ފަލަސްތީނަށް ސިއްހީ ޚިދުމަތް ދިނުމުގައި ޑަބްލިއުއެޗްއޯގެ ދައުރާގުޅޭ ގުޅޭގޮތުން މަޝްވަރާކޮށްފި
ފަލަސްތީނު ރައްޔިތުންނަށް ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ދައުރާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ، ރާއްޖޭގެ އިތުރުން 34 ޤައުމެއް ހިމަނައިގެން ކުރިއަށްގެންދިޔަ ޑަބްލިއުއެޗްއޯގެ 156ވަނަ އެގްޒެކެޓިވް ބޯޑު ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އެންމެ އިސްކޮށް ހުންނެވީ ހެލްތު މިނިސްޓަރު، އަބްދުﷲ ނާޒިމް އިބްރާހީމެވެ. މި ބައްދަލުވުމުގައި، ޑަބްލިއުއެޗްއޯއިން ޤައުމުތަކަށް ފޯރުކޮށްދޭ އެހީތައް އެންމެ ފައިދާހުރި ގޮތެއްގައި ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފައި ވެއެވެ. އެގޮތުން، ފަލަސްތީނުގައި ދިރިއުޅޭ ރައްޔިތުންނަށް ސިއްހީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޑަބްލިއުއެޗްއޯގެ ދައުރާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާތައްކޮށްފައެވެ. މިކަމާ ގުޅޭ ގޮތުން އިޒްރޭލުން ހުށަހެޅި ކަންކަމާ ދެކޮޅަށާއި އަދި ފަލަސްތީނުން ހުށަހަޅާފައިވާ ކަންކަން ކުރުމަށް ރާއްޖެއިން ވަނީ ވޯޓުލައިފައެވެ. ރާއްޖޭގެ ވަފުދުންވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި ޤައުމުތަކުން ތައްޔާރުވެ އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމާއި، ދެމެހެއްޓެނި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކަނޑައަޅާފައިވާ ޔުނިވާސަލް ހެލްތު ކަވަރޭޖް އިތުރުކުރުމާއި، މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމާއި، އަންހެނުންނާއި ކުޑަކުދިންގެ ސިއްހަތާ ގުޅޭގޮތުން ހުށަހެޅުންތައް ހުށަހަޅާފައެވެ. ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ 156 ވަނަ އެގްޒެކެޓިވް ބޯޑު ބައްދަލުވުމުގެ ތެރެއިން--- ފޮޓޯ/ދުނިޔޭގެ ސިއްހަތު ޖަމިއްޔާ މި ފަހަރުގެ ބައްދަލުވުމުގެ ހަވާސާގައި ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން ބުރޫނާއި، ސައުތު ކޮރެއާ، ޤަތަރު އަދި ތައިލެންޑާއެކު ބައްދަލުވުންތަކެއް ވަނީ ބާއްވާފައެވެ. މި ބައްދަލުވުންތަކުގައި ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ މަސައްކަތަށް އަދި ސިއްހީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ޚާއްސަކޮށް ތައިލެންޑާއި ޤަތަރާއެކު ސޮއިކުރުމަށް ހުށަހަޅާފައިވާ އެއްބަސްވުންތަކާ ގުޅޭގޮތުންނާއި ޕްރައިމަރީ ހެލްތުކެއާ ހަރުދަނާކުރުމާއި، ޕޯސްޓު ގްރެޖުއޭޓު ސީޓު ހޯދުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ. މީގެއިތުރުން، ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސްއާ ބައްދަލުކޮށް، ރާއްޖެއަށް ބޭނުންވާ އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާކޮށް، ޑަބްލިއުއެޗްއޯގެ ފަރާތުން ދެއްވާ އެހީތެރިކަމަށް ވަނީ ޝުކުރު ދަންނަވަފައެވެ. ޑަބްލިއުއެޗްއޯއިން ވަނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ދިވެހި ސަރުކާރުން ކުރައްވަމުން ގެންދާ މަސައްކަތްތައް ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ