް މާ ބޮޑު ހައިރާންކަމެއް ލިބުނު ކަމަކަށް ނުވިޔަސް، ފީފާގެ ރަސްމީ އަލްބަމުން ޖާގަ ލިބުމަކީ ގިނަ ބަޔަކު އަންތަރީސްވި ކަމެކެވެ. މި ޚަބަރާއެކު ސޯޝަލް މީޑިއާގައި ސްޕީޑްގެ ސަޕޯޓަރުން ދަނީ އުފާފާޅުކުރަމުންނެވެ. ގިނަ ބަޔަކު ފާހަގަކުރި ގޮތުގައި މިއީ އިންޓަނެޓްގެ ޒަރީއާއިން އާންމުންގެ ސަމާލުކަން ހޯދި މީހަކު، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތުގެ ރަސްމީ އަލްބަމުން ޖާގަ ހޯދުމަކީ އާދަޔާހިލާފު ކަމެއްގެ ގޮތުގައެވެ. މީގެއިތުރުން މިކަމަކީ މި ޒަމާނުގައި ޑިޖިޓަލް ކޮންޓެންޓް އުފައްދާ މީހުންގެ ނުފޫޒު މުޅި ދުނިޔެއަށް ފެތުރިފައިވާ މިންވަރު ހާމަކޮށްދޭ ދިރިހުރި މިސާލެއްގެ ގޮތުގައި ސަޕޯޓަރުން ސިފަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ