މާފަންނު ސަހަރާ ހުސްކުރުމުގެ މަސައްކަތް ކުރަމުން ގެންގޮސްފައި ވަނީ ފަތުވާ ކޮމިޓީން ކުރިން ދީފައިވާ ފަތުވާއާ އެއްގޮތަށް ކަމަށާއި އަލަށް ނެރުނު ފަތުވާއާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ދެން އަމަލު ކުރާނެ ގޮތެއްގެ ލަފައެއް ދިނުމަށް އެދި މި ހަފުތާގައި ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށް މާލެ ސިޓީގެ މޭޔަރު، އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
އަދަދު އަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ ކައުންސިލުގެ ލަފާގެ މަތިން ނޫން ގޮތަކަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ. މޭޔަރުގެ ދައުރަކީ ކައުންސިލުން ފާސްކުރާ ކަންކަން ތަންފީޒު ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން ފަތުވާ ކޮމިޓީން މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި ފަތުވާއާ ގުޅިގެން ކައުންސިލުން ދެން އަމަލު ކުރާނެ ގޮތަކާ ގުޅޭގޮތުން ލަފައެއް ދިނުމަށް މިއަންނަ ބުދަ ދުވަހު ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށްް އާޒިމް ވިދާޅުވި އެވެ.
"މިހާރު އާ ފަތުވާއެއް އައީމާ އަޅުގަނޑު ކައުންސިލުގެ ލަފަޔަކަށް އަހާނަން، ކިހިނެއްތޯ އަމަލު ކުރަންވީ އަޅުގަނޑުމެން، ދެން ކައުންސިލުން ދެއްވާ ލަފަޔާ އެއްގޮތަށް އަޅުގަނޑުމެން އަމަލު ކުރަމުން ގެންދާނީ، ކައުންސިލުގެ ލަފަޔަކަށް އަޅުގަނޑު އަހާނަން މި އަންނަ ބުދަ ދުވަހު އޮންނަ ކައުންސިލުގެ ބައްދަލުވުމުގައި،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ފަތުވާ ކޮމިޓީން ނެރެފައިވާ ފަތުވާއަށް އިހުތިރާމު ކުރައްވާނެ ކަމަށާއި މާފަންނު ސަހަރާގައި ކުޅިވަރު ކުޅޭ މައިދާނެއް ހެދުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ. އަދި އިސްލާމް ދީނާ ހިލާފު އެއްވެސް ކަމެއް އޭނާގެ މޭޔަރުކަމުގައި ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް އާޒިމް ވިދާޅުވި އެވެ.
"ކުޅިވަރު ކުޅޭ މައިދާނެއް ހެދުމުގެ ވިސްނުމެއް ނުގެންގުޅެން، އަޅުގަނޑުގެ މޭޔަރުކަމުގައި އިސްލާމް ދީނާ ހިލާފު އެއްވެސް ކަމެއް ނުކުރާނަން،" އާޒިމް ވިދާޅުވި އެވެ.
މާލޭގެ އިންދިރާސްވެފައި ހުރި ސަހަރާތައް އުވާލައި އެތަންތަނުގައި މައިޒާންތަކެއް ހަދަން 2019 ގައި، އޭރުގެ ކައުންސިލުން ނިންމާފައި އޮތީ މާލެ ތޮއްޖެހިފައި އޮތް މިންވަރަށް ބަލައި، މާލޭގެ ރައްޔިތުން ބޭރަށް ނުކުމެލައި އުޅޭނެ ޖާގަތައް ތަނަވަސް ކޮށްދޭން ޖެހޭ ކަމަށް ގަބޫލު ކުރެވިގެން ކަމަށް ދެކިވަޑައިގަންނަވާ ކަމަށް އާޒިމް ވިދާޅުވި އެވެ.
އަދި އެ ނިންމެވުމާ އެއްގޮތަށް މާފަންނު ސަހަރާ އުވައިލުމުގެ ލަފަޔަކަށް ފަތުވާ ކޮމިޓީގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާގެ މޭޔަރުކަމުގައި އެދިވަޑައިގެންފައި އޮތީ އެމަނިކުފާނު ވެސް އެކަން ގަބޫލު ކުރައްވާތީ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އާޒިމް ވިދާޅުވި އެވެ.
މާފަންނު ސަހަރާ އުވައިލުމުގެ މަސައްކަތް މިހާރުގެ ކައުންސިލުން ކުރިއަށް ގެންދިޔައީ ފަތުވާ ކޮމިޓީން ނެރެފައި އޮތް ފަތުވާ އާއި ކަމާގުޅުންހުރި ފަރާތްތަކުން ދިން އިރުޝާދާ އެއްގޮތަށް ކަމަށް އާޒިމް ވިދާޅުވި އެވެ.
"އެ ބޭފުޅުން ލަފާ ދެއްވި ގޮތަށް އަޅުގަނޑުމެން ސިވިލް ސާވިސް މުވައްޒަފުން އެ މަސައްކަތް ކުރީ، ހަމަ ފުރާނާފައި، ކަށި ފެނިއްޖެއްޔާ، ފަހާފައި ހުންނަ ހުދު ފޮތި ކޮތަޅަށް އަޅައިގެން ގެންގޮސް އާސަހަރާގައި ވަޅުލީ، ކަށި ފެނިއްޖެއްޔާ، ދެން ވަރަށް މަދު ކަށި ހުރީ، އަނެއްހެން ކަށްޓެއް ނުވެސް ނެތް،" އާޒިމް ވިދާޅުވި އެވެ.
މާލޭގެ ހަތަރު އަވަށުގައި ހުރި ހަތަރު ސަހަރާގައި ޕާކިން ބިލްޑިންތަކެއް ހަދަން މާލެ ސިޓީ ކައުންސިލަށް ހުށަހެޅުއްވީ އޯގަސްޓު 27، 2019 ގައި މިހާރުގެ މައްޗަންގޮޅި މެދު ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު ޒަމީރު އެވެ. އެ ހުށަހެޅުން ފާސްކުރީ އެ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުންނެވެ.
އޭގެފަހުން މާލޭގެ އިންދިރާސްވެފައި ހުރި ސަހަރާތައް އުވާލައި އެ ތަންތަން އާންމު މަސްލަހަތު ހުރި ކަންކަމުގައި ބޭނުން ކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދިނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ، މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި އޯގަސްޓު 7، 2022 ގަ އެވެ.
އާ ފަތުވާއާ ގުޅިގެން އަމަލު ކުރާނެ ގޮތެއްގެ ލަފައެއް ހޯދަން ކައުންސިލަށް ހުށަހަޅާނަން: އާޒިމް އާ ފަތުވާއާ ގުޅިގެން އަމަލު ކުރާނެ ގޮތެއްގެ ލަފައެއް ހޯދަން ކައުންސިލަށް ހުށަހަޅާނަން: އާޒިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ