ހިޔާނާތުގެ އިތުރު މައްސަލައެއްގައި ސައީދަށް ދައުވާކޮށްފި
ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް ފެނަކައަށް ގަތުމުގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި، ފެނަކައިގެ އޭރުގެ މެނޭޖިން ޑިރެކްޓަރަކަށް ހުުންނެވި އަހުމަދު ސައީދު މުހައްމަދަށް ދައުވާކޮށްފި އެވެ.ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މިއަދު ބުނި ގޮތުގައި ސައީދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުން ކުރުމުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހެޅީ 20 މެއިގަ އެވެ.އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމެވެ.މި ދައުވާގެ ޝަރީއަތް ފެށުމަށް އަޑުއެހުމެއް މި ފަހުން ކްރިމިނަލް ކޯޓުގައި ތާވަލުކުރި ނަމަވެސް އެ ދުވަހު އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ.ސައީދު ބޯޑަށް ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތުކުރަނީ، ފިޝަރީޒް މިނިސްޓްރީގެ ޕްރޮޖެކްޓެއްގެ ދަށުން މާމެންދޫގައި ފެނަކައާ ހަވާލުކޮށްގެން އައިސްޕްލާންޓެއް އަޅަން އުޅޭކަން އެނގިހުރެ، އައިސް ޕްލާންޓު ގަތުމުގެ މުއާމަލާތް ހިންގުމާ ގުޅިގެންނެވެ."ލ. މާމެންދޫގައި ފިޝަރީޒް މިނިސްޓްރީ އާއި ފެނަކަ ކޯޕަރޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުުގެ ދަށުން އައިސްޕްލާންޓެއް އެޅުމަށް ހަމަޖެހިފައިވަނިކޮށް، އަހުމަދު ސާއީދު މުހައްމަދު ވަނީ ބޯޑު މެންބަރުންނަށް ދޮގު މައުލޫމާތުތަކެއް ދީފައި،" އޭސީސީން ބުންޏެވެ.ފެނަކައަށް މި އައިސް ޕްލާންޓު ގަތީ 11.2 މިލިއަން ރުފިޔާއަށެވެ. މިއީ އައިސްޕްލާންޓަކަށް އާދަޔާ ހިލާފު ބޮޑު އަގެއް ކަމަށް އޭސީސީން ބުންޏެވެ. މި އައިސް ޕްލާންޓުގެ ވެލުއޭޝަން ހެދީ ދެން މި މައްސަލައިގައި ހިމެނޭ އެކައުންޓަންޓު މަސްއޫދެވެ. ސައީދު ވަނީ މި އަގުގައި އައިސްޕްލާންޓު ގަންނަން އެ ކުންފުންޏާ ސޮއިކޮށްފަ އެވެ.އޭސީސީން ވަނީ އެހެން މައްސަލަތަކެއްގައި ވެސް ސައީދަށް ދައުވާކުރަން ފޮނުވާފަ އެވެ. އަދި އޭނާއާ ގުޅޭ ބޮޑު ހަ މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައި ވެ އެވެ. މި ތުހުމަތުތައް ކުރެވުނަސް ސައީދު ވަނީ ހިޔާނާތުގެ އެއްވެސް ކަމެއް ހިންގާފައި ނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ