އިޔާ: އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދާ، ކުޑައިރުގެ ހުވަފެން ހަގީގަތަކަށް!

ދ. އަތޮޅު ސްކޫލްގެ ބެސްޓް އޯލް ރައުންޑުގެ މަގާމު ހޯދުމަކީ އެންމެ ކުޑައިރުއްސުރެ ވެސް މަރިޔަމް އިޔާ އިސްމާއިލް ދުށް ހުވަފެނެެވެ. އޭނާގެ އެ ހުވަފެނުގައި ކުލަ ޖެއްސުމަށްޓަކައި ފާއިތުވެދިޔަ އަހަރުތަކުގައި ބުރަ މަސައްކަތްތަކެއް ވެސް ކުރިއެވެ. މިދިޔަ ބުދަ ދުވަހުގެ ރޭ ދ. މީދޫގައި ހުންނަ އެ އަތޮޅު ސްކޫލްގައި ބޭއްވި އިނާމު ދިނުމުގެ ޖަލްސާގައި އެ ހުވަފެނުގައި ކުލަ ޖެހިއްޖެއެވެ. ސްޓޭޖު މަތީގައި އޭނާގެ މަންމައާއި ބައްޕައާ އެކު އިޔާ ހުއްޓިގެން ހުރީ ބެސްޓް އޯލް ރައުންޑް ދަރިވަރުގެ ސޭޝް އަޅައިގެންނެވެ. އިޔާ އޭނާގެ މަންމައާއި ބައްޕަ އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމާ އެކު -- އޭނާގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ. އެއީ، އެތައް ދުވަހެއް ވަންދެން ދުށް ހުވަފެނެއްގައި ކުލަޖެހުމުގެ އުފަލާއި ހިތްހަމަޖެހުމެވެ. އިޔާ ބުނީ ގުރޭޑް ނުވައަކަށް ދިޔައީއްސުރެ، ވަރަށް ބުރަކޮށް މަސައްކަތް ކުރަން ފެށި ކަމަށެވެ. ކުލާހުގައި ޓީޗަރު ކިޔަވައިދޭ ވަގުތު ކަނުލާ އަޑު އަހައި ކުލާހުގައި ދޭ މަސައްކަތްތައް އަބަދު ވެސް އޭނާ ފުރިހަމަކުރާ ކަމަށެވެ. "ގެއަށް ގޮސް ވެސް ކިޔަވައި، ޕާސްޓްޕޭޕަރު ހެދުމުގައި ވަގުތު ހޭދަކުރިން،" އިޔާ ބުންޏެވެ. އިޔާގެ ދުވަހުގެ ގިނަ ވަގުތު ހޭދަކުރަނީ ކިޔެވުމުގައެވެ. ކިޔެވުމުގައި މާ ބޮޑެތި ގޮންޖެހުންތަކަކާ އޭނާއަށް ކުރިމަތިލާކަށް ނުޖެހެއެވެ. ސަން ސިޔާމް ގުރޫޕް އޮފް ކޮމްޕެނީސްގެ މެނޭޖަރު ޑރ. ރަފިއްޔާ އިޔާއަށް ޓްރޮފީ ހަވާލުކުރައްވަނީ -- "ކޮވިޑް ތެރޭގައި ކިޔެވުމާ ވަރަށް ބޮޑަށް ދުރުވުމުން ޓަޗް ގެއްލިފައި ހުރީ. އަނބުރާ ކިޔެވުމަށް ފޯކަސް ގެންނަން އުނދަގޫވީ،" އިޔާ ބުންޏެވެ. އިޔާ އެ ސްކޫލްގެ ފާއިތުވެދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދީ އޯލެވެލްގައި ތިން މާއްދާއިން އޭ ސްޓާ އާއި ފަސް މާއްދާއިން އޭ ހޯދައިގެންނެވެ. އޭނާ ވަނީ ގައުމީ ގަދަ ދިހައެއްގެ ހަވަނަ މަގާމު ވެސް ހޯދައިފައެވެ. އިޔާ ބުނީ އަތޮޅު ތެރޭގައި ސްކޫލުތަކުން ކުދިންނަށް ލިބޭ އަޅައިލުން މާ ބޮޑު ކަމަށެވެ. މަދު ކުދިންތަކަކަށް ކިޔަވައިދޭތީ ކޮންމެ ކުއްޖަކަށް ވެސް ސަމާލުކަން ދީގެން ޓީޗަރުން ކިޔަވައިދޭ ކަމަށެވެ. "އެއީ އަޅުގަނޑު ދެކޭ ގޮތުގައި އަތޮޅު ތެރެއިން ކިޔަވާ ކުދިންނަށް އޮތް ވަރަށް ބޮޑު ފުރުސަތެއް ރަނގަޅު ނަތީޖާއެއް ހޯދަން،" އޭނާ ބުންޏެވެ. އިޔާ މިހާރު އޭލެވެލްއަށް ކިޔަވަނީ ވެސް ދ. އަތޮޅު ސްކޫލުގައެވެ. އޭނާގެ އުންމީދަކީ އޭލެވެލްގައި ވެސް ރަށާއި އާއިލާ ފަޚުރުވެރިވާ ފަދަ ނަތީޖާއެއް ހޯދުމެވެ. އޭނާ ބުނީ ސްކޫލް ދައުރުގައި ކާމިޔާބު ހޯދަން ބޭނުންނަމަ އިތުރު ހަރަކާތްތަކުގައި ވެސް ބައިވެރިވާން ޖެހޭނެ ކަމަށެވެ. އަދި، އަބަދު ވެސް އެއް ވާނެއްގައި ގަދައަޅައި މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. "ކާމިޔާބު މީހަކަށް ވުމަށްޓަކައި ކޮންސިސްޓެންޓް މީހަކަށްވުމާއި ޑިސިޕްލިން މީހަކަށް ވާންޖެހޭ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" އިޔާ ބުންޏެވެ. އިޔާ، މީދޫ ދާއިރާގެ މެންބަރު ސިޔާމާ އެކު -- އިޔާ ބުނީ އޭނާގެ ކާމިޔާބީގައި އެންމެ ބޮޑަށް އެހީތެރިވީ އޭނާގެ މަންމަ އާއި ބައްޕަ ކަމަށެވެ. އާއިލާގެ އެންމެން ވެސް އޭނާގެ ކިޔެވުމުގައި އެހީތެރިވި ކަމަށާއި ހުރިހާ ޓީޗަރުން ވެސް އަބަދު ވެސް ވަރަށް އެއްބާރުލުން ދޭ ކަމަށް ފާހަގަކުރިއެވެ. ސްކޫލްގައި ބާއްވާ އިތުރު ހަރަކާތްތަކުގައި އިޔާ އަބަދު ވެސް ބައިވެރިވެއެވެ. އޭނާއަކީ ގުރޭޑް 10ގައި ކިޔެވި އަހަރު ސްކޫލްގެ ކެޕްޓަނެވެ. އިޔާ ސާބިތު ކޮށްދިނީ، އިތުރު ހަރަކާތްތަކުގައި ބައިވެރިވެގެން ވެސް ރަނގަޅު ނަތީޖާއެއް ހޯދޭނެ ކަމެވެ. ބޭނުން ވަނީ ބުރަ މަސައްކަތާއި ގަދަ ހިތްވަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ