އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރަށް ރައީސްގެ މަރުހަބާ

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމާ އަލަށް ހަވާލުވެވަޑައިގެންނެވި އެންޑީ ބާންހަމްއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ. 
ރައީސް މުއިއްޒު ޔޫކޭގެ އާ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގައި ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮތް ޒަމާންވީ ތާރީހީ ރަހުމަތްތެރިކަމުގެ ގުޅުމާއި، އެކި ދާއިރާތަކުން އޮންނަ އެއްބާރުލުމަށް ދިވެހި ސަރުކާރުން ދޭ މަތީ ގަދަރާއި އަހައްމިއްޔަތުކަން ފާހަގަކުރެއްވި އެވެ. 
ރައީސް ފާހަގަކުރެއްވި ގޮތުގައި، މި ގުޅުން ބިނާވެފައިވަނީ ޑިމޮކްރެޓިކް ހަމަތަކާއި، އިންސާނީ ހައްގުތައް ހިމާޔަތްކުރުމާއި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގާތްކަން ދެމެހެއްޓުން ފަދަ ދެ ގައުމުން ވެސް ގަބޫލުކުރާ އެއްގޮތް އުސޫލުތަކެއްގެ މައްޗަށެވެ. މީގެއިތުރުން، ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީއަށް އިނގިރޭސިވިލާތުން ދީފައިވާ މުހިންމު އެހީތެރިކަމަށްޓަކައި އެމަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ.
The most trusted news source in the Maldives
ދެ ގައުމުގެ މެދުގައި އޮތް ދެމެހެއްޓެނިވި ބަދަހި ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށްޓަކައި ބޮޑުވަޒީރު ބާންހަމްއާ އެކު ގާތުން މަސައްކަތްކުރެއްވުމަށް ބޭނުންވާ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ. އަދި ދެ ގައުމުގެ ރައްޔިތުންގެ ލާބަ އާއި މަންފާއަށްޓަކައި، ގުޅުން ބަދަހިކުރެވިދާނެ އިތުރު ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް، ކައިރި މުސްތަގުބަލެއްގައި ބޮޑުވަޒީރާ ބައްދަލުކުރެއްވުމަށް އުންމީދުކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ސިޓީ ނިންމަވާލައްވަމުން، ރައީސް ވަނީ ބޮޑުވަޒީރު ބާންހަމްއަށް ދުޅަހެޔޮކަމާއި ފާގަތިކަމަށް އެދިވަޑައިގެން ހެޔޮއެދުންތައް ފޮނުއްވައިފަ އެވެ. އަދި އިނގިރޭސިވިލާތުގެ އެކުވެރި ރައްޔިތުންނަށް އަމާންކަމާއި ކުރިއެރުމަށް އެދިވަޑައިގަންނަވާކަން ވެސް ފާހަގަކުރެއްވި އެވެ.
ބާންހަމްއަކީ 2001 އިން 2017 އަށް، ގާނޫނު ހަދާ މަޖިލީހުގެ މެންބަރެކެވެ. އަދި ޓޯނީ ބްލެއާ އާއި ގޯޑަން ބްރައުންގެ ސަރުކާރުގައި މިނިސްޓަރުކަން ކުރެއްވި އެވެ. 
އޭނާ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވީ ކުރިން އެ މަގާމުގައި ހުންނެވި ކިއާ ސްޓާމާގެ މަގުބޫލުކަން ކުޑަވެ އިސްތިއުފާ ދެއްވުމާ އެކު ޕާޓީގެ އާ ލީޑަރެއްގެ ގޮތުގައި އައްޔަންކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ