2025 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚަކީ މި މަހުގެ 30 ވަނަ ދުވަސް ކަމުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.
މި ސުންގަޑިއާ ގުޅިގެން ޓެކްސް ބަޔާން ތައްޔާރުކުރުމުގައި ދަތިތައް ކުރިމަތިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ޚާއްސަ އެސިސްޓެންސް ޕްރޮގްރާމެއް އެ އިދާރާއިން މިހާރު ވަނީ ފަށާފައެވެ.
މި ސުންގަޑިއަށް ބަޔާން ހުށަހަޅައި ފައިސާ ދެއްކެވުމަށް ސަމާލުވުމަށް މީރާއިން އިލްތިމާސްކުރެއެވެ. އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ހުރިހާ ފަރާތްތަކުން ވެސް، ޤާނޫނުގައި ބަޔާން ހުށަހަޅުމުން އިސްތިސްނާ ދީފައިވާ ފަރާތްތައް ފިޔަވައި، މި ބަޔާން ހުށަހަޅަން ޖެހޭނެއެވެ. މީގެ ތެރޭގައި އަމިއްލަ ފަރުދުންނާއި ކުންފުނިތަކުގެ އިތުރުން ޕާޓްނަޝިޕްތަކާއި ޓްރަސްޓްތައް ވެސް ހިމެނެއެވެ.
ޓެކްސް ބަޔާން ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ފަށާފައިވާ ”އިންކަމް ޓެކްސް އެސިސްޓެންސް ޕްރޮގްރާމް“ އަކީ 2025 ވަނަ އަހަރުގައި 10 މިލިއަން ރުފިޔާއަށް ވުރެ މަދުން އާމްދަނީ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ކޭޝް ބޭސިސްއަށް ހިސާބު ތައްޔާރުކުރާ ފަރާތްތަކަށް ޚާއްސަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން އެފަދަ ފަރާތްތަކުގެ އިންކަމް ޓެކްސް ބަޔާން ފުރިހަމަކުރުމަށާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި މީރާގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
ބަޔާން ހުށަހަޅާއިރު އެ ބަޔާނުގެ ބައެއްގެ ގޮތުގައި ހިމެނޭ ޝެޑިއުލްތައް ފުރިހަމަކުރުމަކީ ލާޒިމު ކަމަކަށް ވާތީ، އެ ޝެޑިއުލްތައް ފުރިހަމަކޮށްފައި ނުވާނަމަ ބަޔާން ހުށަހަޅާފައިވާ ކަމަށް ނުބެލެވޭނެ ކަމަށް މީރާއިން ވަނީ އަންގާފައެވެ. ނަމަވެސް، އާމްދަނީގެ ގޮތުގައި ހަމައެކަނި އުޖޫރަ ލިބޭ ފަރާތްތަކާއި ނުއުފުލޭ މުދާ ކުއްޔަށް ދީގެން އާމްދަނީ ލިބޭ ފަރާތްތަކަށް ”ސިމްޕްލިފައިޑް އިންކަމް ޓެކްސް“ ބަޔާނެއް ’މީރާކަނެކްޓް‘ މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.
މި އެސިސްޓެންސް ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށާއި އެހީތެރިކަން ހޯއްދެވުމަށް މީރާގެ ހޮޓްލައިން 1415 އަށް ގުޅުއްވުމަށް ނުވަތަ އެ އިދާރާގެ ރަސްމީ އީމެއިލް އެޑްރެހަށް މެސެޖު ކުރެއްވުމަށް މީރާއިން ވަނީ އެދިފައެވެ.
މީގެ އިތުރުން 2025 ވަނަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތެއްތޯ ބެއްލެވުމަށް މީރާގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ގައިޑް ބެއްލެވުމަށް ވެސް އެ އިދާރާއިން އިލްތިމާސްކުރެއެވެ.
އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުގެ ސުންގަޑި ކައިރިވުމާއެކު، މީރާއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ