ހަނިމާދޫ އެއާޕޯޓު ތަރައްގީކުރީ ބޭރުގެ ބޮޑެތި ބޯޓު ޖެއްސޭ ފެންވަރަށް: ފައްޔާޒް
ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކުރުމަށްފަހު އަލުން ހުޅުވި ހދ. ހަނިމާދޫ އެއާޕޯޓު ތަރައްގީކުރީ ބައިނަލްއަގުވާމީ ބޯޓުފަހަރު ޖެއްސޭ ފެންވަރަށް ކަމަށާއި، ވައިޑްބޮޑީ ނުވަތަ ބޮޑެތި ބޯޓުފަހަރަށް ޑިމާންޑު އުފެދޭ ދުވަހެއްގައި އެ އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމަށް އޭރު ބިންވެސް އޮތީ ހަމަޖައްސައިފައިކަމަށް، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ. މިދިޔަ އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ހަނިމާދޫގެ އެއާޕޯޓު ތަރައްގީކުރި ފަހުން ބޭރުގެ ބޯޓުފަހަރަށް ދަތުރުކުރެވޭނެ އިންތިޒާމު ނެތް ސަބަބާ ގުޅޭ ގޮތުން އެ ދާއިރާގެ އެމްޑީޕީ މެންބަރު ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ވަނީ ސިވިލް އޭވިއޭޝަން މިނިސްޓަރު މުޙައްމަދު އަމީނާ ސުވާލުކުރައްވައިފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން އަމީން ވިދާޅުވީ، ހަނިމާދޫ އެއާޕޯޓުގައި ބޮޑެތި ބޯޓުފަހަރު ދަތުރުކުރަން ބޭނުންވާ ނަމަ އެތަން އަލުން ތަރައްގީކުރަން ޖެހޭނެ ކަމަށެވެ. https://sun.mv/224056 "އެ ލިމިޓޭޝަން އެބަހުރި. އެހެންވީމަ، ތަފާތު ގޮތަކަށް ވިސްނަން ޖެހެނީ. ނޫނީ ރީޑިވަލޮޕްމަންޓަކަށް ދާން ޖެހެނީ، އެ އާޕޯޓުން ވައިޑް ބޮޑީ އެއާކްރާފްޓް އޮޕަރޭޓް ކުރަން ބޭނުން ވަންޏާ،" އަމީން ވިދާޅުވިއެވެ. އަމީން ވިދާޅުވިގޮތުގައި ޗައިނާ ފަދަ ދުރު ގައުމުތަކުން އަންނަ އެއާބަސް އޭ330، އޭ340 ނުވަތަ ބޮއިން 777 މަރުކާގެ ބޮޑެތި ބޯޓުފަހަރު މިހާރު ހަނިމާދޫ އެއާޕޯޓަކަށް ނުޖެއްސޭނެއެވެ. އެހެންކަމުން ޗައިނާ ނުވަތަ ސްރީލަންކާ ފަދަ މަންޒިލްތަކުން ބޮޑެތި ބޯޓުފަހަރުގައި ސީދާ ދަތުރުތައް ފެށުމަކީ އެއީ މިހާރު އޮތް ޑިޒައިނުން ކުރެވޭނެ ކަމެއް ނޫން ކަމަށް އަމީން ވިދާޅުވިއެވެ. އަމީންގެ ޖަވާބަށް ރައްދުދެއްވައި ފައްޔާޒް މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައިވަނީ، އެމްޑީޕީގެ މިދިޔަ ސަރުކާރުން ހަނިމާދޫ އެއާޕޯޓު ތަރައްގީކުރީ ބައިނަލްއަގުވާމީ ބޯޓުފަހަރު ދަތުރުކުރެވޭނެ ފެންވަރަށް ކަމަށެވެ. އެގޮތުން އެއާބަސް އޭ320 އާއި ބޮއިންގް 737 މަރުކާގެ ބޯޓުފަހަރަކީ އިންޑިއާ އާއި ސްރީލަންކާގެ އިތުރުން ޔޫއޭއީއާއި ޤަތަރާއި ކުވައިތާއި ތައިލޭންޑާއި މެލޭޝިއާ އާއި ސިންގަޕޫރަށް ސީދާ ދަތުރުކުރެވޭނެ ބޯޓުފަހަރުކަން ފައްޔާޒް ލިޔުއްވައިފައިވެއެވެ. https://x.com/faya_i/status/2072638954927784306 "ޔޫރަޕާއި، ޗައިނާ އަދި އެހެން މަންޒިލްތަކުގެ ފަތުރުވެރިންނަށް ވެސް އެ އެއާޕޯޓުތަކުން ކަނެކްޓިން ފްލައިޓުތަކުގައި ހަނިމާދޫއަށް ދަތުރުކުރެވޭނެ،" ފައްޔާޒްގެ ޕޯސްޓުގައިވެއެވެ. ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ ފަސިންޖަރުން އުފުލަނީ ނެރޯބޮޑީ، ނުވަތަ މަތިންދާ ކުދި ބޯޓުފަހަރުގައި ކަމަށް ލިޔުއްވައި، ފައްޔާޒް އިތުރަށް ލިޔުއްވިގޮތުގައި ބޮޑެތި ބޯޓުފަހަރަށް އެވަރަށް ޑިމާންޑު ނެތުމުން، އެފަދަ ބޯޓުފަހަރު ޖެއްސޭ ވަރަށް އިންވެސްޓުކުރުމަކީ އިގުތިޞާދީގޮތުން ހަމަޖެހޭ ނިންމުމަކަށް ނުވާނެއެވެ. "އެ ޑިމާންޑު އުފެދޭ ދުވަހެއްގައި ރަންވޭ ބޮޑުކުރުމަށް ބިން އޮތީ ހަމަޖައްސާފައި،" އޭނާ ލިޔުއްވައިފައިވެއެވެ. ހަނިމާދޫ އެއާޕޯޓު ތަރައްގީކުރަން ފެށުމާއެކު ބޮޑު ތިލަދުންމަތީގެ ބިމާއި އިންވެސްޓްމެންޓްގެ އަގު އުފުލުނު ކަމަށް ފައްޔާޒް ލިޔުއްވައިފައިވެއެވެ. އެ ދަނޑިވަޅުގައި ހަނިމާދޫ އެއާޕޯޓު ބޭނުންނުކޮށް ބޭއްވުމަކީ އުތުރުގެ ތަރައްގީއަށް ސަރުކާރުން އަޅަމުންދާ ހުރަހެއްގެ ގޮތުގައި ފައްޔާޟް ސިފަކުރެއްވިއެވެ. ފައްޔާޟް ލިޔުއްވިގޮތުގައި ފަތުރުވެރިކަމާއި މަސްވެރިކަމާއި ރިއަލް އެސްޓޭޓް ފަދަ އިގުތިޞާދީ ދާއިރާތައް ފުޅާކުރުމަށް ހަނިމާދޫ އެއާޕޯޓަށް ބައިނަލްއަގުވާމީ ބޯޓުފަހަރު ގެންނަން ޖެހެއެވެ. https://sun.mv/213678 ފާހަގަކުރެވޭ ގޮތުގައި، އެމްޑީޕީގެ ވެރިކަމުގައި, އިންޑިއާއިން ދިން 800 މިލިއަން ޑޮލަރުގެ ކްރެޑިޓްލައިންގެ ދަށުން ހަނިމާދޫގައި ތަރައްގީ ކުރި ޒަމާނީ އެއާޕޯޓް ހުޅުވީ މިދިޔަ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހެވެ. އެ އެއާޕޯޓު ހުޅުވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މަންދޫބު އަދި އެ ގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕު ރާމް މޯހަން ނައިޑޫއެވެ. އެ އެއާޕޯޓު ހުޅުވީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ގޮތަށް ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ 10،300 އަކަމީޓަރުގެ ޕެސެންޖާ ޓާމިނަލަކާ އެކީގައެވެ. އެ އެއާޕޯޓުގެ 2.47 ކިލޯމީޓަރު ދިގު ރަންވޭއަކީ ހުރިހާ ވައްތަރެއްގެ ކުދި މަތިންދާ ބޯޓު ޖެއްސޭވަރުގެ ރަންވޭއެކެވެ. އަދި، ފިއުލް ފާމަކާއި ކާގޯ ޓާމިނަލެއްވެސް ތަރައްގީކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ