މާރުކުރާ ޑޮލަރުގެ 90 ޕަސެންޓު އެމްއެމްއޭއަށް ނަގާ ގޮތަށް ބަދަލުކުރީ ވިޔަފާރިތަކަށް ފަސޭހަކޮށްދޭން: އެމްއެމްއޭ މާރުކުރާ ޑޮލަރުގެ 90 ޕަސެންޓު އެމްއެމްއޭއަށް ނަގާ ގޮތަށް ބަދަލުކުރީ ވިޔަފާރިތަކަށް ފަސޭހަކޮށްދޭން: އެމްއެމްއޭ

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ޓޫރިޒަމް ވިޔަފާރިތަކާއި ޑޮލަރުން ބޮޑު އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ 90 ޕަސެންޓު މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް މާރުކުރަން ޖެހޭ ގޮތަށް ބަދަލުކުރީ ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ބޭންކުތަކުން ހަމަޖައްސައިދިނުމަށް މަގުފަހިކޮށްދޭން ކަމަށް އެމްއެމްއޭއިން ބުނެފި އެވެ.
އެމްއެމްއޭއިން ދާދި ދެންމެއަކު ނެރުނު ނޫސްބަޔާނެއްގައި ބުނީ ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން، ބޭންކުތަކަށް މާރުކުރާ ފައިސާގެ ތެރެއިން މިހައިތަނަށް ކޮންމެ ހަފުތާއަކު އެމްއެމްއޭއަށް ވިއްކަމުން އައީ 60 އިންސައްތަ ކަމަށެވެ.
ނަމަވެސް އަންނަ ޖޫން 1، އިން ފެށިގެން އެ އަދަދު 90 އިންސައްތައަށް އިތުރު ކުރަން ނިންމާފައި ވަނީ ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ހަމަޖައްސައިދިނުމަށް މަގުފަހި ކުރުމަށް ކަމަށް އެ ބަޔާނުގައި ބުންޏެވެ.
"މި ބަދަލު ގެނެސްފައި ވަނީ، އޮތޯރިޓީން ބޭންކުތަކަށް ކޮންމެ ހަފްތާއަކު ވިއްކާ ބޭރު ފައިސާ މެދުވެރިކޮށް، މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި، ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ބޭންކުތަކުން ހަމަޖައްސައިދިނުމަށް މަގުފަހިކުރުމަށެވެ،" އެމްއެމްއޭގެ ބަޔާނުގައި ބުންޏެވެ.
މާރުކުރާ ޑޮލަރުގެ ބޮޑު ޕަސެންޓެއް އެމްއެމްއޭއަށް ނަގާ ގޮތަށް ނިންމިއިރު، މިއީ މި ގާނޫނު ވުޖޫދު ކުރުމަށް ފަހު އެމްއެމްއޭގެ ގަވަރުނަރު، އަހުމަދު މުނައްވަރު ދެއްކެވި ވާހަކަތަކާ އިދިކީލި ކަމެކެވެ.
އެ ގޮތުން ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރުގެ މައްސަލައަށް ހައްލެއް ލިބޭނީ ވެސް ބޭންކުތަކަށް ޑޮލަރު ވައްދައިގެން ކަމަށް، ބޭރު ފައިސާގެ ގާނޫނާ ގުޅޭ ގޮތުން މައުލޫމާތު ދޭން މިދިޔަ އަހަރުގެ ނޮވެމްބަރު 27، ގައި ނޫސްވެރިންނާ އެކީ ބޭއްވި ބައްދަލުވުމެއްގައި މުނައްވަރު ވިދާޅުވި އެވެ.
މާރުކުރާ ބޭރު ފައިސާގެ 60 ޕަސެންޓް ބޭންކުތަކުގައި ބަހައްޓަން ނިންމީ ވެސް އެ ސަބަބާ ހުރެ ކަމަށް މުނައްވަރު އޭރު ވިދާޅުވި އެވެ.
އެގޮތަށް ގަވާއިދުގައި ކަނޑައެޅީ، މުނައްވަރު ވިދާޅުވި ގޮތުގައި، ކޮވިޑަށް ފަހު ވަރަށް ބޮޑަށް ފުޅާވެފައިވާ ކަޅު ބާޒާރުގެ ބަދަލުގައި ރަސްމީ ނިޒާމުގެ ތެރެއަށް ޑޮލަރު ވެއްދުމަށެވެ. މިއާ އެކީ، ބޭންކުތަކުުގެ ތެރެއިން ރިސޯޓުތަކަށް އޯވާޑްރާފްޓު ކަހަލަ ފެސިލިޓީސްތައް ދޫކޮށް ދިމާވާ ކަންކަމަށް ހައްލު ހޯދައިދޭން މަގު ފަހި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގަވަރުނަރު މިހެން ވިދާޅުވީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް ބޯލެނބުމުގެ ގޮތުން، ކަޅު ބާޒާރުން ޑޮލަރު ގަނެގެން އެ ފައިސާ ބޭންކަށް މާރުކުރަން ޖެހިދާނެ ކަމަށް ވިޔަފާރިތަކުން ފާޅުކުރަމުން ދިޔަ ކަންބޮޑުވުންތަކާ ގުޅިގެން ކުރި ސުވާލެއްގެ ޖަވާބުގަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހު ކުރީކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރެއްވި ގޮތުގައި، އެހާތަނަށް ބޭންކުތަކަށް 214 މިލިއަން ޑޮލަރު މާރުކޮށްފި އެވެ. އެއީ ޑޮލަރު މާރުކުރަން ފެށިތާ ހަތަރު މަހުގެ ތެރޭގައި މާރުކުރި ފައިސާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ