ރާއްޖޭގެ އެންމެ ބޮޑު ސަރުކާރު ހޮސްޕިޓަލްތަކުގެ ހިންގުމާއި މެނޭޖްމަންޓަށް އިންގިލާބީ ބަދަލެއް ގެނައުމަށް އަމާޒުކޮށް، ފުރިހަމަ އެންޓަޕްރައިޒް ރިސޯސް ޕްލޭނިންގ (އީއާރުޕީ) ސިސްޓަމެއް ފަރުމާކޮށް ގާއިމުކުރުމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) އިން ބީލަމަށް ހުޅުވާލައިފިއެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ނެރުނު އިޢުލާނެއްގައިވާ ގޮތުން، މި މަޝްރޫޢުގެ ދަށުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ އައިޖީއެމްއެޗް، ދަރުމަވަންތަ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލްގެ މަސައްކަތްތައް ކަވަރުކުރާނެއެވެ.
އިއުލާންކޮށްފައިވާ މި ބީލަމުގައި، ހޮސްޕިޓަލް ނެޓްވޯކްގެ އިދާރީ، މާލީ، ޕްރޮކިއުމަންޓް، އިންވެންޓްރީ، އެސެޓް މެނޭޖްމަންޓް އަދި މެއިންޓެނަންސްގެ މުހިންމު މަސައްކަތްތައް އެއް ފުރާޅެއްގެ ދަށުން ގުޅުވާލަދޭނެ އީއާރުޕީ ޕްލެޓްފޯމެއް ގާއިމުކުރުމަށް ޝަރުތުހަމަވާ ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
އިއުލާނާއެކު ޝާއިއުކޮށްފައިވާ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރު) ގައިވާ ގޮތުން، މި މަޝްރޫއަކީ އެމްސީޖީއެޗް އިން ކުރިއަށްގެންދާ ޑިޖިޓަލް ޓްރާންސްފޯމޭޝަން ޕްރޮގްރާމްގެ ބައެކެވެ. ހޮސްޕިޓަލް ގްރޫޕުން ހާމަކުރި ގޮތުގައި މި ސިސްޓަމްގެ މަގްސަދަކީ ހިންގުން ޒަމާނީކުރުމާއި، ގަވަރނަންސް ރަނގަޅުކުރުމާއި، ހިންގުމުގެ ހަލުވިމިން އިތުރުކުރުމުގެ އިތުރުން މައުލޫމާތުގެ އަލީގައި ގޮތްތައް ނިންމުމަށް މަގުފަހިކުރުމެވެ.
ޓީއޯއާރުގައިވާ ގޮތުން، މި އީއާރުޕީ ޕްލެޓްފޯމަކީ ބައިވެރިވާ ހޮސްޕިޓަލްތަކުގެ މާލީ، ޕްރޮކިއުމަންޓް، އިންވެންޓްރީ، އެސެޓް އަދި މެއިންޓެނަންސް މުއާމަލާތްތަކުގެ ސައްހަ މައުލޫމާތު ލިބޭނެ މައިގަނޑު މަސްދަރަށް ވާނެއެވެ. މީގެ އިތުރުން، ހޮސްޕިޓަލް މެނޭޖްމަންޓާއި ޕްލޭނިންގއަށް އެހީތެރިވުމަށްޓަކައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)، ބިޒްނަސް އިންޓެލިޖެންސް ޓޫލްސް، ޕްރިޑިކްޓިވް އެނަލިޓިކްސް އަދި ރިއަލް-ޓައިމް ޑޭޝްބޯޑްތައް މި ސިސްޓަމްގައި ހިމެނޭނެ ކަމަށް ބެލެވެއެވެ.
މި މަޝްރޫއު ތަންފީޒުކުރުމުގެ ފުރަތަމަ މަރުހަލާގައި އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލް ހިމެނޭއިރު، ކުރިއަށް އޮތް މަރުހަލާތަކުގައި ހުޅުމާލެ ހޮސްޕިޓަލާއި މޯލްޑިވްސް ބްލަޑް ސާވިސަސް ހިމެނޭހެން އެމްސީޖީއެޗްގެ ދަށުން ހިންގާ އެހެން މުއައްސަސާތަކަށް މި ސިސްޓަމް ފުޅާކުރުމަށް ވަނީ ނިންމާފައެވެ.
އެމްސީޖީއެޗް އިން ކަނޑައަޅާފައިވާ ގޮތުގައި މި އީއާރުޕީ ސޮލިއުޝަންގައި ފައިނޭންޝަލް އެކައުންޓިންގ، ބަޖެޓް ކޮންޓްރޯލް، އާމްދަނީ އާއި ހަރަދު މެނޭޖްކުރުން، ޕްރޮކިއުމަންޓް، ސަޕްލަޔަރުން މެނޭޖްކުރުން، އިންވެންޓްރީ ކޮންޓްރޯލް، އެސެޓް މެނޭޖްމަންޓް، ޕްރޮޖެކްޓް މެނޭޖްމަންޓް، ބަޔޯމެޑިކަލް އިކުއިޕްމަންޓް މެއިންޓެނަންސް އަދި އެސްޓޭޓް މެނޭޖްމަންޓް ފަދަ ދާއިރާތައް ހިމެނެންވާނެއެވެ.
ހޮސްޕިޓަލް ގްރޫޕުން ވަނީ ސިސްޓަމްގެ އިތުބާރު ހިފޭ މިންވަރަށާއި ސައިބަރ ސެކިއުރިޓީއަށް ބޮޑު އިސްކަމެއް ދީފައެވެ. މިގޮތުން، ސިސްޓަމް މެދުނުކެނޑި 99.99 އިންސައްތަ ވަގުތު މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދިނުމާއެކު، ޑިޒާސްޓަރ ރިކަވަރީ މެކޭނިޒަމްތަކާއި، ބިޒްނަސް ކޮންޓިނިއުޓީ ޕްލޭނިންގ އަދި ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ސެކިއުރިޓީ މިންގަނޑުތައް ހުންނަންޖެހެއެވެ. އަދި ސިސްޓަމަކީ ISO 27001 އިންފޮމޭޝަން ސެކިއުރިޓީ މިންގަނޑުތަކާއި، ސިއްހީ ދާއިރާގެ މިންގަނޑުތަކުގެ އިތުރުން ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ފެތޭ ސިސްޓަމަކަށް ވާންޖެހެއެވެ.
މީގެ އިތުރުން، ހޮސްޕިޓަލުގެ އައިސީޓީ މުވައްޒަފުންނާއި އެހެނިހެން މުވައްޒަފުންނަށް ސިސްޓަމް އަމިއްލައަށް ބަލަހައްޓައި ހިންގޭނެ ފަދަ ފުރިހަމަ ތަމްރީނުތައް ދިނުމަށް ޓީއޯއާރުގައި ލާޒިމުކުރެއެވެ. އަދި ސިސްޓަމް ގާއިމުކުރުމަށްފަހު ދޭންޖެހޭ އެހީތެރިކަމާއި، ސެކިއުރިޓީ އަޕްޑޭޓްތަކާއި، ސޮފްޓްވެއަރ އަޕްގްރޭޑްތަކުގެ އިތުރުން ސާވިސް-ލެވެލް ގެރެންޓީތަކަކީ ކޮންޓްރެކްޓްގެ މަޖުބޫރު ބައިތަކެކެވެ.އެމް.ސީ.ޖީ.އެޗް އިން ބުނި ގޮތުގައި އީ.އާރް.ޕީ އިނީޝިއޭޓިވްގެ މަގްސަދަކީ އިދާރީ ހިންގުން ހަރުދަނާކުރުމާއި، ވަސީލަތްތައް ރޭވުން ރަނގަޅުކުރުމާއި، އިންވެންޓްރީ އަދި ޕްރޮކިއުމަންޓް މެނޭޖްމަންޓް ވަރުގަދަކުރުމުގެ އިތުރުން، ހޮސްޕިޓަލުގެ ހިންގުމާއި މާލީ މައުލޫމާތުތައް ލީޑަޝިޕަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސައިދީގެން ބަލިމީހުންނަށް ދޭ ހިދުމަތްތައް ފެންވަރު ރަނގަޅުކުރުމެވެ.
މިކަމަށް ޝައުގުވެރިވާ ބިޑް ހުށަހަޅާ ފަރާތްތަކުން ޖޫން 4 އާއި ޖޫން 21 އާ ދެމެދު ރަޖިސްޓްރީ ކުރަންޖެހޭނެއެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން ހުރި ސުވާލުތައް ޖޫން 22 ގެ ނިޔަލަށް ހުށަހެޅޭނެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި -/10,000 ރުފިޔާ ހުށަހަޅަންޖެހޭއިރު، ބިޑް ހުޅުވާ ތާރީޚުން ފެށިގެން 90 ދުވަހުގެ މުއްދަތަށް މި ސެކިއުރިޓީ ދެމިއޮންނަންވާނެއެވެ.
އައިޖީއެމްއެޗްއާއި ދަރަމަވަންތައަށް އީއާރްޕީ ސިސްޓަމެއް ތައްޔާރުކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ