ސެވިލް، ސްޕެއިން (އޮގަސްޓް 18) - މަޝްހޫރު ގިނަ ކްލަބްތަކަށް ކުޅުނު އާޖެންޓީނާގެ ތަރި، އެރިކް ލަމޭލާ، އުމުރުން 33 އަހަރުގައި ޕްރޮފެޝަނަލްކޮށް ފުޓްބޯޅަ ކުޅުން ހުއްޓާލައި، ރިޓަޔާކުރަން ނިންމި ސަބަބު އޮޅުންފިލުވައިދީފި އެވެ.
ރިވަ ޕްލޭޓުން، 2009 ވަނަ އަހަރު ފުޓްބޯޅަ ކެރިއަރު ފެށި ލަމޭލާ ވަނީ، އިޓަލީގެ ރޯމާ، އިންގްލެންޑްގެ ޓޮޓެންހަމް ހޮޓްސްޕާސް، ސްޕެއިނުގެ ސެވިއްޔާ އަދި، ގްރީސްގެ އޭއީކޭ އެތަންސް އަށް ކުޅެފަ އެވެ. އަދި، އާޖެންޓީނާ ގައުމީ ޓީމަށް 25 މެޗު ވަނީ ކުޅެދީފަ އެވެ.
ސެވިއްޔާ ދޫކޮށް، މިދިޔަ އަހަރު ތިން އަހަރުގެ ކޮންޓްރެކްޓެއްގައި، އޭއީކޭ އެތަންސް އަށް ބަދަލުވި ލަމޭލާ، އެ ޓީމުގެ އެއްބަސްވުން ނިމުމަކަށް ގެނެސް، ސެވިއްޔާގެ ކޯޗިން ޓީމާ ވަނީ ގުޅިފަ އެވެ. ލަމޭލާ ބުނީ، ފުޓްބޯޅަ ކުޅުން ހުއްޓާލުމާ މެދު ވިސްނަމުން އަންނަތާ އެތައް އަހަރެއް ވެފައިވާ ކަމަށެވެ.
"އަހަރެންގެ މި ނިންމުން ނުވިސްނި ހުރި މީހުންނަށް ސާފުކޮށްދޭން ބޭނުންވަނީ، އަހަރެންގެ އުނަގަނޑުގައި ވަރަށް މައްސަލަ އުޅޭ. އެގާރަ އަހަރު ކުރިން ފެށުނު ކަމެއް މިއީ، 2017 ވަަނަ އަހަރު މި ކަމުން އަރައިގަންނަން އަހަރެން އުނަގަނޑުގެ ދެ ފަރާތުގެ ވެސް އޮޕަރޭޝަނެއް ކުރިން. އެއީ، ވަރަށް އުނދަގޫވި އަހަރެއް، އެ ފަހަރު އަހަރެންގެ އުމުރުން 25 އަހަރުގައި ވެސް ކެރިއަރު ނިމުނީއޭ ހިތައް އެރި،" ލަމޭލާ ބުންޏެވެ.
ލަމޭލާ ބުނީ އެ އޮޕަރޭޝަނަށް ފަހު، މެޑިކަލް ޓީމުން އޭނާ އަށް ލަފާ ދިނީ އިތުރު ހަަތަރު އަހަރު ކެރިއަރު ކުރިއަށްގެންދިއުމަށް ކަމަށެވެ. އަދި، މިހާތަނަށް ބަލާއިރު އެ މުއްދަތަށް ވެސް އިތުރަށް ކުޅެވިފައިވާ ކަމަށާއި ނިންމާލަން ގޮތެއް ކަނޑައެޅީ އަމިއްލަ ސިއްހަތަށް ވިސްނުމަށް ފަހު ކަމަށް ލަމޭލާ ވަނީ ބުނެފަ އެވެ.
ލަމޭލާ ވަނީ 2023 ވަނަ އަހަރު ސެވިއްޔާއާ އެކު، ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ. އަދި، 2021 ވަނަ އަހަރު ފީފާ އެވޯޑްސްްގައި އެންމެ މޮޅު ގޯލަށް ދޭ ޕުސްކަސް އެވޯޑް ލިބުނީ ލަމޭލާ ޖެހި ގޯލަކަށެވެ.
33 އަހަރުގައި ލަމޭލާ ރިޓަޔާކުރި ސަބަބު އޮޅުންފިލުވައިދީފި 33 އަހަރުގައި ލަމޭލާ ރިޓަޔާކުރި ސަބަބު އޮޅުންފިލުވައިދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ