ކޯޓަށް ގޮންޖަހައި ބޭއަދަބީކޮށް ވާހަކަ ދެއްކި މީހަކު ނުވަ މަހަށް ޖަލަށް

ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހެއްގައި ކޯޓަށް ގޮންޖަހައި ބޭއަދަބީކޮށް ވާހަކަ ދެއްކި މީހަކު ނުވަ މަހަށް ޖަލަށްލާން އެ ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
ކްރިމިނަލް ކޯޓުން އާންމުކޮށްފައިވާ ނިންމުމެއްގައިވާ ގޮތުން އއ. ތޮއްޑޫ، ރަތްވިލާގެ އަލީ އަދުހަމްގެ މައްޗަށް ތުހުމަތުކުރެވޭ އެނގިހުރި ހުއްދަނޫން ތަނަކަށް ވަނުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއްގައި އޭނާ ވަނީ ކޯޓުގައި ބޭއަދަބީކޮށް ވާހަކަ ދައްކައިފައެވެ.
ކޯޓުގައި ބޭއަދަބީ ގޮތުން ވާހަކަ ނުދެއްކުމަށް ތަކުރާރުކޮށް އޭނާއަށް ނަސޭހަތްތެރިވުމުން ވެސް އޭނާ އެކަން ހުއްޓާނުލައި ތަކުރާރުކުރުމުން ޝަރީއަތުގެ ނިޒާމާ އޭނާ ހިލާފުވީ ކަމަށް ނިންމައި އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް އެ ކޯޓުން ނިންމިއެވެ.
އެހެންވެ، މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހުސާން ނިންމެވީ އޭނާ ނުވަ މަހުގެ މުއްދަތަކަށް ޖަލަށްލުމަށެވެ.
ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރަކާ ހިލާފުވިކަމަށް ނިންމައި، މިދިޔަ މަހު އެ ކޯޓުން ވަނީ ދެ ނޫސްވެރިއަކު ކޯޓުގެ ހުރުމަތްކެނޑި ކަމަށް ނިންމައި އެ ދެ ނޫސްވެރިން ވެސް ޖަލަށް ލައިފައެވެ. އެގޮތުން ނޫސްވެރިޔާ ޝަހުޒާން މުހައްމަދު 15 ދުވަހަށް ޖަަލަށްލިއިރު، ނޫސްވެރިޔާ ލީވާން އަލީ ނާސިރު 10 ދުވަހަށް ޖަލަށްލިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ