10،000 ޓަނުގެ ފެން ރައްކާކުރާ ތާންގިއެއް ހުޅުމާލޭގައި ޤާއިމްކޮށް ބޭނުންކުރަން ފަށައިފި

ހުޅުމާލޭގައި އެމްޑަބްލިއުއެސްސީން ޤާއިމްކުރި 10،000 ޓަނުގެ ފެން ރައްކާކުރާ ތާންގި ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބެހެއްޓި އެންމެ ބޮޑު ފެން ތާންގީއެވެ.
މި ތާންގި ބޭނުންކުރަން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، މި ތާންގިއާއެކު ކުރިއަށް އޮތްތަނުގައި މާލެ ސަރަހައްދަށް ދިމާވެދާނެ ފެނުގެ ކާރިސާތަކުން އަރައިގަތުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.
ހުޅުމާލޭގައި އާބާދީ އިތުރުވަމުން އަންނަ މިންވަރަށް ބަލާއިރު، އެ ސަރަހައްދުގެ ރައްޔިތުންނަށް ފެނުގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަކީ ސަރުކާރުގެ އިސް އަމާޒެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. "މި މަސައްކަތަށް ބޮޑު ސަމާލުކަމެއް ދީގެން ކުރިއަށްގެންދިޔައީ.. ހަޤީގަތުގައި ސަރުކާރުން މިފަދަ ޚިދުމަތެއް ފޯރުކޮށްދިނުމަކީ އަދި ރައްޔިތުންނަށް ފޯރުކޮށްދޭ ފެނުގެ ޚިދުމަތް ނުހުއްޓި ފޯރުކޮށްދިނުމަކީ ސަރުކާރުން ކޮންމެހެންވެސް ކުރަންޖެހޭ ކަމަކަށްވާތީ" ވަޒީރު ވިދާޅުވިއެވެ.
އެމްޑަބްލިއުއެސްސީގެ އެންމެ މުހިންމު އެއް އަމާޒަކީ ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކުރުންކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން، މާލެ ސަރަހައްދުގައި ހުންނަ ފެން އުފައްދާ މައި މަރުކަޒުތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އެކުންފުނިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި ތާންގީގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވީ ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން މުޙައްމަދެވެ. މި ތާންގިއާއެކު، މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތިނުވެ ފެން ފޯރުކޮށްދިނުމުގެ ޔަޤީންކަން ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ