ރައްކާތެރި ޖާގައެއް ހަމަޖެހެންދެން ހުޅުމާލެ ފަޅުން ސަފާރީތައް ނެގުން މަޑުޖައްސައިލަން އެދިއްޖެ
ހުޅުމާލޭ ފަޅުގައި އަޅާފައިވާ ސަފާރީތައް ނަގަން ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އެންގުމުން ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)އިން ކަންބޮޑުވުން ފާޅުކޮށް، ސަފާރީތައް އެޅުމަށް ރައްކާތެރި ޖާގައެއް ހަމަޖެހެންދެން ހުޅުމާލެ ފަޅުން ސަފާރީތައް ނެގުން މަޑުޖައްސައިލަދޭން އެދިއްޖެއެވެ. ހުޅުމާލޭ ފަޅުގައި އަޅާފައިވާ ސަފާރީތައް އެ ތަނުން ނަގަން އަންގާފައިވަނީ އެޗްޑީސީން ކުރިޔަށް ގެންދާ ބިން ހިއްކުމުގެ މަސައްކަތަކަށެވެ. ބޯޓިން އެސޯސިއޭޝަން -- ބޯޓިން އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައިވަނީ، ސަފާރީތައް އަޅާނެ އިތުރު ތަނެއް ނުދައްކައި، ފަޅުގައި އޮތް ސަފާރީތައް ނަގަން އެންގުމުން ސަފާރީތައް އޮޕަރޭޓު ކުރުމަށާއި، އެއިން އުޅަނދަކަށް ގެއްލުމެއްވެދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ހުޅަނގުގެ ވިއްސާރައާއެކު ކަނޑާއި ވައިގަދަވުމުގެ ސަބަބުން މި ދުވަސްވަރު އެހެން ތަނެއްގައި އެ ސަފާރީތައް އެޅުމަކީ ނުރައްކާތެރި ކަމެއްކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. "މި މޫސުމުގައި ކަނޑުތައް ގަދަވުމާއި ވައި ގަދަވުމުގެ ސަބަބުން އުޅަނދުތައް އެހެން ތަނަކަށް ބަދަލުކުރުމަކީ އުނދަގޫ ކަމެއް،" އެ ބަޔާނުގައި ވެއެވެ. ހުޅުމާލޭ ފަޅުގައި ސަފާރީތައް އަޅައިފައި: ރައްކާތެރި ޖާގައެއް ހަމަޖެހެންދެން ހުޅުމާލެ ފަޅުން ސަފާރީތައް ނެގުން މަޑުޖައްސައިލަން އެންބީއޭއެމްއިން އެދިއްޖެ -- ރާއްޖޭގެ ފަތުރުވެރިކަމުގެ ވަރަށް މުހިންމު ބައެއް ސަފާރީތަކުން ހިއްސާކުރާކަން ފާހަގަކޮށް އެ ބަޔާނުގައިވަނީ، އެ އުޅަނދުތައް އަޅާނެ ރައްކާތެރި ތަނެއް ހަމަނުޖައްސައި، އުޅަނދުތައް ނަގަން ޖެހުމަކީ އޭގައި މަސައްކަތްކުރާ މީހުންނަށާއި، މުޅި އޮޕަރޭޝަނަށް ވެސް ނުރައްކާތެރި ކަމެއް ކަމަށެވެ. އެ ގޮތުން އެއިން ސަފާރީ އުޅަނދަކަށް ބޮޑު ގެއްލުމެއް ލިބިއްޖެނަމަ، އެއަށް ބަރޯސާވާ މީހުންގެ އާމްދަނީ ހުއްޓުމުގެ ފުރުސަތު އޮތްކަން ވެސް ފާހަގަކޮށްފައިވެއެވެ. "އެންބީއޭއެމުން އިހްތިރާމާއެކު އެޗްޑީސީއާއި ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކަށް ގޮވައިލަނީ އުޅަނދުތައް ބަނދަރުކުރާނެ ރައްކާތެރު ޖާގައެއް ހަމަޖެހެންދެން (ހުޅުމާލޭ ފަޅުގައި އަޅާފައިވާ އުޅަނދުތައް) ރީލޮކޭޓު ކުރުން އިހަށް މަޑުޖައްސައިލުމަށް،" އެ ބަޔާނުގައި ވެއެވެ. އެ އެސޯސިއޭޝަނުން ބުނީ، ތަރައްގީގެ މަސައްކަތްތަކަށް ފުރިހަމައަށް އެއްބާރުލުންދޭނެ ކަމަށެވެ. އަދި ރާއްޖޭގެ މެރިޓައިމް އަދި ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ސަރުކާރާއެކު ގާތުން މަސައްކަރް ކުރަމުންގެންދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ. ހުޅުމާލެ ފަޅުގައި ވަރަށް ގިނަ އަދަދަކަށް ސަފާރީތައް އަޅާފައި އޮވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ