މިދިޔަ ހަފުތާގައި ސްކޭމްތަކަށް ލައްކައެއްހާ ރުފިޔާ ގެއްލުނުއިރު، ލައްކައެއް ހޯދައިފި
މި ހިނގާ ޖޫން މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ސްކޭމްގެ ޖުމްލަ 36 މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށާއި، މި މައްސަލަތަކުގައި އާންމުންގެ އަތުން 118,370.05 ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރާއި ކަމާބެހޭ އިދާރާތަކުން ކުރި މަސައްކަތުން، މިދިޔަ ހަފުތާގައި ޖުމްލަ 164,240.60 ރުފިޔާ ވަނީ އަނބުރާ ހޯދިފައެވެ. މިއީ މިދިޔަ ހަފުތާގައި ގެއްލުނު ފައިސާގެ އިތުރުން، ކުރިން ހިނގާފައިވާ މައްސަލަތަކާ ގުޅިގެން ހޯދިފައިވާ ފައިސާ ހިމެނޭހެން ކުރެވުނު ކާމިޔާބު މަސައްކަތެއްކަން ފުލުހުން ފާހަގަކުރެއެވެ. މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ސްކޭމްގެ ޖުމްލަ 36 މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަން ހާމަކޮށްދޭ ތަފާސްހިސާބުތައް.. ފޮޓޯ/ ފުލުހުން ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އޮންލައިންކޮށް ވިޔަފާރިކުރުމުގައި ދިމާވާ އީ-ކޮމާސް ސްކޭމްގެ މައްސަލަތަކެވެ. އެގޮތުން މި ބާވަތުގެ 26 މައްސަލައެއް ހުށަހަޅާފައިވެއެވެ. މީގެ އިތުރުން އޮންލައިން ފްރޯޑްގެ ފަސް މައްސަލައަކާއި، މީހުންގެ ނަމުގައި އޮޅުވާލައިގެން ކުރާ ސްކޭމްގެ ހަތަރު މައްސަލައެއްގެ އިތުރުން ބޭރު ފައިސާ މާރުކުރުމުގެ ތެރޭގައި ހިނގާފައިވާ މައްސަލައެއް ހިމެނެއެވެ. https://sun.mv/222745 މިފަދަ ސްކޭމްތައް ހިންގުމަށް އެންމެ ގިނައިން ބޭނުންކޮށްފައިވަނީ އޮންލައިން މެސެޖިން ޕްލެޓްފޯމްތަކާއި، ފޯނު ކޯލުތަކާއި، ގޮތްނޭނގޭ ލިންކުތަކެވެ. އަދި އައިބޭ އާއި ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށްވެސް ގިނަ ސްކޭމްތަކެއް ހިންގާފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އޮންލައިންކޮށް ވިޔަފާރިކުރުމުގައާއި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި އިތުރަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ގޮތްނޭނގޭ ފަރާތްތަކާ މުއާމަލާތްކުރުމުގައި ސަމާލުވެ، ކޮންމެ ކަމެއްގައިވެސް އިތުބާރު ކުރުމުގެ ކުރިން ކަށަވަރުކުރުމަކީ މުހިންމު ކަމެއް ކަމަށް ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ހަނދާންކޮށްދެއެވެ. ސްކޭމްތަކުން ރައްކާތެރިވުމުގެ ގޮތުން، ގޮތްނޭނގޭ ލިންކުތަކަށް ނުފިތުމަށާއި، އޯޓީޕީ އަދި ކާޑުގެ މައުލޫމާތު އެއްވެސް ފަރާތަކަށް ހިއްސާނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި ކަމެއްގައި ޝައްކު އުފެދޭނަމަ ރަސްމީ އެޕްލިކޭޝަން ނުވަތަ ވެބްސައިޓް މެދުވެރިކޮށް މައުލޫމާތު ކަށަވަރުކުރުމަށް އެންޓި-ސްކޭމް ސެންޓަރުން އިރުޝާދު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ