އިންގްލެންޑް ބަލިކޮށް އިންޑިއާގެ އެނބުރި އައުން ހާއްސަވީ ކެޕްޓަން ގިލް އަށް އިންގްލެންޑް ބަލިކޮށް އިންޑިއާގެ އެނބުރި އައުން ހާއްސަވީ ކެޕްޓަން ގިލް އަށް

ބާމިންހަމް، އިންގްލެންޑް (ޖުލައި 7) - އިންގްލެންޑާއި އިންޑިއާ އިން ކުޅޭ ފަސް މެޗުގެ ޓެސްޓް ސީރީސްގެ ދެ ވަނަ މެޗުން އިންޑިއާ މޮޅުވިއިރު، އެ ޓީމުގެ ކެޕްޓަން، ޝުބްމަން ގިލް ތަފާތު މޮޅު ކުޅުމެއް ދައްކައިފި އެވެ.
ސީރީސްގެ ފުރަތަމަ މެޗުން ލީޑްސްގައި އިންޑިއާ ބަލިވީ، ފަސް ވިކެޓުންނެވެ. ދެ ވަނަ މެޗު، ބާމިންހަމްގައި ކުރިއަށްދިޔައިރު، އިންޑިއާ އިއްޔެ މޮޅުވީ، 336 ލަނޑުންނެވެ. މިއީ، ބާމިންހަމްގައި ކުޅެގެން އިންޑިއާ އަށް ލިބުނު ހާއްސަ ކާމިޔާބެކެވެ. ސީރީސްގައި، އިންޑިއާ 1-1 އިން އެއްވަރުކުރިއިރު، މޮޅުވުމުގެ ޓްރެކަށް އެނބުރި އައުން ހާއްސަކޮށްދިނީ، 25 އަހަރުގެ ކެޕްޓަން ގިލް އެވެ.
ދެ އިނިންގްސްގައި، ގިލް ވަނީ، 269 އާއި 161 ލަނޑު ހަދައިފަ އެވެ. ޖުމްލަ އެކު، ދެ އިނިންގްސްގެ އެގްރިގޭޓް، 430 ލަނޑާ އެކު އޮތް ގިލް އަކީ، އިންގްލެންޑްގެ ގްރަހަމް ގޫޗް އަށް ފަހު، ޓެސްޓް މެޗެއްގެ ދެ އިނިންސްއެއްގައި އެންމެ ރަނގަޅު ލަނޑު ރެކޯޑެވެ. އެ ގޮތުން، 1990 ވަނަ އަހަރު ގޫޗް ވަނީ އިންޑިއާއާ އެކު ކުޅުނު ޓެސްޓް މެޗެއްގެ ދެ އިނިންގްސްގައި ޖުމްލަ އެކު، 456 ލަނޑު ހަދައިފަ އެވެ. އެއީ، ފުރަތަަމަ އިނިންގްސްގައި، 333 ލަނޑު އަދި ދެ ވަނަ އިނިންގްސްގައި 123 ލަނޑެވެ.
މީގެ އިތުރުން، ގިލް އަކީ އެއް ޓެސްޓް މެޗެއްގެ ދެ އިނިންސްގައި، 150 އަށް ވުރެ ގިނަ ލަނޑު ހެދި ދެ ވަނަ ކުޅުންތެރިޔާ އެެވެ. މީގެ ކުރިން، އެކަން ހާސިލްކުރީ، 1980 ވަނަ އަހަރު އެލަން ބޯޑާ އެވެ. ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި، ބޯޑާ ވަނީ 150 އާއި 153 ލަނޑު، ދެ އިނިންގްސްގައި ހަދައިފަ އެވެ. ގިލް އަކީ، ޓެސްޓް އެއް މެޗެއްގައި، ޑަބަލް ސެންޗަރީ އަކާއި ސެންޗަރީއެއް ހެދި އިންޑިއާގެ ދެ ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން އެކަން ކާމިޔާބުކޮށްފައި އޮތީ ސުނިލް ގާވަސްކަރު އެވެ. އެއީ، 1971 ވަނަ އަހަރު ވެސްޓް އިންޑީސްއާ ދެކޮޅަށެވެ.
ކެޕްޓަނެއްގެ ގޮތުގައި، މީގެ ކުރިން ޓެސްޓް މެޗެއްގެ އެގްރިގޭޓް އެންމެ ރަނގަޅަށް އޮތް އިންޑިއާގެ ކުޅުންތެރިއަކީ، ވިރާތު ކޯލީ އެވެ. އެ ގޮތުން، ވިރާތު، 2017 ވަނަ އަހަރު ސްރީ ލަންކާއާ ކުޅުނު މެޗުގައި، ދެ އިނިންސްގައި 293 ލަނޑު ހެދި އެވެ. ގިލް، އެ ރެކޯޑް މުގުރާލީ، 456 ލަނޑު ހަދައިގެންނެވެ.
އިންޑިއާ އިން އެންމެ ފަހުން، އިންގްލެންޑްގައި ޓެސްޓް ސީރީސް އަކުން މޮޅުވީ، 2007 ވަނަ އަހަރު އެެވެ. ގިލް ހުރީ، 18 އަހަރުވީ އެ ތާރީހު ބަދަލުކުރުމުގެ އަމާޒުގަ އެވެ. ސީރީސްގެ ތިން ވަނަ މެޗު ކުރިއަށްދާނީ، މި މަހު 10-14 އަށް ލޯޑްސްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ