ދެ ކެންޑިޑޭޓަކުން ނަން ނެގުމުން މީޑިއާ ކައުންސިލްގެ އިންތިހާބަށް އަލުން ހުޅުވާލައިފި

ދެ ކެންޑިޑޭޓަކު ނަން އަނބުރާ ގެންދިޔުމުން، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ބައި-އިލެކްޝަނަށް އަލުން ކުރިމަތިލުމަށް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - އެމްއެމްސީގެ ބައި-އިލެކްޝަނެއް މި ބާއްވަނީ މީޑިއާތައް ތަމްސީލު ކުރާ ދެ މަގާމަކާއި އަމިއްލަ މެންބަރެއްގެ މަގާމު ހުސްވެފައިވާތީ އެ ތިން މަގާމަށް މެންބަރުން އިންތިހާބު ކުރުމަށެވެ. އެ ތިން މަގާމަށް އަލުން ހުޅުވާލި ކަމަށް މިއަދު މިނިސްޓްރީން ގެޒެޓް ކުރި އިއުލާނެއްގައި ބުނެފައިވެ އެވެ.
ތަފްސީލު - އިންފޮމޭޝަން މިނިސްޓްރީގެ އިއުލާންގައި ބުނެފައިވާ ގޮތުގައި:
މީގެ ކުރިން ކުރި އިއުލާނާ ގުޅިގެން، މީޑިއާތައް ތަމްސީލު ކުރާ ދެ މެންބަރުންގެ މަގާމަށް ހަތަރު ކެންޑިޑޭޓަކު ކުރިމަތިލި ނަމަވެސް އޭގެ ތެރެއިން ދެ ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައި
އެހެންވެ މީގެ ކުރިން ކުރިމަތިލުމަށް ހުޅުވާލި ތިން މަގާމަށް ވެސް ވާދަ ކުރުމަށް މިހާރު ވަނީ ހުޅުވާލާފައި؛ ކުރިމަތިލާންޖެހޭ ސުންގަޑިއަކީ އަންނަ ހަފްތާގެ އަންގާރަ ދުވަހު މެންދުރު 2
އަލުން މި ތިން މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ނަމަވެސް، މީގެ ކުރިން ކުރިމަތިލާފައިވާ ކެންޑިޑޭޓުން އަލުން ކުރިމަތިލާކަށް ނުޖެހޭނެ
އިއުލާނުގައިވާ ގޮތުން މި ތިން މަގާމަށް ކުރިމަތިލާން ފުރިހަމަ ކުރަން ޖެހޭ ފޯމާ އެކު ހުށަހަޅަން ޖެހޭ ތަކެތި އީމެއިލް މެދުވެރިކޮށް ފޮނުވަން ޖެހެނީ [email protected] އަށެވެ.
ފާހަގަކޮށްލެވޭ ކަމެއް - މީޑިއާ ތަމްސީލު ކުރާ ދެ މަގާމަށް ކުރިމަތިލި ދެ ކެންޑިޑޭޓަކު ނަން އަނބުރާ ގެންދިޔުމުން ތިން މަގާމަށް ވެސް ކުރިމަތިލުމަށް މިނިސްޓްރީން ހުޅުވާލިއިރު، މިހާތަނަށް ކެންޑިޑޭޓުންގެ ލިސްޓެއް އަދި އިންތިހާބު ބާއްވާނެ ތާރީހެއް އިއުލާންކޮށްފައެއް ނުވެ އެވެ.
މި ބައި-އިލެކްޝަނަށް އަލުން ކުރިމަތިލުމަށް ހުލުވާލާފައި މި ވަނީ، އިންތިހާބުގެ ވަރަށް ގިނަ މަރުހަލާތައް ނިމި، ވޯޓުލުމާ ހަމައަށް ކަންކަން ގޮސްފައި ވަނިކޮށެވެ. އެގޮތުން، މިދިޔަ ހަފްތާގައި މިނިސްޓްރީން ވަނީ ވޯޓުލާ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށް، އެއަށް ޝަކުވާ ހުށަހަޅަން ފުރުސަތު ދީ އަދި ދާއިމީ ލިސްޓު ވެސް ނެރެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ