މި ވަގުތަށް ޗެތުރީ އިންޑިއާ ޓީމަށް މުހިންމެއް ނޫން މި ވަގުތަށް ޗެތުރީ އިންޑިއާ ޓީމަށް މުހިންމެއް ނޫން

ބެންގަލޫރު (އޮގަސްޓް 18) - އިންޑިއާ އިން ކުރިއަށް އޮތް ކާފާ ނޭޝަންސް ކަޕަށް ނެގި ސްކޮޑަށް ބަލާއިރު، 41 އަަހަރުގެ ފޯވާޑް، ސުނިލް ޗެތުރީގެ ބޭނުމެއް ނެތް ކަމަށް އިންޑިއާގެ އާ ކޯޗު، ހާލިދު ޖާމިލް ބުނެފި އެވެ.
މި މަހު 29 އިން އަންނަ މަހުގެ 8 ވަނަ ދުވަހުުގެ ނިޔަލަށް ތަޖިކިސްތާނާއި އުޒްބެކިސްތާނުގައި ކުރިއަށްދާ ނޭޝަންސް ކަޕަށް ނެގި އިންޑިއާގެ 35 ކުޅުންތެރިންގެ ސްކޮޑުގައި، ޗެތުރީ ނުހިމެނެ އެވެ.
ދެ އަހަރުގެ ކޮންޓްރެކްޓެއްގައި އިންޑިއާއާ ހަވާލުވި، ޖާމިލް ނެގި ފުރަތަމަ ސްކޮޑުން ޗެތުރީ އަށް ފުރުސަތު ނެތުމުން މީޑިއާގައި ގިނަ ގޮތްގޮތަށް އަންނަނީ ވާހަކަ ދެކެވެމުންނެވެ. އެ ހުރިހާ ވާހަކައަކާ ގުޅޭގޮތުން، ޖާމިލް ވަނީ، އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަން އިން ނެރުނު ބަޔާނެއް މެދުވެރިކޮށް ޖަވާބު ދީފަ އެވެ.
އެ ގޮތުން، ޖާމިލް ބުނީ، އޭޝިއަން ކަޕް ކޮލިފައިން އަށް ތައްޔާރުވުމާއި އާ ކުޅުންތެރިން ޓެސްޓް ކުރަން ބޭނުންހިފާ މުބާާރާތެއްގައި ޗެތުރީ ކުޅުވުމުގެ މާ ބޮޑު ބޭނުމެއް ނެތް ކަމަށެވެ. އަދި، މި ވަގުތަށް އޭނާ އަށް މުހިންމީ ކުރިއަށް އޮތްތަނުގައި، އިންޑިއާ އަށް ބޭނުންކުރެވޭނެ ގިނަ ކުޅުންތެރިންތަކަކަށް ގައުމީ ޓީމުގައި މެޗުތަކެއް ދިނުމަށް ކަމަށް ޖާމިލް ވަނީ ބުނެފަ އެވެ.
ނޭޝަންސް ކަޕްގައި، މި މަހު 29 ވަނަ ދުވަހު އިންޑިއާ އިން ތަޖިކިސްތާނާ ކުޅުމަށް ފަހު، އަންނަ މަހު އެއް ވަނަ ދުވަހު އިރާނާ ބައްދަލުކުރާނެ އެވެ. އަދި، ގްރޫޕްގެ ފަހު މެޗުގައި، އަފްގާނިސްތާނާ ކުޅޭނީ، އަންނަ މަހު ހަތަރު ވަނަ ދުވަހު އެވެ.
ޗެތުރީ އަކީ އޭނާގެ ފޭވަރިޓް ކުޅުންތެރިޔާ ކަމަށް ވެސް ޖާމިލް ވަނީ ބުނެފަ އެވެ.
އޮކްޓޫބަރު މަހު އޮތް އޭޝިއަން ކަޕް ކޮލިފައިންގައި، އިންޑިއާ އިން ކުޅޭ މެޗުތަކުގައި ޗެތުރީ އަށް ފުރުސަތު ދޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މީގެ އަހަރެއް ކުރިން، އިންޑިއާ ޓީމުން ރިޓަޔާކުރި ޗެތުރީ، އެނބުރި އައީ، މި އަހަރުގެ ކުރީކޮޅުގަ އެވެ. އިންޑިއާގެ ކޯޗަކަށް އޭރު ހުރި މަނޯލޯ މާކުއޭޒް، ޗެތުރީ ގެންނަން ނިންމީ އިންޑިއާގައި އެންމެ ރަނގަޅު ފޯމެއްގައި ހުރި އެ ގައުމަށް ނިސްބަތްވާ ފޯވާޑަކީ ޗެތުރީ ކަމަށްވާތީ އެވެ.
ޗެތުރި ވަނީ އިންޑިއާ ގައުމީ ޓީމަށް ކުޅުނު 152 މެޗުން 95 ލަނޑު ޖަހައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ