ފައިނަލުން ބަލިވި ފެމެލީ ބޭކާސްގައި ގައުމީ ބީޗު ހޭންޑްބޯޅަ ޓީމުގެ ހަ ކުޅުންތެރިން

ކުޑަހުވަދޫގައި ބޭއްވި ކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތް 2025ގެ ފިރިހެން ޑިވިޝަން ފައިނަލުގައި ގައުމީ ބީޗު ހޭންޑްބޯޅަ ޓީމުގެ ގިނަ ކުޅުންތެރިން ހިމެނޭ ފެމެލީ ބޭކާސް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން އޮޑި ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ. ފެމެލީ ބޭކާސްއަކީ މި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން ޓީމެވެ. އެ ޓީމު މިއަހަރުގެ ފައިނަލުގައި އޮޑި ސްޕޯޓްސް ކުލަބު އަތުން ބަލިވެފައިވަނީ 2-1ގެ ނަތީޖާއަކުންނެވެ. ފައިނަލުން މޮޅުވި އޮޑި ސްޕޯޓްސް ކްލަބް -- ފޮޓޯ: ގާފު ސްޕޯޓްސް ފެމެލީ ބޭކާސް ޓީމު ނިސްބަތްވަނީ ކުޅުދުއްފުށި ސިޓީއަށެވެ. އެ ސިޓީއަކީ ގައުމީ ބީޗު ހޭންޑްބޯޅަ ސްކޮޑު އެކުލަވާލާފައިވާ ތަނެވެ. އެހެންކަމުން ބީޗު ހޭންޑްބޯޅަ ގައުމީ ޓީމުގައި މުޅިންވެސް ތިބީ އެ ސިޓީއަށް ނިސްބަތްވާ ކުޅުންތެރިންނެވެ. ކުޑަހުވަދޫގައި ނިމުނު މުބާރާތުގައި، ފެމެލީ ބޭކާސް ޓީމުގެ ސްކޮޑުގައި ހިމެނޭ 10 ކުޅުންތެރިންގެ ތެރެއިން ހަ ކުޅުންތެރިންނަކީ އެންމެ ފަހުން އެކުލަވާލި ބީޗް ހޭންޑްބޯޅަ ޓީމާއެކު އޮމާނަށް ދިޔަ ޤައުމީ ސްކޮޑުގައި ހިމެނުނު ކުޅުންތެރިންނެވެ. ފައިނަލް މެޗުގެ ފުރަތަމަ ސެޓު 23-26ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފެމެލީ ބޭކާސް އިންނެވެ. ނަމަވެސް ދެވަނަ ސެޓުގައި އޮޑިން ވަނީ 29-12ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ފެމެލީ ބޭކާސްއާ އެއްވަރުކޮށްފައެވެ. އެހެންކަމުން މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ޝޫޓްއައުޓް ސެޓް 6-8ގެ ނަތީޖާއަކުން ކާމިޔާބުކޮށް އޮޑި ސްޕޯޓްސް ކުލަބުން ވަނީ ދެ ސެޓު އެއްސެޓުން މޮޅުވެ މުބާރާތުގެ ޗެންޕިއަންކަން ހޯދާފައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އޮޑި ސްޕޯޓްސް ކުލަބުގެ ރައުލް އައްސަދު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ