ގުޅިފަޅު ގޯތީގެ ރަޖިސްޓަރީގެ ދޫކުރަން ފަށައިފި
މިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރަން ހައުސިން މިނިސްޓްރީން މިއަދު ފަށައިފި އެވެ.ހައުސިން މިނިސްޓްރީން ބުނީ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ އެކު، ގުރުއަތު ނެގުމަށް ފަހު ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރުން ކުރިއަށްދަނީ އެ މިނިސްޓްރީ ކުރިން ހިންގި އިމާރާތް ބިމުގައި ކަމަށެވެ. ގުޅިފަޅު ގޯތީގެ ރަޖިސްޓްރީ ދިނުމުގެ މަސައްކަތް ކުރިއަށްގެންދަނީ ސިޓީ ކައުންސިލުން ބޭނުންކުރަމުންދިޔަ ބައިގަ އެވެ.ރަޖިސްޓްރީ ދޫކުރަނީ މިމަހުގެ އެއް ވަނަ ދުވަހު، އެކަމަށް އެޕޮއިންޓްމެންޓަށް އެދުމަށް ހުޅުވާލުމުން އެޕޮއިންޓްމެންޓަށް އެދުނު މީހުންގެ ތަރުތީބުންނެވެ. އަދި އެ މަސައްކަތް ރަސްމީ ދުވަސްތަކުގައި 9:00އިން 15:00އަށް ކުރިއަށްގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.ގޯތީގެ ރަޖިސްޓްރީ ހޯދަން ދާ މީހުން، އެ މީހެއްގެ އައިޑީ ކާޑުގެ އަސްލާއި މިނިސްޓްރީއާއި ގޯތި ލިބޭ ފަރާތާ ދެމެދު ކުރިން ސޮއިކޮށްފައިވާ "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" އަދި "ބަންޑާރަ ގޯތީގެ ރަޖިސްޓަރީ"ގެ އަސްލު ގެންދަން ޖެހޭނެއެވެ.ހައުސިން މިނިސްޓްރީ އިން ބުނީ ކުރިން ވެފައިވާ އެއްބަސްވުންތައް އުވާނުލައި، ހަމައެކަނި ގޯތީގެ ލޮޓް ނަންބަރާ ބެހޭ މައުލޫމާތު އިސްލާހުކޮށް، އެ އިސްލާހުގައި ސޮއިކުރަން ނިންމާފައިވާ ކަމަށެވެ.މީގެ އިތުރުން، ގޯތިލިބުނު ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ރާއްޖޭގެ ބިމާބެހޭ ގާނޫނާ ފުށުއަރާ ކަންކަން ހުރުމުން އެކަމަށް ހައްލު ހޯދުމަށް އެޓާނީ ޖެެނެރަލްގެ އޮފީހާ މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ