ނ. މާފަރު ފަޅުތެރޭގައި އޮތް ފަރުމުލި އެ ރަށުގެ އިހުތިސާސުން އުނިކުރުމަކީ މާފަރު ރައްޔިތުން ބޭނުންވި ގޮތް ނޫން ކަމަށާއި، އަދި ފަރުމުލީގައި ރިސޯޓެއް ހަދަން ކުރި އިއުލާނަކީ ސްކޭމެއް ކަމަށް މާފަރު ކައުންސިލުގެ ނައިބު ރައީސް، މުހައްމަދު އާމިރު ވިދާޅުވެއްޖެ އެވެ.
މާފަރުގެ އިހުތިސާސްގައި މިދިޔަ އަހަރު މި ސަރުކާރުން ހިމެނި، ފަރުމުއްޔަކީ މާފަރުގެ ބައެއް ނޫންކަމަށް ކަނޑައެޅީ އިއްޔެ ނެރުއްވި ރައީސްގެ ގަރާރަކުންނެވެ. އެ ގަރާރު ގެޒެޓު ކުރިތާ ކުޑައިރުކޮޅެއް ފަހުން ޓޫރިޒަމް މިނިސްޓްރީން ވަނީ އެ ރަށުގައި ރިސޯޓު ހަދާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފަ އެވެ.
މާފަރުގެ އިހުތިސާސުން ފަރުމުލި ވަކިކޮށް އެ ރަށް ޓޫރިޒަމަށް ހާއްސަ ކުރުމާމެދު ރައްޔިތުން ދެކޭ ގޮތެއް ހިއްސާ ކޮށްދިނުމަށް ޓޫރިޒަމް މިނިސްޓްރީން އެދިފައިވާ ކަމަށް އާމިރު ވިދާޅުވި އެވެ.
އެ ސިޓީއާ ގުޅިގެން ކައުންސިލް ބައްދަލުވުމެއް ބާއްވައި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ފަހު، ރައްޔިތުންގެ ހިޔާލު ހުރިގޮތް ބެލުމަށް ފާސްކުރި ކަމަށް އާމިރު ވިދާޅުވި އެވެ. އަދި ރައްޔިތުންގެ ބައްދަލުވުމަށްފަހު، އެކަމާމެދު ރައްޔިތުން ދެކޭ ގޮތް މިނިސްޓްރީއާ ހިއްސާ ކުރާނެކަން ލިޔުމުން އެންގި ކަމަށް އާމިރު ވިދާޅުވި އެވެ.
ފަރުމުއްޔަކީ މާފަރުގެ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ކަނޑައެޅި ނަމަވެސް، މާފަރުގެ އިހުތިސާސްގެ ތެރޭގައި ފަރުމުލި ހިމަނާފައި މެޕެއް ސަރުކާރުން ގެޒެޓު ކޮށްފައި ނުވާ ކަމަށް އާމިރު ވިދާޅުވި އެވެ. އެހެންވެ އޭރު އެއީ ވެސް ސްކޭމެއް ކަމަށް އާމިރު ސިފަ ކުރެއްވި އެވެ.
އާމިރު ވިދާޅުވީ ފަރުމުލީގައި ރިސޯޓެއް ތަރައްގީ ކުރަން ބޭނުންވާ މީހުން ހޯދަން ސަރުކާރުން މިހާރު ކޮށްފައިވާ އިއުލާނަކީ ވެސް ލޯކަލް ކައުންސިލް އިންތިހާބަށް ހާއްސަކޮށް ހިންގާ ސްކޭމެއް ކަމަށެވެ.
"ރިސޯޓު ހަދަން ބަޔަކު ހޯދަން މިހާރު ހުޅުވާލައިފައި އެ ވެސް ހަމަ ސްކޭމެއް، އެއީ ހަމަ ކުރިއަށް މިއޮތް އިންތިހާބަށް ރައްޔިތުންނަށް ދަޅަ ދައްކަންވެގެން ކޮށްގެން އުޅޭ ކަމެއް ކަމަށް އަޅުގަނޑު އަމިއްލައަށް ގަބޫލު ކުރަނީ،" އާމިރު ވިދާޅުވި އެވެ.
"ރައްޔިތުންނަށް ދަޅަ ދައްކަންވެގެން ކުރާ ކަމެއް އެއީ، އެކަން ވާނެކަމަށް ގަބޫލު ކުރާ، ވާހަކައަކީ މާފަރު އެންމެ މީހަކު ވެސް ނުހުންނާނެ، ދެން އުއްމީދު ކުރާނެތާ ކޮންމެ ބޭފުޅަކު ވެސް، އަޅުގަނޑަށް ވެސް ވަރަށް ރަނގަޅު ރިސޯޓު ހަދައިފިއްޔާ،"
އެގޮތަށް ގަބޫލު ކުރާ ސަބަބަކީ މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު ކުރިން ހިނގަމުން އައި މަޝްރޫއުތައް ވެސް ހުއްޓާލާފައިވުން ކަމަށް އޭނާ ވިދާޅުވި އެވެ. މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ މާފަރުގެ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ ސަރުކާރުން ފަށައި މަސައްކަތް ކުރަމުން ދަނިކޮށް ރިޔާސީ އިންތިހާބުގެ ތެރޭގައި އިތުރު ފަސް ހެކްޓަރު ހިއްކަވައިދެއްވާނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ކަމަށެވެ.
ނަމަވެސް މި ސަރުކާރު ވެރިކަމަށް އައުމާއެކު އެ މަސައްކަތް އެއްކޮށް ހުއްޓި، ހިއްކާފައި އޮތް ބިމުން ވެސް ބޮޑުބައެއް މިހާރު ގިރާލާފައިވާ ކަމަށް އާމިރު ވިދާޅުވި އެވެ.
"ވެރިކަން ބަދަލުވި ގޮތަށް މަސައްކަތް ހުއްޓާލި ގޮތަށް، 17 ހެކްޓަރު ހިއްކާފައި ވަނިކޮށް މަސައްކަތް ހުއްޓާލާފައި ދިޔަގޮތަށް، ދެން ހިލަ ނުޖައްސާ އޮތީމާ ގިރައިގެން ގާތްގަނޑަކަށް 20 އަކަށް 30 ފޫޓު ހުރިހާ އޭރިއާއަކުން ގޮސްފި މިހާރު،" އާމިރު ވިދާޅުވި އެވެ.
"ދެން ކުރުކޮށް ބުންނަންޏާ މިދިޔަ ވެރިކަމުގައި ފަށާފައި ހުރި ކަންތައްތައް ވެސް ނިންމާ ނުލެވިގެން އެއުޅެނީ އަދި އޭގެއިތުރުން އަދި ހަމަ އަލަށް ގާގަނޑެއް ވެސް ބައިންދާ ނުލެވިގެން އެއުޅެނީ،"
ފަރުމުލީގައި ރިސޯޓެއް ހަދަން ކުރި އިއުލާނަކީ ސްކޭމެއް: މާފަރު ނައިބު ރައީސް ފަރުމުލީގައި ރިސޯޓެއް ހަދަން ކުރި އިއުލާނަކީ ސްކޭމެއް: މާފަރު ނައިބު ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ