ޔުނައިޓެޑަށް ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެކަން އެނގިއްޖެ: އަމޮރިމް ޔުނައިޓެޑަށް ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެކަން އެނގިއްޖެ: އަމޮރިމް

މެންޗެސްޓާ (އޮގަސްޓް 18) - އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގައި، މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި އާސެނަލް އަތުން ބަލިވި ކަމުގައި ވިޔަސް މި މެޗުގައި ޔުނައިޓެޑުން ދެއްކި ކުޅުމަށް ބަލާއިރު، އެ ޓީމަށް މި ފަހަރު ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެކަން އެނގިގެން ގޮސްފައިވާ ކަމަށް ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް ބުނެފި އެވެ.
ޔުނައިޓެޑްގެ ދަނޑު އޯލްޑް ޓްރެފޯޑްގައި ރޭ އާސެނަލް މޮޅުވީ، 1-0 އިންނެވެ. މި މެޗުގައި، އާސެނަލްގެ ލަނޑު ޖެހީ ރިކާޑޯ ކަލަފިއޯރީ އެވެ. އެއީ، ޔުނައިޓެޑްގެ ކީޕަރު، އަލްޓޭ ބަޔިންދީރު އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ. މި މެޗުގައި ޔުނައިޓެޑުން ފޮނުވާލި ގިނަ ހަމަލާތަކެއް އާސެނަލްގެ ކީޕަރު، ޑޭވިޑް ރާޔާ ވަނީ މަތަކޮށްފަ އެެވެ.
ރޭގެ މެޗުގައި ޔުނައިޓެޑުން 22 ޝޮޓް ޖެހުމަށް އިޝާރާތްކޮށް، އަމޮރިމް ބުނީ، އެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ފޫހި ކުޅުމެއް ނޫން ކަމަށް އެންމެން ވެސް އެއްބަސްވާނެ ކަމަށެވެ.
"އަހަރެމެން ކުޅުނީ ވަރަށް ޝައުގުވެރި ކުުޅުމެއް، ޓީމު ކުޅުންތެރިންގެ ހިތްވަރާ މެދު އަހަރެން ވަރަށް ފަހުރުވެރިވޭ. އަހަރެން މަރުހަބާ ކިޔަން ދެއްކި ކުޅުމަށް، އެކަމަކު، ނުކުތް ނަތީޖާއަށް މަރުހަބާ ނުކިޔޭނެ އެއީ، އަމިއްލަ ދަނޑުގައި އަހަރެމެން ބަލިވެފައި މި އޮތީ،" އަމޮރިމް ބުންޏެވެ.
މިދިޔަ ނޮވެމްބަރު މަހު، ޔުނައިޓެޑާ ހަވާލުވެ، މިދިޔަ ސީޒަނުގައި ލީގުގެ 15 ވަނައިގައި ނިންމި ޔުނައިޓެޑުން މި ފަހަރު ފެންނަ ރަނގަޅު ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި އެ ކަންކަމަށް ބަލައި، މި ފަހަރު ގިނަ މެޗުތަކެއްގައި ނަތީޖާ ނެރެން ޖެހޭ ކަމަށް އަމޮރިމް ވަނީ ބުނެފަ އެެވެ.
"ޔަގީނުން ވެސް ކުރިއެރުން ފެނިއްޖެ، މި މެޗުގައި ދެއްކި ކުޅުމަށް ބަލާއިރު، އަހަރެމެންނަށް ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެކަން ވެސް އެނގިގެންގޮސްފި،" އަމޮރިމް ބުންޏެވެ.
ޔުނައިޓެޑުން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ފުލަމްއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ