26 ހާސް ވޭޕްގެ އާލަތްތައް ހިފަހައްޓާ، 14.5 މިލިޔަން ސިނގިރޭޓު އަތުލައިގަނެފައިވޭ- ރައީސް

26،000 އަށްވުރެ ގިނަ ވޭޕްގެ އާލާތްތައް ހިފަހައްޓާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަދުގެ ޒުވާންޖީލާއި މުސްތަޤްބަލްގެ ޖީލުތައް ދުންފަތުގެ ވަބާއިން ރައްކާތެރިކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތައް ކުރަމުންދާއިރު، މިހާރު ތަންފީޒުކުރަމުންދާ ގާނޫނުގެ ތެރެއިން 26 ހާސް ވޭޕްގެ އާލަތްތައް ހިފަހައްޓާ، 14.5 މިލިޔަން ސިނގިރޭޓު އަތުލައިގަނެފައިވާކަމަށެވެ.
އަދި ޖެނެރޭޝަނަލް ބޭން އަށް ކުރަމުންދާ މަސައްކަތް ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، ޖެނެރޭޝަނަލް ބޭން އަކީ ދިވެހިން ދުޅަހެޔޮ އާދަތަކަށް އަހުލުވެރި، ދުޅަހެޔޮ ބަޔަކަށް ހެދުމަށް ސަރުކާރުން އަޅާ މުހިއްމު ފިޔަވަޅެއްކަމަށެވެ. އަދި އެކަމުގެ ސަބަބުން ޒުވާން ޖީލް ދުންފަތުގެ ތެރެއަށް ވަނުން ދުރުކުރެވި، ސިއްޙީ ހާލަތު ރަނގަޅު ވެގެންދާނެ ކަމަށެވެ.
01 ޖަނަވަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި މި ތާރީޚުގެ ފަހުން އުފަންވާ ހުރިހާ ކުދިން، ދުންފަތުގެ ބާވަތްތައް ގަތުމާއި، ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް "ޖެނެރޭޝަނަލް ބޭން" އެއް ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމާފައިވާއިރު، ކާމިޔާބު ކަމާއެކު ޖެނެރޭޝަނަލް ބޭން ތަންފީޒު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން އިދާރާތަކުން ގެންދަވަނީ މަޝްވަރާކުރަމުންނެވެ.
 
 
ހަބަރު: ސަރުކާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ