ސަލާހުގެ ރެކޯޑް ހެދުމުގެ އުއްމީދު ފުރިހަމަ ނުވެ ފަހު މެޗަށް

ރޭ ބްރައިޓަން އަތުން ލިވަޕޫލް 3-2 އިން ބަލިވުމުގެ ކުރިން ކޮޑީ ގެކްޕޯ ހުރަސްކޮށްލި ބޯޅަ ހުހަށް އޮތް ގޯލަށް ވައްދާނުލެވި، އަރިމަތިން ބޭރަށް އެ ޖެހުނީ ކީއްވެގެން ހެއްޔެވެ؟ އެއީ ލިވަޕޫލްގެ ފޯވަޑް މުހައްމަދު ސަލާހު އަތުން ގެއްލިދާނެ ފަދަ ފުރުސަތެއް ނޫނެވެ.
އެ ރަނުގެ ފުރުސަތު ނަގާލެވުމުގެ މާޔޫސްކަން ކިތައްމެ ރީއްޗަކަށް ވެސް ސަލާހުގެ މޫނުމަތިން ފެނުނެވެ. ޕްރިމިއަ ލީގުގެ ޗެމްޕިއަންކަން ލިވަޕޫލަށް ކަށަވަރުވެފައި އޮތަސް ޕްރިމިއަ ލީގުގެ ރެކޯޑެއް ހަދަން ނުވަތަ ރެކޯޑަކާ އެއްވަރުކުރަން އޭނާއަށް އޮތް ފުރުސަތަކީ ވެސް އެހާމެ ތާރީހީ ކަމެކެވެ.
ނަމަވެސް މިސްރުގެ ފޯވަޑްގެ އުއްމީދު ހާސިލްކުރެވޭ ގޮތެއް އަދި ނުވެ އެވެ. މިހާތަނަށް 28 ލަނޑު ޖަހައި 18 ލަނޑު ޖަހަން ބޯޅަ ދިއްކޮށްލާފައިވާތީ އެއީ މި ސީޒަންގައި އެހެން ކުޅުންތެރިޔަކަށް ކުރެވުނު ކަމެއް ނޫނެވެ. ޕްރިމިއަ ލީގުގައި ލަނޑު ޖެހުމާއި ލަނޑު ޖަހަން އެހީތެރިވުމުގެ ރެކޯޑް އޮތީ ކުރީގެ ތަރިން ކަމަށްވާ އެލަން ޝިއަރާ އާއި އެންޑްރޫ ކޯލްގެ އަތުގަ އެވެ. އެއި ޖުމްލަ 47 އެވެ. ސަލާހު އުޅެނީ 46ގަ އެވެ.
އެލަން ޝިއަރާ، ލަނޑު: 34، ލަނޑު ޖަހަން އެހީތެރިވުން: 13
އެންޑްރޫ ކޯލް، ލަނޑު: 34، ލަނޑު ޖަހަން އެހީތެރިވުން: 13
މުހައްމަދު ސަލާހު:، ލަނޑު: 28، ލަނޑު ޖަހަން އެހީތެރިވުން: 18
ރެއަކީ ލިވަޕޫލަށް ސަލާހު ކުޅެދިން 400 ވަނަ މެޗެވެ. ފުރަތަމަ ފަހަރަށް ކެޕްޓަން ބޭންޑް އަޅައިގެން ދަނޑަށް އެރީ ވެސް އޭނާ އެވެ. ގެކްޕޯގެ ފަރާތުން ލިބުނު އެ ފުރުސަތުގެ ބޭނުންކުރެވުނު ނަމަ ޕްރިމިއަ ލީގުގެ ރެކޯޑް ފޮތުން ޖާގަ ލިބުނީހެވެ. ނަމަވެސް މިހާރު މި އޮތީ ލީގުގެ ފަހު މެޗުގައި ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ހަމަލާގެ ކުޅުމެއް ދެއްކުމެވެ. ރެކޯޑާ އެއްވަރުކުރަން ބޭނުންވަނީ ހަމައެކަނި އެންމެ ލަނޑެކެވެ.
މިހާރު ވެސް ޕްރިމިއަ ލީގުގެ ގޯލްޑަން ބޫޓު ސަލާހު ވަނީ ގާތްގަނޑަކަށް ކަށަވަރުކޮށްފަ އެވެ. އެ ބޫޓު ލިބިއްޖެ ނަމަ އޭނާ ވާނީ ލީގުގެ ރަން ބޫޓު ހަތަރު ވަނަ ފަހަރަށް ހޯދާ ދެވަނަ ކުޅުންތެރިޔާއަށެވެ. މިހާރު އެ ރެކޯޑް އޮތީ އާސެނަލްގެ ކުރީގެ ފޯވަޑް ތިއަރީ އޮންރީގެ އަތުގަ އެވެ.
ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓް ވެސް ރޭގެ މެޗުގައި ސަލާހު ނަގާލި ފުރުސަތުގެ ސަބަބުން ހުރީ ހައިރާންވެފަ އެވެ. އޭނާ ބުނި ގޮތުގައި މުޅި ސީޒަންގައި ސަލާހު ފެނުނީ "އިންސާނަކަށް ވުރެ ވަރުގަދަކޮށެ"ވެ. ނަމަވެސް ބައެއް ފަހަރަށް އާންމު އިންސާނެއްގެ ފެންވަރަށް ސަލާހު ވެސް ވެއްޓޭނެ ކަމަށް އޭނާ ބުންޏެވެ. ރޭ ފެނުނީ އެ މަންޒަރެވެ.
ސަލާހުއަށް ދެން އޮތީ އެންމެ މެޗެކެވެ. ޕްރިމިއަ ލީގުގެ ރެކޯޑެއް ހެދުމަކީ އޭނާގެ ވެސް ވަރަށް ބޮޑު އުއްމީދެކެވެ. އެ އުއްމީދު ފުރިހަމަވުން 8 މާޗުގައި ސައުތެމްޓަން ކޮޅަށް ދެ ލަނޑު ޖަހައިގެން ފަސޭހަ ވެސް ކޮށްލި އެވެ. އެއީ ލީގުގެ 29 ވަނަ މެޗެވެ. އޭގެ ފަހުން ބޭނުންވީ އެންމެ ތިން ލަނޑެވެ. ނުވަތަ ލަނޑު ޖަހަން މަގުފަހިކޮށްދިނުމެވެ. އެކަމަކު މިދިއަ ހަތް މެޗުގައި ސަލާހުއަށް ޖެހުނީ އެންމެ ލަނޑެކެވެ. ލަނޑު ޖަހަން އެހީތެރިވެވުނީ ވެސް އެންމެ ފަހަރަކު އެވެ.
އެ ފުރުސަތު ދެން އޮތީ އަންނަ އާދިއްތަދުވަހު އެއް ވަގުތެއްގައި ކުޅޭ ޕްރިމިއަ ލީގުގެ ފަހު މެޗުތަކުގަ އެވެ. ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ރެކޯޑެއް ހަދައި ހިނިތުންވުން ދައްކާލަން ސަލާހަށް އޮތް ފުރުސަތު ކުޑައެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ