ތިންވަނަ ބަޔާ ގުޅޭ
"ސްޓޭޝަން އިންޗާޖު.. ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް އިވާން އިސްމާއިލް. މިކޮޅުގެ އޮފިސަރުންނާ ދޭތެރޭ އެއްވެސް ޝަކުވާއެއް އޮތްނަމަ ޔޫ ކޭން ޓޭކް އިޓް ވިތް މީ" ކަރުގައި އަޅުފައިވާ ކާޑެއް ހިއްލައިލައި މައިރާއަށް ދައްކައިލަމުން އިވާން ބުންޏެވެ. އެ އަޑުގައިވާ ސާބިތުކަން އިޔާދަވެއްޖެ އެވެ. އެންމެ ފުރަތަމަ މައިރާ ފެނުނުހިނދު އޭނާއަށް ލިބުނު ނުތަނަވަސްކަމުގެ ސަބަބަކީ ކޮބައިކަމާމެދު މާވަރަކަށް ވިސްނާކަށް އިވާން ހިޔާލެއް ނުކުރި އެވެ. ރީތިހާ އެއްޗަކާ ގަޔާވުމަކީ އިންސާނީ ތަބިއްޔަތަށްވާއިރު އޭނާއަކީވެސް އިންސާނެއްކަމަށްވާތީ، ކުރިމަތީގައި މިހިރަ ފަތްމިންޏެއްފަދަ ރީތިކުއްޖާ ފެނުމުން އެފަދަގޮތެއް ވީކަމަށްބަލައި އެކަންތައް ހިތާއި ސިކުނޑިން ފޮހެލީ އެވެ.
"އޯހް. އަމްމް ޔެސް ޔާހް އެކްޗުއަލީ.." މައިރާ ހުލާސާކޮށް އެ ދުވަހުގެ އެކްސިޑެންޓް ހިނގައިދިޔަ ގޮތް ކިޔައިދެމުންދިޔަ އެވެ. ނަމަވެސް ނޭނގޭ ސަބަބަކާހުރެ އިވާންގެ ސަމާލުކަން އެ ވާހަކައިން ކައްސާލައި މައިރާގެ މޫނަށް އަރަމުންދިޔަ ކުލަވަރަށް ހުއްޓެމުންދިޔަ ފަހަރު މަދެއްނޫނެވެ. ދައްކަމުންދާ ވާހަކައިގެ ރާގާއި އެއްވަރަށް މައިރާގެ ބުމަ ގޮށްޖަހާލާ ގޮތާއި ދެލޯ ބޮޑުކޮށްލާ ގޮތް އަދި އަނގަޔަށް ޖައްސައިލާ ވައްތަރަށްބަލަން އިވާންއަށް ހުރެވުނީ އާޝޯހުވެފަ އެވެ. އޭނާގެ ދެލޮލާއި އެއްވަރަށް ކަންފަތްވެސް މައިރާގެ ޖާދޫގައި ޖެހިފައިވާކަހަލަ އެވެ. މީގެ އިރުކޮޅެއްކުރިން ހަޅޭއްލަވަމުން އޭނާއާ ވާހަކަދެއްކިއިރު މައިރާގެ އަޑު ހުރި ގޮތާހިލާފަށް މިހާރު އެ އަޑުގައި އެއްވެސް ތޫލިކަމެއް ނެތެވެ. އޭގެ ބަދަލުގައި އަޑުގައިވީ އަހާލަން ފަސޭހަ ހިތްގައިމު ގޮތެކެވެ. ސަމާލުކަންދޭން ދަތިވެފައިވި މިންވަރުން އޭނާގެ ގާތުގައިހުރި އަންހެން އޮފިސަރު އެ ހުރިހާ ވާހަކައެއް ނޯޓުކުރަމުން ދިޔަކަމީ ނަސީބެކޭ އިވާންގެ ހިތަށް އެރި އެވެ. އަދި މައިރާގެ ވާހަކަ ހުއްޓައިލުމާއެކު އެ ވާހަކައަށް ރައްދެއް ދިނުމަށްޓަކައި އިވާން އަވަސްވެގަތެވެ.
"އަޅުގަނޑު މިއައީ އެކޮޅުގެ ކަންބޮޑުވުންތައްވެސް އަޑުއަހާލާފަ. ދެކޮޅުގެ ވާހަކަ ދެގޮތަކަށް ހުރީ. ސޯ މައިރާ މައްސަލަ ފައިލްކުރަން ބޭނުން ނުވިޔަސް އަޅުގަނޑަކަށް ހިއެއްނުވޭ އެކޮޅުން ތިކަން ދޫކޮށްލާނެހެނެއް. އެހެންވީމަ ދެ ސައިކަލްވެސް މިކޮޅުން ބަލާފަ ވެފައިހުރި ގެއްލުމާއި ވެރިން އެއްބަސްވާ ގޮތަކާއި ހުރިހާ ކަމަކަށް ބަލާފަ ވަކިގޮތެއް އަޅުގަނޑުމެނަށް"
"ކިހާވަރެއް ދޭންވީ؟" އިވާންގެ ވާހަކަ މެދުކަނޑައިލަމުން މައިރާ އެއްސެވެ. އެ ސައިކަލަކީ އޭނާގެ ސައިކަލެއްނޫނެވެ. އެކްސިޑެންޓުތަކުގައި ކަންތައްތައް ހިނގާގޮތެއް މައިރާއަކަށް މާރަނގަޅަކަށް ނޭނގެ އެވެ. މައްސަލަ ބޮޑުވެ ސައިކަލުގެ ވެރިފަރާތް ހާޒިރުވާންޖެހޭ ހިސާބަށް ކަންތައްތައް ގޮސްދާނެތީ އޭނާ ހުރީ ޖެހިލުންވެފަ އެވެ. ބޭނުންވީ ވީހާވެސް އަވަހަކަށް އަނެއްފަރާތަށް ބަދަލު ދޭންޖެހޭވަރަކަށް ދީފައި އެތަނުން ސަލާމަތްވުމަށެވެ.
މައިރާގެ ސުވާލު އިވާންއަށް ނެގުނީ މުޅިން ގޯސްކޮށެވެ. އެތަނުގައި މައިރާ ރުޅިއައިސްގެން ކޮންމެ ގޮތަކަށް ވާހަކަދެއްކިޔަސް އިވާންގެ މައްސަލައެއްނެތެވެ. އޭނާގެ 7 އަހަރުގެ ތަޖުރިބާގައި ފުލުހެއްގެ ހައިސިއްޔަތުން އާންމު ރައްޔިތެއްގެ ނުރުހުމާ ކުރިމަތިލާން ނުޖެހޭ ދުވަހެއް ނުދެ އެވެ. އެހެންކަމުން މިވަގުތާ ހަމައަށްވެސް އޭނާ އެއްވެސް ވަރަކަށް މައިރާއާމެދު ގޯސްގޮތަކަށް ދެކިފައެއްނުވެ އެވެ. ނަމަވެސް މައިރާ ދެންމެ އެ ބުނީ ބުނެގެން ނުވާނެ އެއްޗެކެވެ. ހުށަހެޅި ހުށަހަޅައިގެން ނުވާނެ ހުށަހެޅުމެކެވެ.
"އެކްސްކިޔުޒް މީ؟" މައިރާއާމެދު އިވާންގެ ނަޒަރިއްޔާތު މުޅިން ބަދަލުވި އެވެ. މޭޒުގައި ދެއަތް އަޅުވައިލުމަށްފަހު ހަނިކޮށްލެވިފައިވާ ދެލޮލުން ތަންކޮޅެއް ރަނގަޅަށް މައިރާއަށް ބަލައިލި އެވެ. މުށިކުލައިގެ ހައިލައިޓްތަކުން ދިރުންގެނެސްދީފައިވާ ކަޅު އިސްތަށިގަނޑެކެވެ. މަޑުފެހިކުލައިގެ ޒަމާނީ "ކްރޮޕްޓޮޕް" ހެދުމެކެވެ. ހެދުމުގެ އެއްއަތް ކޮނޑުގައި އަޅުވާލައިފައިވާއިރު އަނެއްއަތް ވަނީ ކޮނޑުމަތިން ސޮއްސައިލައިފައެވެ. ހަމައިސްކޮޅަށް ހިންދެމިލައިފިނަމަ ބަނޑުން ބައެއް ކަޝްފުވާނެހާ ކުރެވެ. ލައިފައިވާ ހުދުކުލައިގެ ދޫ ޖީންސާއިގުޅޭހެން ހުދުކުލައިގެ ޓެނިހަކަށް އަރައިފައިވާއިރު ކަރުގައި ބޮޑު ނިކޯން ކެމެރާއެއް އަޅުވާފައިއޮތެވެ. ރަށަށް ބީރައްޓެއްސެއްކަން ޔަގީންވާއިރު ކެމެރާގެ އަގުން އެކަނިވެސް ބަލާބެލުމަށް ތަނަވަސް އާއިލާއަކުން އައިސްފައިވާ ކުއްޖެއްކަން ލަފާކުރެވެއެވެ. މިމީހުންނަށް ހީވަނީ ކީކޭ ކަމަށް ހެއްޔެވެ؟ ކޮންމެ މީހަކީ ހަމަ އެހާ ފަސޭހައިން ފައިސާއަށް ވިކޭނެ މީހެއްކަމަށް ހެއްޔެވެ؟
"އަޅުގަނޑަށް ހީވަނީ މައްސަލަ ބޮޑު ނުކުރާނަމޭ ކިޔާފަ ހަމަ ތިކުއްޖާހެން މިކަން ބޮޑުކަމަކަށް ހަދަން ތި އުޅެނީ.. ދިސް އިޒް އަ މައިނަރ އިންސިޑެންޓް. އިފް ޔޫ ތިންކް އެނީ އޮފް އަސް ވިލް އެކްސެޕްޓް ބްރައިބްސް ފޯރ މެޓަރޒް އޭޒް ސްމޯލް އޭޒް ދިސް.. ޔޫ އަރ ހައިލީ މިސްޓޭކެން." އިވާން ޔަގީންކަމާއެކު ބުންޏެވެ.
"ބްރައިބް؟ ކާކު ބްރައިބެއްގެ ވާހަކަދެއްކީ؟ އަހަރެން މިބުނީ އެ ސައިކަލަށް ލިބުނު ގެއްލުމުގެ ބަދަލުދީފާނަމޭ" މައިރާ ސާފުކޮށްދިނެވެ. އިވާން މަޑުމަޑުން އޯހް އޭ ބުނުމަށްފަހު މައިރާ ގޮވައިގެންގޮސް އޭނާގެ ކެބިނަށްވަނެވެ.
"ކޮން ނަމެއް ކިޔަނީ؟" ފޯމުގައި ގަލަން ޖައްސައިލަމުން އިވާން ސުވާލުކުރި އެވެ.
"މައިރާ މުހައްމަދު މުރުޝިދު" މައިރާގެ ނަން އިވާންއަށް ކަމުދިޔައީ ކީއްވެކަމެއް ނޭނގުނެވެ. ދެތިންފަހަރަކު ހިތާހިތުން އެނަން ތަކުރާރުކޮށްލެވުނެވެ.
"މައިރާއޭ ދެއްތޯ؟ މައިރާ... މައިރާގެ އައިޑީ ކާޑް އެބައޮތްތަ؟ މައިރާގެ ލައިސަންސް؟” އިވާންގެ ދޫ މައިރާގެ ނަމަށް ފަރިތަކުރަން އުޅޭކަހަލަ އެވެ. ކޮންމެ ދެލަފްޒެއްގެ ދޭތެރެއަށް މައިރާގެ ނަން އިތުރުކޮށްލަ އެވެ. އެކަމުގެ ހިލަމެއް ނުވާހާލު މައިރާ ފޯނުން ހޯދައިލި އޭނާގެ ލައިސަންސް ކާޑް އިވާންއަށް ދައްކައިލި އެވެ. "އޯކޭ މި ފޯމު ފުރާލަބަ" ކާޑުގައިވާ މައުލޫމާތުގެ އެހީގައި މައިރާއަށް އިވާންދިން ފޯމު ފުރަމުންދިޔަވަގުތު އިތުރު އޮފިސަރަކާއެކު އެ އެކްސިޑެންޓްގައި ދެން ހިމެނޭ އާސިމްވެސް އެތަނަށް އަތުވެއްޖެ އެވެ.
"އާސިމްވެސް މި ފޯމު ފުރާލަން ޖެހޭނެ އެނގޭ. ދެން މައިރާ އެއްބަސްވެއްޖެ ލިބުނު ގެއްލުމަށް ފައިސާ ދައްކަން.. ފަސްހާހޭ ދެއްތޯ ބުނުއްވީ؟" އިވާން އަހައިލި އެވެ.
"ފަނަރަހާސް" އާސިމްގެ ވާހަކަ ބަދަލުވި އެވެ. އިވާން ވަކިއެއްޗެކޭ ނުބުނެ އާސިމްގެ ޖަވާބު ބަދަލުވޭތޯ މަޑުކޮށްލައިގެން ހުއްޓެވެ. އާސިމް އެ ހެދީ ދޮގެއްކަން އޭނާއަށް ކަށަވަރުވެ އެވެ. އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކުޑަ އެކްސިޑެންޓެއްގައި އެ ސައިކަލަށް ފަނަރަހާސް ރުފިޔާގެ ގެއްލުމެއް ނުލިބޭނެކަމީ މިއީ ދުވާލުފަދައިން އިވާންއަށް ޔަގީންވާ ކަމެކެވެ. މައިރާގެ ބީރައްޓެހިކަމާއި، މައިރާ އެ ޚާލަތުގައި ގަނެފައިހުރި ބިރުގެ ފައިދާނަގައި އާސިމް އެ އުޅެނީ ލާރިގަނޑެއް އަތުލާށެވެ. ނިކަމެތި އަންހެންކުއްޖަކާމެދު އެހާ ބޭއިންސާފުން ކަންތައްވާން ދޫކޮށްލުމުގެ ހިޔާލެއް އިވާންގެ ނެތެވެ.
"ނާއިލް.. އެ ސައިކަލުގެ ކޮންޑިޝަން ބަލާލަން ދާންވީނު" އާސިމްގެ މޫނުން ނަޒަރު ވަކިކޮށްލުމެއްނެތި އިވާން އެތަނުގައިހުރި އޮފިސަރާ މުހާތަބުކުރި އެވެ.
"ނޫން ދެން ހެޔޮ. އަހަރެންނަށް މިހާރުވެސް އެބަ ލަސްވޭ! ފަނަރަހާސް ޕޭ ކޮށްފާނަން" މައިރާ ބުންޏެވެ. އިވާންއާއި ނާއިލް އެކަކު އަނެކަކަށް ބަލައިލި ނަމަވެސް މައިރާ ބޭނުންވާގޮތަށް ކަންތައްވާން ދޫކޮށްލި އެވެ. ފައިސާދެއްކުމުގެ ކަންތައް ކުރިއަށްދިޔަ ވަގުތު ނާއިލް ބޭރަށް ނުކުމެ ދެ ސައިކަލުގެ ހާލަތު ރަނގަޅަށް އިންސްޕެކްޓް ކުރުމަށްފަހު އައިސް އިވާންއަށް ރިޕޯޓުކުރި އެވެ.
"ސަރ.. ދެ ސައިކުގެ ކޮންޑިޝަންވެސް ބަލައިފިން.. ނެތް މާ ބޮޑު ގެއްލުމެއް.. އަސްލު ސްޓޭޝަނަށް އަންނަ ކަހަލައެއްވެސް ނޫން. އެ އާސިމް ހަމަ އެކުއްޖާ އަތުން ލާރިގަނޑެއް ކަޓުވާލަން ގަދަކަމުން ގެނައީހެން ހީވަނީ" ނާއިލް ބުންޏެވެ.
"އަހަރެންނަށްވެސް އެނގެޔޭ ތިކަން. އެކަމަކު ކީއްކުރާނީ.. މައިރާ މާ އަވަހަށް ދޫކޮށްލީ" އިވާން ރައްދުގައި ބުންޏެވެ. އެދެމީހުން ވާހަކަދައްކަމުންދިޔައީ އެހެން އެއްވެސް މީހަކަށް ނީވޭނެހެނެވެ.
"އަދި އެބައިނޭ ވާހަކައެއް. މައިރާ ދުއްވަން އިނީ 2476. އެއީ އަހަރެން އިހަކަށްދުވަހު އިވާންއަށް ވިއްކި ސައިކެއްނު؟"
"ވަޓް؟!!" އިވާންގެ ކަންފަތްދޮށުގައި ނާއިލް ބުނި ވާހަކައިން އިވާންއަށް ލިބުނު ސިހުން ސިއްރެއް ނުކުރެވުނެވެ. ނާއިލް އެތަނުން ނުކުތުމުގެ ކުރިން އިވާންއަށް ބޯ ޖަހައިލީ އެ ބަހުގެ ޔަގީންކަން ފޯރުކޮށްދިނުމުގެ ގޮތުންނެވެ. އިވާން ވަގުތުން މައިރާ ފެނޭތޯ ސްޓޭޝަންގެ ތެރޭގައި އަތްފުނާ އަޅަންފެށި އެވެ. އޭރު މައިރާ ސްޓޭޝަނުން ނުކުންނަން ދަނީ އެވެ. އާސިމްވެސް ލިބުނު ލާރިގަނޑާމެދު ހިތްހަމަ ޖެހިފައިހުރެ ދަތްޕިލަ ރޮނޑަށް ދީގެން މައިރާގެ ފަހަތުން ސްޓޭޝަނުން ނުކުންނަންދިޔަ އެވެ. އެ ހުރިހާ ކަމެއްގެ ތެރެއިންވެސް އިވާންގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ އާސިމް މައިރާއަށް ބަލަމުންދިޔަގޮތެވެ. އެއްމިޔަކަނިން ހެވިފައިހުރެ މައިރާގެ ބޮލުން ފެށިގެން ފަޔަށް ބަލަމުންދިޔަގޮތްފެނި އެ ސިކުނޑީގައި ހިނގަމުންދިޔައީ މާ ރަނގަޅު ހިޔާލުތަކެއް ނޫންކަން ބަލައިލި ކޮންމެ މީހަކަށްވެސް އެނގޭހައިވި އެވެ. އިވާންގެ ހިތް ގޯސްގޮތަކަށް ތެޅިލި އެވެ. މައިރާއާ ދައްކަން އައި ވާހަކަވެސް ހަނދާންނެތި ވަގުތުން މައިރާގެ ސަލާމަތާމެދު ސަމާލުވެވުނީ ކީއްވެކަމެއް ނޭނގުނެވެ.
"ނާއިލް އަހަރެން އެބަ އަންނަން އެނގޭ ގެއަށް ޖައްސާލާފަ. މީހަކު ހޯދަން އުޅެންޏާ ބުނެލައްޗޭ. މައިރާ މަޑުކޮށްބަލަ" އިވާން ދުވެފައިގޮސް މައިރާ ހުއްޓުވި އެވެ. އޭރު އެމީހުންނަށް ތިބީ ސްޓޭޝަނުން ބޭރަށް ނުކުމެވިފަ އެވެ. އާސިމްއަށް އިވާންފެނި ފާޑަކަށް ދެލޯ އަޅައިލުމަށްފަހު ލަސްނުކޮށް ސައިކަލަށް އަރައިގެން ނައްޓައިލި އެވެ.
"އާދެބަ" އެންމެ ލަފްޒަކުންވެސް މައިރާއަށް އިވާންގެ ފަހަތުން ހިނގައިގަންނަންވީކަން އެނގުނެވެ. އިވާން އޭނާ ގޮވައިގެންގޮސް މަޑުކޮށްލީ ސްޓޭޝަންގެ ބޭރުގައި ބާއްވާފައިއޮތް ފުލުހުންގެ ވެހިކަލް ކައިރިއަށެވެ.
"ލީން ކޮބާ؟" އިވާން ސުވާލުކޮށްލީ މައިރާއަށް ފަހުމުވާނޭ ފަދައިންނެވެ.
"ކިހިނެއް ލީން— އޯހް.. އިވާން.. އިވާން.. އިވާން އޭޒް އިން.. ދެޓް އިވާން؟" މައިރާގެ ސުވާލަށް ބޯ ޖަހައިލުމަށްފަހު އިވާން ވެހިކަލްގެ ކުރީ ސީޓުގެ ދޮރުފަތް ހުޅުވައިލައި އެއަށް އެރުމަށް މައިރާއަށް އިޝާރާތްކުރި އެވެ.
"ކޮންތާކަށް މިދަނީ؟" މައިރާ ޖެހިލުންވެފައި ސުވާލުކުރި އެވެ.
"ގެއަށް" މިފަހަރުވެސް އިވާންގެ ޖަވާބުކުރެވެ.
"ދެން ސައިކަލް.." މައިރާއަށް ސައިކަލާ ދިމާލަށް އިޝާރާތްކޮށްލެވުނެވެ.
"އެކަމާ އަޅާނުލާ" އިވާން ގަދަކަމުން ކަހަލަގޮތަކަށް ހިނިތުންވެލި އެވެ. ނަމަވެސް މައިރާ ކާރަށް އެރުމާއެކު އެ ހިނިތުންވުން އިވާންގެ މޫނުމަތިން ފިލުވައިލި އެވެ. ރުޅިއައިސް ފޫހިވެފައިވާ ފަދައަކުން ކަޅި އަނބުރައިލުމަށްފަހު ގޮސް ޑޮރައިވަރުސީޓަށް އަރައި ކާރު ދުއްވައިލީ މައިރާއާ ދިމާލަށް ދެވަނަ ފަހަރަށް ބަލައިވެސްނުލައެވެ.
އިވާންހުރީ މައިރާދެކެ ހިތްހަމަނުޖެހިފައިކަން މައިރާގެ ހަވަނަ ހިއްސު ބުނެދެމުންދިޔަ އެވެ. އިރުއިރުކޮޅާ ދޫކޮށްލާ ފުންނޭވާއާއެކު ކާރުގެ ހުންގާނުގައި ހިފަހައްޓައިލައިގެންހުރި އަތަށް ބާރުލަމުންދިޔަގޮތް ކިތަންމެ ނުފެންނަކަމަށް ހެދިގެން އިން ނަމަވެސް މައިރާއަށް ފެނެ އެވެ. އިސްޖަހާލައިގެން ބަހެއްބުނެލަން ނުކެރިފައި އިނދެވުނީ އެހެންވެގެނެވެ. އައިލީން އޭނާގާތު އިވާންގެ ވާހަކަ އެވަރަށް ދައްކާއިރު އެނަން އިވުނު ފުރަތަމަ ފަހަރުވެސް އޭނާއަށް އެއީ އައިލީންގެ ބޭބެކަން ވިސްނާނުލެވުނީ ކީއްވެހެއްޔެވެ؟ އޭނާ އެކްސިޑެންޓް އެވީވެސް އިވާންގެ ސައިކަލުގައެވެ. ޔަގީނެވެ. އިވާން ހުންނާނީ އޭނާދެކެ ވަރަށް ރުޅިއައިސްފައެވެ. "ވަޓް ޔޫ ޑިޑް ދެއަރ ވޯޒް އަޓަރލީ ސްޓުޕިޑް.."
"ހައް" ވިސްނާނުލައި ހުއްޓައި އިވާންފެށި ވާހަކަ މައިރާއަށް ސާފެއް ނުވި އެވެ.
"އެ ސައިކަލަކަށް ފަނަރަހާސް ރުފިޔާގެ ގެއްލުމެއް ނުލިބޭނެކަން ސިކުނޑީގަ ތެތްކަމެއް ނެތް މީހަކަށްވެސް އެނގޭނެ. އެހާ ފަސޭހައިން ކަންކަމުގެ ދޫދޭ މިހުންނަކަށް ދުނިޔޭގައެއް ނޫޅެވޭނެ" އިވާންއަށް ދޭނެ ރައްދު ޖަވާބަކާމެދު ނުވިސްނެނީސް ގޭގެ ކުރިމައްޗަށް ކާރު ހުއްޓައިލުމަށްފަހު އިވާން ޑްރައިވަރު ސީޓުން ފޭބުމުން މައިރާވެސް ކާރުން ނުކުތުމަށްޓަކައި ދޮރު ހުޅުވައިލަން އުޅުނެވެ. ނަމަވެސް އޭނާއަށްވުރެން ކުރިން އިވާން އޭނާއަށް ދޮރު ހުޅުވައިލައިދިނެވެ. ކާރުން ފޭބުމަށްފަހު މައިރާ އިސްއުފުލައިލައި އިވާންއަށް ބަލައިލި އެވެ. ހީކުރިގޮތާ ހިލާފަށް އެ މޫނުމަތިން ރުޅިވެރިކަމާއި ހިތްހަމަނުޖެހުމުގެ ކުޑަވެސް މިންވަރެއް ފެންނާކަށްނެތެވެ. އެއީ އަނެއްކާ މައިރާއަށް ހީވިގޮތެއްބާ އެވެ. ހަގީގަތުގައި އިވާން އޭނާދެކެ ރުޅިއެއްނާދޭ ހެއްޔެވެ. ނޫނެކެވެ. އޭނާއަށް ހީވީ ހަމަ ރަނގަޅަށެވެ. ގޭގެ ހަތަރުފާރުން އެތެރެއަށް ވަދެވުމާއެކު އިވާންގެ މޫނުމަތި ކެހިގެންގޮސް އެ ދެލޮލުން ރުޅިވެރިކަމުގެ އަލިފާން ކަނި ބުރަން ފަށައިފި އެވެ.
"މާމާ! މާމާ! ކޮބާ އެ އައިލީން؟!" އިވާންގެ އަޑު ބާރެވެ. ވަރަށްބާރެވެ. ފެންޑާގެ ބޮޑު ގޮނޑީގައި މުސްހަފެއް ހިފައިގެން އިން އާޒިމާގެ އިތުރުން ބަދިގޭގެ މަސައްކަތެއްގައި އުޅުނު ރޫމީވެސް އެ އަޑަށް ސިއްސައިގެންގޮސް ކުރަންހުރި ހުރިހާ ކަމަކުން އަތްދޫކޮށްލުމަށްފަހު އިވާންއަށް ސަމާލުކަންދިނެވެ.
"އައިލީންވީ ސްކޫލްދޮށަށް ބައްދަލުވުމަކަށް ގޮހޭ ދަރިފުޅާ! ކިހިނެއްތަވީ؟ ޑިއުޓީ ނިމުނީތަ؟" އާޒިމާއަށް ކަންބޮޑުވެފައި އަހައިލެވުނެވެ.
"ނޫން އަދި ދާން މި ދަނީ. އައިލީން ކައިރި ބުނޭ ބީރައްޓެހިން ރަށަށް ގެނެސް އެމީހަކު ރަނގަޅަށް ނުބެލެންޏާ އެމީހުންނާ ހަވާލު ނުވާށޭ! އަދި އޭނާ އެ ގެނައި މީހަކު ކައިރިވެސް ބުނޭ މާ ތަންތަން އެނގޭ މީހަކަށްވެގެން އެކަނިމާއެކަނި ރަށުތެރޭގަ ނުދުއްވާ ގޭގަ އިންނާށޭ" އިވާންގެ ވާހަކައިވި އާޒިމާއަށް ލިބުނީ ހައިރާންކަމެވެ. މައިރާ ކައިރީގައި އަޑުއަހަން ހުއްޓައި އެފަދަ އެއްޗެއް ބުނަން އިވާންއަށް ކެރުނީ ކިހިނެއްހެއްޔެވެ؟ އާޒިމާއަށް ފެނުނީ އިވާންގެ މުޅިން އާ ސިފައެކެވެ. އިވާންއަކީ އެއްވެސް އިރެއްގައި އެހާ އިޙްތިރާމްކުޑަކޮށް މީހުންނާ ވާހަކަދައްކައި އުޅޭ މީހެއްނޫނެވެ. ހާސްވެފައިހުރެ އާޒިމާ ކުރިއަށް އަޅައިލި ފިޔަވަޅު ހުއްޓުނީ މައިރާ ކުއްލިއަކަށް އިވާންގެ އަތުގައިހިފައި އޭނާއާ ދިމާލަށް އަނބުރައިލިތަން ފެނުމުންނެވެ.
"ކީއްކުރަންތަ ކޮންމެހެން މާމަ ކައިރި ތި ކުޓުވަނީކީ؟ އަހަރެން މިހިރީއެއްނު ކުރިމަތީގަ. ކިޔާ އެއްޗެއް ދިމާލަށް ކިޔާބަލަ" މައިރާ ހިތްހަމަނުޖެހިފައި ބުންޏެވެ. އިވާން ވަކި އެއްޗެކޭ ނުބުނެ މައިރާއަށް ނުރުހުމުގެ ނަޒަރެއްދިނެވެ.
"ބުނި އެއްޗެއް ސާފުވެއްޖެއެއްނު؟ އެވަރުން ފުދޭނެ. އޯލްސޯ ދެންވެސް ބޭރަށް ދަންޏާ ދާ ފަހަރަކުން ވެއަރ ސަމްތިންގް ޕްރޮޕަރ. މިއީ އެމެރިކާއެއް ނޫން" މައިރާގެ ކޮނޑުން ސޮހިގެން ވެއްޓިފައިވާ ހެދުމުގެ އަތަށް ލޮލުން އިޝާރާތްކޮށްލުމަށްފަހު މައިރާ ދޭނެ ރައްދަކަށް ބެލުމެއްނެތި އިވާން އަވަސް ފިޔަވަޅުތަކެއްގައިގޮސް ގެއިން ނުކުތެވެ.
"އިވާން ކޮންކަމަކާ މާ ރުޅިއައިސްގެން އެ ދިޔައީ؟" ބައްދަލުވުން ނިންމައިލުމަށްފަހު ގެއަށް އައި އައިލީންއަށް އިވާން ނުކުމެގެންދިޔަތަންފެނި އަހައިލި އެވެ.
"ނޭނގެ އަހަރެންނަކަށް. ގައިމު މިގެއަށް ވަންނަންދެންވެސް ހުރީ ރަނގަޅަށް. ގެއަށް ވަތްތަނުން ރުޅިގަނޑު ފަޅައިގެންގޮސް މާމައާ ދިމާލަށް ހަޅޭއްލަވައިގަތީ" މައިރާ ފާޑަކަށްހުރެ ހެދުމުގެ އަތް މައްޗަށް ޖައްސައިލަމުން ބުންޏެވެ.
"މާމައާ ދިމާލަށޭ؟ އިވާން؟ ނުވާނެ ތިހެނެއް" އައިލީން ގަބޫލެއް ނުކުރި އެވެ.
"ދެން މާމައާ ދިމާލަށް ކިޔަސް އަހަރެންނަށޭ ވަށްބަހުން ޖެހީ. ހުވާ މި ބުނީ ވަރަށް ފޫހިވޭ! ހިތަށް އަރާ އޭނަގަނޑާ ދިމާ ނުވިނަމައޭ" މައިރާ ފޫހިވެފައިގޮސް އާޒިމާގާތު ސޯފާގައި އިށީނެވެ.
"މިއީ ކޮންމެހެން އެއީ މާމަގެ ކުއްޖެއްވެގެން ބުނާ ވާހަކައެއްނޫން. އެކަމަކު އިވާންއާ ވަރަށް ނުގުޅޭ ކަމެއް އެއީ ކަމަކާނުލާ ރުޅިއައުން. ދަރިފުޅަށް އަނެއްކާ ކަމެއް ކުރެވުނީތަ؟" އާޒިމާ އޯގާތެރިކަމާއެކު އަހައިލި އެވެ.
"އަހަރެން އިވާންގެ ސައިކަލުގަ އުޅެނިކޮށް އެކްސިޑެންޓެއްވީ" މައިރާ ފުންނޭވާއެއް ދޫކޮށްލަމުން މޫނުގައި ދެއަތް އަޅައިލި އެވެ.
"ވަޓް؟ މައި.. އާރ ޔޫ އޯކޭ؟" ކުއްލިއަކަށް އައިލީން އައި ނައި ތަނެއް ނޭނގި މައިރާގާތު ސޯފާގައި އިށީނެވެ.
"އަހަރެން އޯކޭއޭ. ހަމައެކަނި ކަކުލާ އުޅަނބޮށިން މަށައިގެންދިޔައީ ކުޑަކޮށް. ސައިކަލަކަށްވެސް ނުވޭ ގޮތެއް. ނޭނގެ އިވާން ކީއްވެކަމެއް އެހާ ރުޅިއައީ" މައިރާ ބުންޏެވެ. "ވެދާނެ ލަދުގަތީ ކަމަށްވެސް. ސްޓޭޝަންއަށްގޮސް ހުރިހާ ކަމެއް ކޮށް ނިމުނުއިރުވެސް އަހަރެންނަކަށް އަދި އިވާންއަކަށްވެސް ނޭނގެ އިވާންގެ ސައިކަލުގަ ކަމެއް މި އެކްސިޑެންޓް މި ހިނގީކީ. މާ ފަހުން އެނގުނީ. އެގަޑީގަ އޭނަގެ މޫނު ހުރީ ހަމަ ހުތް އަނބެއް ކާލެވުނީމަ ހުންނަހެން" މިފަހަރު މައިރާ ބުނި ވާހަކައިން އައިލީންއާއި އާޒިމާއަށް ނުހޭން ތިއްބަސް ހެވުނެވެ. މައިރާވެސް އެމީހުންގެ ހުނުމުގައި ބައިވެރިވި އެވެ.
"ހޫން ދެން އެކަމާ އަޅާނުލާ ހިނގާ ތި ތަންތާ ބޭސްއަޅަން.. އަދި ތަންކޮޅެއް ރަނގަޅަށް ތިވާހަކަ ކިޔާދޭން ޖެހޭނެ އެނގޭ. ކާކު ސައިކަލެއްގަތަ ޖެހުނީ" މައިރާ ގޮވައިގެން ސިޑިއާ ދިމާލަށް ހިނގައިގަންނަމުން އައިލީން ހުރިހާކަމެއަ އޮޅުންފިލުވަން ފެށްޓެވެ. އެދެކުދިން ދިޔަ ދިމާ ބަލަންހުރި އާޒިމާ ދެފަރާތަށް ބޯ ހޫރައިލުމަށްފަހު އަނެއްކާވެސް ގުރުއާން ކިޔަވަން ފެށި އެވެ.
------
ހެނދުނު ހޭލެވުމަށްފަހު އެހެން ދުވަސްދުވަހާ ހިލާފަށް މައިރާއަށް ފޫހިވެފައި އެނދުގައި އޮވެވުނެވެ. އެގޭގައި އުޅޭނަމަ މިއަދުވެސް އިވާންއާ ކުރިމަތިލާން ޖެހިދާނެކަމުގެ ހިޔާލަކީ އޭނާއަށް މާ ކަމުދާ ހިޔާލަކަށް ނުވި އެވެ. ގެސްޓް ހައުސްއަކަށް ބަދަލުވުމުގެ ހިޔާލު ސިކުނޑީގައި އެނބުރެމުން ދިޔަނަމަވެސް އޭނާއާ އައިލީންގެ ދެމެދުގައި އުފެދެމުންދިޔަ ރަހްމަތްތެރިކަމަށް ނިމުމެއް ގެންނަން ބޭނުން ނުވާތީ އެހިޔާލު ދޫކޮށްލިއެވެ. އާޒިމާވެސް އޭނާއަށް އެހާ ހެޔޮއިރު އިވާން އެކަނި ބަހަނާއަކަށް ދައްކާފައި އެގެއިން ދިޔުމަކީ ރަނގަޅުގޮތެއް ނޫންކަމުގައި ނިންމީ އެވެ.
"މައީ!! ހޭލާކަށް ނުވޭތަ؟ މައިއަށް ގޮވާ ގޮވާ ނުހޭލީމަ އަހަރެން މިއައީ ސައިވެސް ނުބޮއެ. މާމަވެސް މިހާރު ސައިބޮއެ ނިންމައިފި. ހިނގާބަލަ ދެން ސައިބޯން" ކޮޓަރިއަށް ވަތް އައިލީން އެނދުމައްޗަށް ވެއްޓިގަންނަމުން ބުންޏެވެ.
"ނެތް ތެދުވާ ހިތެއް" މައިރާ ކަންނެތްކަމާއެކު ތެދުވެ އެނދުގެ ހެޑްބޯޑުގައި ލެގިލި އެވެ.
"ދެން ސާބަސް. އިވާން އެއްޗެކޭ ބުންޏަސް ދެން ތިހާ ފިނޑިވާކަށް ނުވާނެ. އެއީ އޭނަ ރުޅިއައިސްގެން ބުނި އެއްޗެއްނޫނޭ އަޅާނުލާބަލަ. އެ ވާނީ އިއްޔެ ކަމަކާ މޫޑު ކަޓާފަ ހުރީކަމަށް. އެއީ ރުޅިއަންނަން އެނގޭ މީހެއްވެސް ނޫން." އައިލީންގެ ވާހަކަ މައިރާ ގަބޫލެއްނުކުރެ އެވެ. ނަމަވެސް އައިލީން ކުރުނުކޮށް ކިޔަން ފެށުމުން މައިރާ އެންމެފަހުން އެނދުން ތެދުވި އެވެ. އައިލީން ތިރިއަށް ފޮނުވައިލުމަށްފަހު ތުވާލި ހިފައިގެން އާފުރެމުންކަހަލަ ގޮތަކަށްގޮސް ފާހަނައަށްވަނެވެ. ތައްޔާރުވެލައިގެން ތިރިއަށް ފޭބިއިރު އައިލީން އުޅެނީ ކުޅި ބޯކިބަލެއް އެޅޭތޯއެވެ. މައިރާ ވަގުތުން ކުޅު ދިޔާވި އެވެ. ފަހުން ސައިބޯން ނިންމާފައި ބޯކިބާ ތައްޔާރުވާނެ އިރެއްގެ އިންތިޒާރުގައި ވަގުތު ގުނަމުން ކޮފީއެއް ގިރާލައިގެން ގޯތިތެރެއަށް ނުކުތެވެ. އެވަގުތު ގޯތީގެ އެއްފަރާތުގައިހުރި ޓިނު ގަރާޖުގައި މީހަކު ހަރަކާތްތެރިވާހެން ހީވެ މައިރާއަށް އެދިމާ ބަލައިލެވުނެވެ. ފެނުނީ އިވާން ފިޔަވައި ދެވަނަ އެހެންމީހެއް ނޫނެވެ. އިވާން އުޅުނީ އިއްޔެ މައިރާ އެ ސައިކަލެއްގައިގޮސް އެކްސިޑެންޓްވި ސައިކަލު މަރާމާތު ކުރުމުގަ އެވެ. މައިރާއަށް އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އިވާންދެކެ ހިތްހަމަނުޖެހިފައި ހުރި ނަމަވެސް އޭނާގެ ސަބަބުން އިވާންގެ އެއްޗަކަށް ގެއްލުމެއްވާކަން މައިރާ ނޭދެ އެވެ.
"ސައި.. ސައިކަލު ހަލާކުވީތަ؟" މައިރާގެ އަޑަށް އިވާން ކުރަންހުރި މަސައްކަތާ ދުރަށް ޖެހިލަމުން މައިރާއަށް ބަލައިލި އެވެ. ކަނޑުނޫކުލައިގެ ޑެނިމް ޖީންސެއްގައި އުނަގަނޑުންމަތި ހާމަކޮށްލައިގެންހުރިއިރު އިވާންގެ ގައިން ހިލެމުންދިޔަ ކޮންމެ ދާތިއްކެއް އެ ފިރިހެންވަންތަ ހަށިގަނޑުގައި ކުރެހުން އަޅަމުންދިޔަ އެވެ. އޭނާއަށް ފެނިފައިވާ އިވާންގެ މިޒާޖާމެދު ނުރުހުންވެވުނަސް އެ ސޫރައިގެ ރީތިކަމަށް މައިރާގެ ހިތް ތައުރީފުކުރި އެވެ.
"ނޫނޭ. މާބޮޑު ގެއްލުމެއް ނެތް. މީ ދެން ކުރިންވެސް މައްސަލަހުރި ބައިތައް ބަލާފަ ރަނގަޅުކޮށްލީ." އަތުގައި އޮތް ވރެންޗް ދުރަށް އެއްލަމުން އިވާން ހިނިތުންވެލި އެވެ. އިއްޔެ މައިރާދެކެ އައިސްފައިހުރި ރުޅިން ޒައްރެއްގެ މިންވަރުވެސް މިހާރު އެ މޫނުމަތިން ފެންނާކަށްނެތެވެ. ކުރިމަތީގައި މިހިރީ މުޅިން އެހެން މީހެއް ކަހަލަ އެވެ. މައިރާއަށް އައިލީންދެއްކި ވާހަކަތައް ކޮންމެވެސް ވަރަކަށް ގަބޫލުކުރެވެން ފެށުނެވެ. "ބޭނުންތަ ޓެސްޓްކުރަން؟" އިވާންގެ މިޒާޖަށް އައިސްފައިހުރި ކުއްލި ބަދަލާމެދު މައިރާ ހައިރާންވެފައި ހުއްޓައި ދެންވެސް ވާހަކަދެއްކީ އިވާން އެވެ.
"ހްމްމް؟ ޓެސް.. ޓެސްޓް ދޯ؟ އަހަރެންތަ؟" މައިރާއަށް އަހައިލެވުނެވެ. އިވާން އެ ސުވާލަށް ބޯ ޖަހައިލުމަށްފަހު ސައިކަލު ގަރާޖުން ނެރެގެން ގެނެސް ގޯތި ތެރޭގައި ބަހައްޓައިދިނެވެ.
މައިރާ ޖެހިލުންވެފައިހުރެ ސައިކަލަށް އެރި އެވެ. ސައިކަލު އިސްޓާރޓްކޮށްލުމުގެ ކުރިން އަތުގައިހުރި ކޮފީތަށި އިވާންއަށް ދިއްކޮށްލީ އިރުކޮޅަކު އޭގައި ހިފަހައްޓައިލަދޭށޭ ބުނާ ފަދައިންނެވެ. ނަމަވެސް އިވާންގެ އަތުގައި ކޮފީތަށި ޖެހުމާއެކު ހިޔާލެއް ފިކުރެއްނެތި އޭގެއިން ކޯވަރެއް ދަމައިލިތަންފެނި މައިރާއަށް ލިބުނީ ސިހުމެކެވެ. ކަޅިޖަހައިނުލައި އިވާންގެ މޫނަށް ބަލަންހުރެވުނެވެ. މީގެ އިރުކޮޅެއްކުރިން މައިރާގެ ތުންފަތުން އެ ޖޯޑުގައި ހޭކުނު ރަތްލިޕްސްޓިކުގެ ނިޝާން މިހާރު އެހެރީ އިވާންގެ ތުންފަތުގަ އެވެ. އިވާންއަށް އެކަން ރޭކައިލިހެނެއް މައިރާއަކަށް ހިއެއް ނުވެ އެވެ. އިވާންއަށް އެކަން އަންގާނެ ގޮތެއް ނޭނގި މައިރާއަށް ލަދުން އިސްޖަހައިލެވުނެވެ. އެވަގުތު އައިލީން އިވާންއަށާއި މައިރާއަށް ގޮވަމުން ގޯތިތެރެއަށް ނުކުތެވެ.
"އިވާން! ކޮބާތަ މީނަ ކޮފީ ގެނެސްދޭށޭ ކިޔާފަ. އޭތް މިހިރީ ކޮފީތަ— ވަޓް ދަ **" އިވާންގެ ތުންފަތުގައިހުރި ރަތްކުލައިގެ ނިޝާންފެނި އައިލީންގެ އަތުގައިހުރި ކޮފީތަށި ދޫ ނުވީ ކިރިޔާ އެވެ.
"ލެންގުއޭޖް ލީން!!" އިވާން ހަނދާންކޮށްދިނެވެ.
"ލެންގުއޭޖޯ. ވަޓް ދަ ހެލް ހެޕެންޑް ހިޔަރ؟" އެއްފަހަރު އިވާންގެ ތުންފަތުގައިވި ފާހަގައަށް އަނެއްފަހަރު މައިރާގެ ރަތްކުލައިން ފަވާލެވިފައިވާ ތުންފަތަށް ބަލައިލަމުން އައިލީން ދެލޯ ބޮޑުކޮށްލި އެވެ.
"ލީން. އިޓްސް ނޮޓް ވަޓް ޔޫ ތިންކް. މިއީ އަހަރެން ކޮފީތަށިން ބޮއެފަ ހުއްޓާ އިވާން" މައިރާ އަވަސްއަވަހަށް އައިލީންގެ ގާތަށް ޖެހިލަމުން އިވާންގާތު ތުންފަތް ފޮހުމަށް އިޝާރާތް ކުރި އެވެ. އިވާން ވާނުވާ ނޭނގިފައިހުރެ އަތުގެ ނުފުށުން ތުންފަތް ފޮހެލި ވަގުތު ހޭކުނު ރަތްކުލަފެނި އޭނާއަށްވެސް ކަންތައްވީ ގޮތް ރޭކައިލި އެވެ.
"އޯހް! އަހަރެން ހީކުރީ ލީން އަހަރެންނަށް ފޮނުވި ކޮފީތަށިކަމަށް މިއީ.. ނޭނގޭނެއެއްނު" އިވާން މައިރާގެ ކޮފީތަށި ދިނުމަށްފަހު ލަސްލަހުން އައިލީންގެ އަތުގައިހުރި ކޮފީތަށި ނެގި އެވެ. އޭރުވެސް އައިލީން ހުރިގޮތަށް ހުއްޓުން އަރާފައި ހުއްޓެވެ.
"ލީން! ދެން އަޅެ ކޮންފާޑަކަށްތަ ތިހިރީ؟ ކޮބާ ބޯކިބަ؟ ސައިބޯން ދާން ކީމެއްނު" މައިރާ މަޑުމަޑުން އައިލީންގެ ކޮލުގައި ޖަހައިލި އެވެ.
"ނިމިފަހުރީ" އައިލީން މަޑުމަޑުން ހަރަކާތްކުރަން ފެށި އެވެ.
"އެހެންވިއްޔާ އަވަހަށް ހިނގާ" މައިރާ ގަދަކަމުން ކަހަލަ ގޮތަކަށް އައިލީންގެ އަތުގައި ހިފައި ދަމަމުންގޮސް ގޭތެރެއަށް ވެއްދީ އެވަގުތު ދޮރާށި ހުޅުވައިލުމަށްފަހު ވަތް ޝާވިންއަށް ހިނިތުންވުމެއް ރައްދު ކޮށްލުމަށްފަހުގަ އެވެ. އެއީ އޭނާ އެރަށަށް އައި ދުވަހު އައިލީންއާއެކު އޭނާ ބަލައިދިޔަ ޒުވާނާކަމުން މައިރާއަށް ޝާވިން ފާހަގަކުރަން އެނގުނީ އެވެ.
"އޭތް! ތާކުން އަންހެންކުއްޖަކު ފެންނައިރަށް ކިހިނެއްވެފަތަ ތި ހުންނަނީ އެއީ މީހެއްގެ އަންބެއްތޯވެސް ބަލާނުލާ؟" މައިރާމެން ނުކުމެގެން ދިޔަ ދިމާލަށް ބަލަހައްޓައިގެންހުރި އިވާންއާ ދިމާކޮށްލުމުގެ ރާގެއްގައި ޝާވިން ބުންޏެވެ.
"މައިރާ މެރިޑްތަ؟" އިވާންގެ މޫނަށް ސީރިއަސްކަންވެރިވި އެވެ.
"މައިރާއޭ؟ މިހާ އަވަހަށް ނަމާ އެއްޗެހި ދަސްކުރީއޭ ދޯ" ޝާވިން ހުއްޓާކަން ނޫޅުނެވެ.
"ސާބަސް ޝޯންއަށް. އެއްގެއެއްގަ އުޅެންޏާ ތިކިޔާ ނަމާ އެއްޗެހި އެނގޭނެދޯ. އެހެންނޫނަސް މަ މިއީ ކަލެއެއްނޫނޭ. އަންހެންކުއްޖަކު ފެންނައިރަށް ހޭ ދެބައިވެފަ ހުންނާކަށް" އިވާންވެސް މިފަހަރަކު ދުލެއް ނުދިނެވެ.
"މަށެއް ނޫޅެން. ކަލޭ ބުނެބަލަ. ރީއްޗެއްނޫންތަ؟" ޝާވިންވެސް އިވާންއާ ވިއްދާފައި ބުންޏެވެ.
"ހުތުރެކޭ ނުބުނަމެއްނު. ޝޯންއަށް ތި ބުނާހާ ރީތިއްޔާ އެކަމާ އުޅެބަލަ" އިވާން ބޯ ހޫރައިލަމުން ބުންޏެވެ.
"ނޫނޭ. އަހަރެން ނޫޅެން ތިކަމަކާ. އަހަރެން ހިތްކިޔާ އެހެން ކުއްޖަކު ފެނިއްޖެ" ޝާވިން ހަގީގަތް ހާމަކުރި އެވެ.
"ތިއީ މިފަހަރު ލީން މާލެއިން އައިފަހުން ފެނިގެން އުޅޭ ކުއްޖެއްނު. މަށަށް އެބަ އެނގެޔޭ" އިވާން ގަރާޖާ ދިމާލަށް ހިނގައިގަތެވެ.
"އެނގެޔޭ؟ ބްރޯ އޯކޭތަ އެކަމާ؟ އޭ މަށަށް އެކަންތައް ހިންގާލަދީބަލަ" ޝާވިން ޖެހިލުމެއް ނުވި އެވެ.
"ކީއްވެތަ އޯކޭ ނުވާންވީ؟ މަށަށް އެނގޭ ޝޯން ސީރިއަސްކޮށް ނޫނީ ލީންގެ ކަމެއް ނުކުރާނެކަން. އެކަމަކު ބުނަން. އަހަރެން ތިކަމުގެ ތެރެއަށް ވައްދަން ނޫޅޭ" އިވާން ބުންޏެވެ.
"ފޭކު ގޮލައެއް ތިއީ.. ދެން ހެވޭ. ހިނގާ މިގެއިން ސައިފޮދެއް ދޭން" ޝާވިން ގާތްގޮތަކަށް އިވާންގެ ކޮނޑަށް އަތް ވައްޓައިލި އެވެ.
"ލީންގާތު ބުނަންވީނު ސައި ދޭށޭ" ޝާވިންއަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ. އިވާންގެ ދިމާކުރުން ރަސްމީކޮށް މި ފެށުނީކަން އޭނާއަށް އެނގުނެވެ.
----
ކާގެއަށް އައިސް ސައިބޯން ފެށުނުއިރުވެސް އައިލީންގެ އަނގައިން ބަހެއް ނުބުނެ އެވެ. އެކަމާ މައިރާ އިންތިހާއަށް ކަންބޮޑުވިނަމަވެސް ވެދިޔަ ކަންތަކާމެދު ވިސްނާލުމުން އޭނާގެ ގާތަށް ހިނިއަންނަން ފެށި އެވެ.
"ކިހިނެއްވީ ތި ހެނީ؟" މައިރާ ކުއްލިއަކަށް ހޭންފެށި ސަބަބެއް ނޭނގިފައިހުރެ އައިލީން ސުވާލުކުރި އެވެ.
"ހެވޭނެއެއްނު. ލީންއަށް ހީވީ ދެންމެ ސްޓްރޯކެއް ޖެހިފަ ހުރިހެންވިއްޔަ. މިހިތަށް އަރަނީ އަސްލަށް އެކަހަލަ ކަމެއް ވިނަމަ ނޭނގެއޭ ހާރޓް އެޓޭކެއް ނޫންކަމެއްވެސް ޖެހޭނީ" މައިރާ ހެމުންހެމުން ބުންޏެވެ.
"އަސްލުވެސް. ލިބުނު ޝޮކުން އަރައި ނުގަނެވިފަ މި ހުންނަނީ. ހަހަހަ" އައިލީންވެސް މައިރާގެ ހުނުމުގައި ބައިވެރިވި އެވެ.
"އެއީ؟ އަނެއްކާ ލީންއަށް އިވާން ކަމުދަނީތަ؟" މައިރާ އަހައިލި އެވެ.
"ޗީޑި މައި! ދައްކާ ވާހަކަ. އިވާންބެ އެއީ އަހަރެންގެ ކަޒިންއެއްނު؟ އެއީ ހަމަ އަހަރެންގެ އެއްބަނޑު އެއްބަފާ ބޭބެއެކޭ ބުންޏަސް ރަނގަޅުވާނެ. އަސްލު އެއީ ދެން… ދުވަހަކުވެސް ނުފެނޭވިއްޔަ އިވާން އަންހެންކުއްޖަކާ ގާތްކޮށް އުޅުނުތަނެއް.. ދެން އެގަޑީގަ މައިއަށް އެކަހަލަ ކަމެއް ކުރީއޭ ހީކުރެވުނީ.. ދެން ޝޮކް ލިބޭނެތާ ދޯ މައި އަދި ތި ފެނުނީ އިއްޔެ. އުމުރުން އެވީ ސައްބީސްއަހަރުތެރޭ ނޭނގެ އަދި ކުއްޖަކާ ރައްޓެހިވިކަމެއްވެސް. ޑިއުޓީ ނެތަސް އަބަދުވެސް އުޅޭނީ ސްޓޭޝަނުގަ. ކޮންމެވެސް ކޭސްއެއް ކްރެކް ކުރެވޭތޯ. ދެން ހުސްވަގުތެއް ވިއްޔާ އުޅޭނީ އެ ގަރާޖުގަނޑުގަ ސައިކަލެއް ނޫނީ ކާރެއް ރޫޅާލައިގެން. އެހެންވެ ހައިރާންވީ" އައިލީން ވާހަކަދެއްކީ ކިރިޔާއަށް މައިރާއަށް އަޑުއިވޭހާ މަޑުންނެވެ.
"އޯކޭ އޯކޭ. ދެން އެހެންވިއްޔާ ނުދައްކާ ވާހަކައެއް." މައިރާ އެ މައުޟޫއު ދޫކޮށްލި އެވެ.
"ކޮންވާހަކައެއްތަ؟ އަހަރުމެންނާވެސް ހިއްސާކޮށްލަބަލަ ދޯ ތި ދައްކާ ވާހަކައެއް" އިވުނީ ޝާވިންގެއަޑެވެ. އައިލީންއާއި މައިރާއަށް ސިހިފައި ފަހަތް ބަލައިލެވުނެވެ. އޭރު ހިނިއައިސްފައިހުރެ ކާގެއަށް ވަތް ޝާވިންގެ ފަހަތުން އިވާންވެސް ބޮލުން ޓީޝާޓެއް މަހައިލަމުން ކާގެއަށްވަނެވެ.
"އެއްކަލަ ޝޯން. މީނަ އަނގަ ނުލާނެ ތަނެއް ނޯންނާނެ" އައިލީން ފޫހިގޮތަކަށް ތުން އަނބުރައިލުމަށްފަހު ސައި ބުއިމައިގެން ކުރިއަށް ދިޔަ އެވެ.
"ލީންއަކާ ނޫނޭ މި ވާހަކަދެއްކީ. ފިސާރި ފޮންޏޭދޯ. މީހަކު ދުރުން ބަހެއް ބުންޏަސް ހީވާކަހަލަ ތިމާއާއޭ މިވާހަކަދައްކަނީ. މިތާ އިން މައިރާގާތުއޭ މި ބުނީ." ޝާވިން ގަސްތުގައި އައިލީން ރުޅިއަރުވައިލުމަށްފަހު މައިރާގެ ކުރިމައްޗަށް ވާގޮތަށްހުރި ގޮނޑީގައި އިށީނުމުން އިވާން އެދެމީހުންނަށް ސައި އަޅައިގެން އައިސް އައިލީންގެ ކުރިމަތީގައިހުރި ގޮނޑީގައި އިށީނެވެ.
"ހްމްމް. އަސްލު މައި މާލޭގަ ކީއްތަ ކުރަނީ؟" އިވާން ގެނައި ސައިތަށިން ކޯވަރެއް ދަމައިލުމަށްފަހު ޝާވިން އެއްސެވެ. އިވާންވެސް އެ ސުވާލުގެ ޖަވާބަށް އިންތިޒާރުކުރާ ފަދައަކުން މައިރާއަށް ބަލައިލި އެވެ. އޭނާވެސް ހުރީ ގެއަށް އައިސްގެންއުޅޭ މެހެމާނާ ދަސްކުރަން ބޭނުންވެފަ އެވެ.
"އަސްލު މިހާރު މާލެއަކު ނޫން އުޅެނީ. މެލޭޝިޔާގަ ކިޔަވަން ހުންނަނީ. މިދުވަސްކޮޅު ފެމިލީ އެމަރޖެންސީއެއް ދިމާވެގެން ކޮންމެހެންވެސް މާލެ އަންނަން ޖެހުނީ" މައިރާގެ މާ ގިނަ ޒާތީ މައުލޫމާތުތަކެއް އެމީހުންނާ ހިއްސާކުރާކަށް ނޫޅުނެވެ. އޭނާ އެރަށަށް އައި މަޤްސަދު ހިނދުކޮޅަކަށްވެސް އޭނާގެ ހަނދާނުން ކައްސައެއްނުލަ އެވެ.
"އޯހް. ސޯ މާލެ އައިސްފަ ޗުއްޓީ ހަދާލަން މިރަށަށް އައީދޯ؟ ހެހެހެ. އަސްލު އެނގޭތަ މިރަށުގަ ގެސްޓްހައުސްތައްވެސް ވަރަށް ގިނަވާނެ. އެއްގޮތަކަށްވެސް ޝަކުވާ ކުރަނީކީނޫން މައި އަހަރުމެން ގާތަށް އައިމަ އެކަމަކު އާންމުކޮށް އެންމެންވެސް ޗުއްޓީ ހަދާލަން އައިސް ތިބެނީ ގެސްޓް ހައުސްތަކުގަ ވީމަ ދެން ބުނެލީ. ވަރަށް ސަޅިވާނެ އެ ތަންތަން" ޝާވިންގެ ވާހަކަތަކަށް ހުއްޓުމެއްނަ އެވެ. އިވާންއާޚިލާފަށް ޝާވިންއަކީ މިޒާޖުގައި އަނގަގަދަ މީހެއްކަން މައިރާއަށް ޔަގީންކުރެވުނެވެ.
"އެގޮތް ބޭނުންނުވީ. އޭރުން ކިހާ އެކަނިވާނެ. އަހަރެން ބޭނުންވީ ރައްޓެއްސެއް. މިހާރުދެން ލީންއާ މި ދިމާވީނު ދޯ" ރަށަށް އައި އަސްލު މަގްސަދު ސިއްރުކޮށްލަމުން މައިރާ ބުންޏެވެ.
"ދެން މާލެ ދިޔަސް ދިމާވާނެތާ ދޯ.. އަހަރެންވެސް ކުރިންހުރީ މާލޭގައޭ ކިޔަވަން. ކޯހުގެ އެއް ސެމިސްޓަރ ކިޔަވާފަ ފައިނޭންޝަލް ސިޗުއޭޝަން ހުރިގޮތުން މެދުކަނޑާލަން ޖެހުނީ. ރަށު ސްކޫލުން ރިސޯސް ޓީޗަރެއްގޮތަށް ޖޮބެއް ހޯދައިގެން މިހާރު މި އުޅެނީ. ލާރި އެއްކޮށްލައިގެން އަނެއްކާވެސް ކިޔަވަންދާން ހެހެ." އައިލީންވެސް އެންމެފަހުން އެމީހުންގެ ވާހަކައާ އެއްބައިވި އެވެ. އެތަނުގައި ބަހެއް ނުބުނެ އިނީ އިވާން އެކަންޏެވެ. އެއްޗެކޭ ނުބުނެ ފޯނާ ކުޅެން އިން ނަމަވެސް އިރުއިރުކޮޅާ އިވާންގެ ދެލޯ މައިރާއަށް އަމާޒުވެލާ ޝާވިންއަކަށް ސިއްރެއްނުވިއެވެ. އޭނާ އެވަގުތު އެކަން ނުފެންނަކަމަށް ހަދައިގެން އިނީ ފަހުން އަނެއްކާވެސް އިވާންއާ ދިމާކުރާން ހިތުލައިގެނެވެ.
----
"ކީކޭ؟ ހަތްހާސް ރުފިޔާ ދޭށޭ؟ ނުދެވޭނެ ހަތްހާސް ރުފިޔާއެއް" އަށެއްގެ ހަބަރުގަޑި ބެލުމަށް ސޯފާގައި އިށީނދެލައިގެން އިން މުރުޝިދު ވާހަކަދެއްކީ އޭނާގާތު ހުއްޓިލައިގެންހުރި މައިޝާންއާ އެވެ.
ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ