އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ވާވު އަތޮޅު ޕީއެންސީ ކެމްޕޭން މެނޭޖަރަކަށް، ކޮރަޕްޝަންގެ އެތައް ތުހުމަތެއް އަމާޒުވެފައިވާ އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، ފަޒުލް ރަޝީދު ހަމަޖައްސައިފި އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ވާވު އަތޮޅު ޕީއެންސީ ކެމްޕޭނުގެ މެނޭޖަރަކަށް ފަޒުލް ހަމަޖައްސާފައިވާކަން އެ ޕާޓީގެ އިސް ބައެއް ބޭފުޅުން އަދަދު އަށް ކަށަވަރު ކޮށްދެއްވި އެވެ. އޭނާ ވަނީ މީގެކުރިން ވ. ފެލިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފަ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ވާވު އަތޮޅު ކެމްޕޭން މެނޭޖަރަކަށް ފަޒުލް ހަމަޖެއްސިއިރު، މާލޭ ރަށްވެހިންނަށް ގޯތި ދޭން ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިިތަކެއް ވިއްކާލި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވެ އެވެ.
އެ ތުހުމަތުތައް އޭނާގެ މައްޗަށް ކުރެވުމުން އެ މައްސަލައިގައި ފުލުހުން ތަހުގީގެއް ވެސް ހިންގި އެވެ. އެގޮތުން ފަޒުލް ދިރިއުޅޭ މ. ޒޭވަރު ޑިސެމްބަރު 22، ގައި ބަލައި ފާސްކުރުމުގެ ތެރޭގައި ނަގުދު ފައިސާއިން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދި އެވެ.
ނަމަވެސް ފަހުން ފުލުހުން ވަނީ އެ ފައިސާ ފަޒުލްއާ ހަވާލުކޮށްފަ އެވެ.
އޭގެއިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ އާދަޔާ ހިލާފު ބޮޑު އަގެއްގައި އެޗްޑީސީން ހަވާލު ކުރުމުގައި ވެސް ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަމުގެ ތުހުމަތު ފަޒުލްގެ މައްޗަށް ކުރެވެ އެވެ.
ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓުތައް ހަރުކުރަން ޗައިނާގެ ޝެންޔެންގެ ޔުއަންޝާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕާ ހަވާލުކުރީ 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) އަށެވެ. އެއީ ކޮންމެ ލިފްޓަކަށް 562،500 ޑޮލަރު (8.3 މިލިއަން ރުފިޔާ) ރޭޓުގަ އެވެ.
ބޮޑު އަގުގައި ލިފްޓުތައް ހަރުކުރަން ހަވާލުކުރި ކަމުގެ ތުހުމަތު ކުރެވޭއިރު، މިހާރު ލިފްޓުތައް ހަރުކުރަން ހަވާލުކޮށްފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކުރަމުން އަންނަ ވަރުގެ ދެ ޓަވަރު އެޅޭ ވަރަށް ވުރެ ގިނަ ފައިސާއަށެވެ.
އެފްޑީސީން އިމާރާތްކުރާ 32 ޓަވަރުގެ ސްޓްރަކްޗަރާއި ފިނިޝިން ހިމަނައިގެން މުޅި މަޝްރޫއަށް ހަރަދު ވަނީ 269 މިލިއަން ޑޮލަރެވެ. އެއީ ދިވެހި ފައިސާއިން 4.1 ބިލިއަން ރުފިޔާ އެވެ. މިހެންކަމުން މިއިން ޓަވަރެއް އިމާރާތްކުރަން ހަރަދު ވަނީ ގާތްގަނޑަކަށް 128 މިލިއަން ރުފިޔާ އެވެ.
އެ ތުހުމަތުތަކާ ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފަޒުލް އިސްތިއުފާ ދެއްވީ މިދިޔަ ޑިސެމްބަރު 21، ގަ އެވެ. އޭގެފަހުން ދުވަސްތަކެއް ވަންދެން ނުފެނި ހުރުމަށްފަހު އޭނާ އެންމެ ފުރަތަމަ ފެނުނީ މެއި 16، ގައި ބޭއްވި ޕީއެންސީގެ މެންބަރުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާއިންނެވެ.
އެ ޖަލްސާގައި ފަޒުލްގެ އިތުރުން ވެސް ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ އެތައް ބަޔަކު ޕީއެންސީގެ އިސް ސަފުން ފެނުނެވެ. އޭގެތެރޭގައި މުއާޒް މުހައްމަދު ރަޝީދު އާއި އިސްމާއިލް ސުހައިލްގެ އިތުރުން ތުހުމަތުތަކާ ގުޅިގެން މަގާމުން ވަކިކުރި މުހައްމަދު ވަޖީހު އިބްރާހިމް އަދި ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ އަބްދުﷲ މުހައްމަދު ހިމެނުނެވެ.
އެ ހުރިހާ ބޭފުޅުން ވެސް އެރޭ ރަސްމީކޮށް ޕީއެންސީއާ ގުޅިވަޑައިގެން ރައީސް މުއިއްޒުއަށް ބޯލަނބައި ކިޔަމަން ވާން އެއްބަސްވެވެ އިގުރާރުވެވަޑައިގެންނެވި އެވެ.
ކޮރަޕްޝަންގެ ސީރިއަސް ތުހުމަތުތަކެއް އަމާޒުވެފައިވާ ފަޒުލް ޕީއެންސީގެ ވާވު އަތޮޅު ކެމްޕޭނު މެނޭޖަރަކަށް! ކޮރަޕްޝަންގެ ސީރިއަސް ތުހުމަތުތަކެއް އަމާޒުވެފައިވާ ފަޒުލް ޕީއެންސީގެ ވާވު އަތޮޅު ކެމްޕޭނު މެނޭޖަރަކަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ