ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން ހަމައެކަނި މަސް އެކްސްޕޯޓުކުރުމުގެ ބަދަލުގައި ކުންފުންޏަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދަންޖެހޭ ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ މުހައްމަދު އަނަސް ވިދާޅުވެއްޖެ އެވެ.
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މުވައްޒަފުންނާ ބައްދަލުކުރައްވާ އަނަސް ވިދާޅުވީ މިފްކޯގެ މެނޭޖްމަންޓުން ކުންފުނީގެ އޮޕަރޭޝަން ޑައިވާސިފައިކޮށް، އައު މާކެޓްތައް ހޯދައި ކުންފުނީގެ އަގު އެއްކުރާނެ އިތުރު ގޮތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ހަމައެކަނި މަސް އެކްސްޕޯޓް ކުރުމުގެ ބަދަލުގައި އިތުރު އާމްދަނީ ލިބޭނެ ގޮތްތައް އަޅުގަނޑުމެން މިއަދު ހޯދަންޖެހޭ. މިގޮތުން މެނޭޖްމަންޓުން އެބަ މަސައްކަތް ކުރަން ކުންފުނީގެ އޮޕަރޭޝަން ޑައިވާސިފައިކޮށް، އައު މާކެޓުތައް ހޯދައި، އަޅުގަނޑުމެންގެ އުފެއްދުންތަކަށް އަގު އެއްކުރާނެ އިތުރު ގޮތްތަކެއް ހޯދަން،" އޭނާ ވިދާޅުވި އެވެ.
އަނަސް ވިދާޅުވީ މިފްކޯ ޒަމާނުއްސުރެ ހިންގަމުން އައި ގޮތަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށައި އެގޮތުން ޒަމާނީ ކުންފުންޏަކަށް އެ ކުންފުނި ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިފްކޯގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނަންޖެހޭކަން ފާހަގަކުރައްވާ އަނަސް ވިދާޅުވީ އެކަން ކުރެވޭނީ ކުންފުނީގެ އާމްދަނީ އިތުރު ކުރެވިގެން ކަމަށެވެ.
މިފްކޯއަށް ގެންނަ ބަދަލުތަކުގެ ހެޔޮ ނަތީޖާ ފެންނާނެކަމުގެ ޔަގީންކަން ދެއްވައި އަނަސް ވިދާޅުވީ ހުރިހާ މުވައްޒަފުން ވެސް މަސައްކަތުގެ އަހްލާގު ހިފައްޓައި، ގުޅިގެން އެއް ޓީމެއްގެ ގޮތުގައި މަސައްކުރުމަށް އެދޭ ކަމަށެވެ.
މިފްކޯއިން ވަނީ އެ ކުންފުންޏަށް ލިބޭ އާމްދަނީ އިތުރު ކުރުމަށް މިދިޔަ މާޗު މަހުގެ ތެރޭގައި އެ ކުންފުނީގެ ފަސްމީރު ބްރޭންޑުގެ އުފެއްދުންތައް ސްރީލަންކާއަށް ތައާރަފްކޮށްފަ އެވެ.
ޕީސީބީގެ ރައީސްގެ މަގާމު ފުރުއްވަމުން ގެންދެވި އަނަސް މިފްކޯގެ ސީއީއޯ އަދި އެމްޑީގެ މަގާމަށް އައްޔަންކުރީ އެޕްރީލް 30، ގަ އެވެ. އޭނާ މިފްކޯއަށް އައްޔަންކުރީ ޕީސީބީން އިސްތިއުފާދެއްވި ދުވަހުކަން ފާހަގަކުރެވެ އެވެ.
މިއީ މިފްކޯއަށް މި ސަރުކާރުގައި އައްޔަނުކުރި ހަތަރުވަނަ ސީއީއޯ އެވެ. މީގެ ކުރިން އަހުމަދު ޝަމާހު، ޑރ. ވިޓަލީ ލިއުބިމޯވް އަދި ފަރުހަތު ޝަހީރު ވަނީ މީގެކުރިން އެ ކުންފުނީގެ އެންމެ އިސް މަގާމު ފުރުއްވާފަ އެވެ.
ސަރުކާރުން ކުރިން ހިންގި މަސް ކުންފުނި ފިޝަރީޒް ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް (އެފްޕީއައިޑީ) ހިޔާނާތުގެ މައްސަލަ އަށް ފަހު، މިފްކޯ އުފެއްދީ 1993 ގަ އެވެ.
ހަމައެކަނި މަސް އެކްސްޕޯޓު ކުރުމުގެ ބަދަލުގައި، އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދަންޖެހޭ: މިފްކޯގެ ސީއީއޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ