ބައްޕައަކު އަންހެން ދަރިފުޅު މަރާލީ، ކުޅިވަރުގައި ހޯދަމުންދިޔަ ކާމިޔާބީއާ މެދު ހިތްހަމަނުޖެހިގެން
އިންޑިއާގެ ހަރިޔާނާ ސްޓޭޓުގެ އަވަށެއް ކަމަށްވާ ގުރުގާއޯންއަށް ނިސްބަތްވާ ބައްޕައަކު، އޭނާގެ އަންހެން ދަރިފުޅު ކުޅިވަރުގައި ހޯދަމުންދިޔަ ކާމިޔާބީއާ މެދު ހިތްހަމަނުޖެހިގެން، އެ ދަރިފުޅު މަރާލައިފިއެވެ. އުމުރުން 23 އަހަރުގެ ޓެނިސް ކުޅުންތެރިޔާ ރާދިކާ ޔާދަވް މަރާލާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި އޭނާ ދިރިއުޅޭ ގޭގައި ރާދިކާގެ ބައްޕަ ދީޕަކް އެވެ. ބަޑި ޖަހައި އުފަން ދަރިފުޅު މަރާލީ ޓެނިހުގެ ކުޅިވަރުގައި ރާދިކާ ހޯދަމުން ދިޔަ ކާމިޔާބީއާ ގުޅިގެން އާންމުންގެ ފަރާތުން އޭނާގެ ބައްޕައަށް ލިބެމުންދިޔަ ފާޑުކިޔުންތަކާ ގުޅިގެން ކަމަށް ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ. ރާދިކާގެ ބޮޑުބޭބެ ކުލްދީޕް ނަމަކަށް ކިޔާ މީހަކު ފުލުހުންނަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ރާދިކާއަށް ދިން ހަމަލާގެ އަޑު އޭނާއަށް އިވުމާ އެކު އެ އާއިލާ ދިރިއުޅޭ ފަންގިފިލާއަށް ދިޔަ ކަމަށެވެ. ބަޑީގެ ހަމަލާ ދީފައި ވަނީ ރާދިކާ ކައްކަން ބަދިގެތެރޭގައި އުޅެނިކޮށް ކަމަށާއި ވަގުތުން ރާދިކާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އޭނާ ބުންޏެވެ. ރާދިކާ އަދި އޭނާގެ ބައްޕަ ދީޕަކް--ފޮޓޯ/ފޭސްބުކް ނަމަވެސް ހޮސްޕިޓަލަށް ދިޔައިރު ރާދިކާ ވަނީ މަރުވެފައި ކަމަށާއި ރާދިކާ މަރާލަންޖެހޭ ފަދަ އެއްވެސް މައްސަލައެއް ނުވަތަ ހަމަނުޖެހުމެއް ވެސް އާއިލާގެތެރޭގައި ނުހިނގާ ކަމަށް ކުލްދީޕް ވަނީ ބުނެފައެވެ. ފުލުހުންނާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ބުނެފައި ވަނީ ރާދިކާގެ ބައްޕަ ދީޕަކް އޭނާ މަރާލީ ބައިނަލްއަގުވާމީ ރޭންކްތަކުން ވެސް ދަރިފުޅަށް ލިބެމުންދިޔަ ކާމިޔާބީއާ ގުޅިގެން އެކަން ތަހައްމަލު ނުކުރެވުމުން ކަމަށެވެ. ރާދިކާ ދިޔައީ އަމިއްލަ އެކެޑަމީތަކުގައި ވެސް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްދެމުން ކަމަށާއި ވަރަށް ހައި ޕްރޮފައިލް ކްލައިންޓުންނަށް ވެސް ރާދިކާ ކޯޗުކަން ކޮށްދެމުން ދިޔަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ރާދިކާގެ މައްސަލައިގެ ތަހުގީގަށް ދިން ބަޔާނުގައި އޭނާގެ ބައްޕަ ދީޕަކް ބުނެފައި ވަނީ ދަރިފުޅަށް ލިބެމުންދިޔަ ކާމިޔާބީއާ އެކު ބޮޑު އާމްދަނީއެއް ލިބޭތީ އެ އަވަށުގެ ގިނަ ބަޔަކު އޭނާއަށް މަލާމާތްކުރި ކަމަށެވެ. އެކަމާ ގުޅިގެން ޓެނިސް ކުޅުން ހުއްޓާލަން އެތައް ފަހަރަކު ދަރިފުޅަށް ނަސޭހަތްތެރިވި ކަމަށް ވެސް ދީޕަކް ވަނީ ތަހުގީގުގައި ބުނެފައެވެ.ސްޓޭޓް ލެވެލްގެ އިތުރުން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދަމުންދިޔަ ރާދިކާ އަކީ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް) ރޭންކިންގެ 113ވަނައިގައި ރޭންކް ކޮށްފައިވާ ކުޅުންތެރިއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ