އާ ޓާމިނަލުގެ ރީތިކަމަށާއި މަސައްކަތުގެ ކްރެޑިޓު ދޭން ޖެހޭނީ މިދިޔަ ސަރުކާރަށް: އަމީރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރުން ޓާމިނަލުގެ ހުރިހާ ކްރެޑިޓެއް ދޭންޖެހޭނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އަމީރު މިހެން ވިދާޅުވީ އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އޭނާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި މިހާރުގެ ރައީސް މުހައްމަދު މުއިއްޒު އާ ޓާމިނަލުގެ މަސައްކަތުގެ ކްރެޑިޓް ނަގަން އުޅޭ ތަން ފެންނަމުންދާ ކަމަށެވެ. 
ބުނީ ކީކޭ؟ - އެކަމަކު އެ މަސައްކަތުގެ ހުރިހާ ކްރެޑިޓެއް ދޭންޖެހޭނީ މިދިޔަ ސަރުކާރަށް ކަމަށް ވިދާޅުވެ، އެ ޓާމިނަލުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލެއް އޭނާ ދެއްވި އެވެ.
އެގޮތުން، އަމީރު ވިދާޅުވީ:
ސޯލިހު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު، ޔާމީންގެ ސަރުކާރުގައި އޮތީ އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައި
އޭރު އެއީ 250 މިލިއަން ޑޮލަރުގެ މަޝްރޫއެއް؛ މަސައްކަތަށް އެ ފައިސާ އޮތީ ޔާމީންގެ ސަރުކާރުގައި ހޯދާފައި 
އެކަމަކު މަސައްކަތުގެ ފައުންޑޭޝަން މަސައްކަތްތަކާ ހިސާބުން ސޯލިހު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު އެ މަޝްރޫއު އޮތީ ވަރަށް ބޮޑަށް ހުއްޓިފައި
މަޝްރޫއު ބަޔަކާ ހަވާލުކުރުމުގެ މަރުހަލާގައި ވެސް ވަރަށް ގިނަ މައްސަަލަތަކެއް ހުރުމުން މަސައްކަތް ހަވާލުކޮށްފައި އޮތް ކުންފުންޏާއި ސަރުކާރާ އަދި ފައިސާ ދޭ ފަރާތްތަކާ އެކު ވެސް އޭރު ވަރަށް ގިނަ މައްސަލަތަކެއް އޮތީ ޖެހިފައި
ސޯލިހު ސަރުކާރާ ހަވާލުވެވަޑައިގަތުމަށް ފަހު އަނެއްކާވެސް ފައިސާ ދޭ ފަރާތްތަކާއި އެ މަސައްކަތްކުރާ ކުންފުންޏާ ވާހަކަދައްކައި އެ މައްސަލަ ހައްލުކޮށް، އިތުރު އެޑެންޑަމެއްގައި ސޮއިކޮށްގެން އެ މަސައްކަތް އަލުން ފެށި
އޭރު މިހާރު މި ފެންނަ ގޮތަށް ޓާމިނަލުގެ ކުރިމަތިން ފެންނަ ރީތިކަމެއް ވެސް ނެތް؛ އޭރު އޮތް ޑިޒައިނަކީ ކޮންޓެއިނަރެއްހެން އިން ފޮއްޓެއް
ބޭރުން ޓާމިނަލް ފެންނަން މިހާރު އެ ހުރި ރީތި ޑިޒައިނަށް ބަދަލުކޮށް، އެތެރޭގެ ޑިޒައިންތައް ވެސް ބަދަލުކުރީ ސޯލިހުގެ އިރުޝާދުގެ ދަށުން މިދިޔަ ސަރުކާރުގައި
ކޮވިޑުގެ ބަލިމަޑުކަމަށް އެ މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު 500 މިލިއަން ޑޮލަރުގެ އެ މަސައްކަތަށް ބޭނުންވާ 200 މިލިއަން ޑޮލަރުގެ ހުރިހާ މަސައްކަތްތަކެއް ވެސް ކޮށްފައި އޮންނާނީ މިދިޔަ ސަރުކާރުގައި
"އެހެންވީމާ މިހާރު ތިފެންނަ ރީތި ޕެސެންޖާ ޓާމިނަލް އަދި އެތެރޭގެ އިންޓީރިއާ ޑިޒައިންގެ މަސައްކަތް ވެސް ހުރިހާ މަސައްކަތެއްގެ ފުރިހަމަ ކްރެޑިޓެއް ދެވޭނީ މިދިޔަ ސަރުކާރަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް،" އަމީރު ވިދާޅުވި އެވެ.
"ރައީސް ޔާމީން ވެސް އަދި ރައީސް މުއިއްޒު ވެސް މި ހުރިހާ މަސައްކަތެއްގެ ކްރެޑިޓް ނަގަން އުޅޭތީ މިކަންކަން މި ފާހަގަކޮށްލީ."
ޒަމާނީކޮށް ތައްޔާރުކޮށްފައިވާ އާ ޓާމިނަލް ހުޅުވަން ތައްޔާރުވަމުން އަންނަނީ މި މަހު 26ގަ އެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ އާ ޓާމިނަލް ރާއްޖޭގެ މިނިވަން ދުވަހު ހުޅުވުމުގެ ނިޔަތެއް އޮވެގެން މި ސަރުކާރުން އެ ޓާމިނަލް ހުޅުވަން އުޅެނީ ވެސް އެ ތަނުގެ މަސައްކަތްތައް ފުރިހަމައަށް ނުނިމެނީސް ކަމަށެވެ. 
ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކުރީ މެއި 2016ގައި
އެ ކުންފުނިން އެ މަސައްކަތް ކުރަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްގެން
350 މިލިއަން ޑޮލަރު (5.3 ބިލިއަން ރުފިޔާ): ފުރަތަމަ ލަފާކުރި އަދަދު
600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ): މިހާރު އަރާނެ ކަމަށް ލަފާކުރެވޭ އަދަދު
7.5 މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދެވޭ ވަރުގެ ޓާމިނަލެއް
40 ޑިޕާޗާ ގޭޓާއި 38 އިމިގްރޭޝަން ކައުންޓަރު
ފްލައިޓަށް އަރާފައިބަން އެއިރޯ ބްރިޖުތައް ގާއިމް ކުރާނެ
ފާހަގަކޮށްލެވޭ - ޓާމިނަލް ހުޅުވުމަށް ފަހު އޮގަސްޓް މެދާ ހަމައަށް އާ ޓާމިނަލް ބޭނުންކުރާނީ ހަމައެކަނި ގައުމީ އެއާލައިން، މޯލްޑިވިއަނުންނެވެ. އެއަށް ފަހު، އޮގަސްޓުގެ މެދުތެރެއިން ފެށިގެން 10 އެއާލައިނެއް އާ ޓާމިނަލަށް ބަދަލު ކުރަން ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ