ބޭންކުތަކުން 90 ޕަސެންޓް ޑޮލަރު ނަގަނީ ވިޔަފާރިތަކަށް ފައިސާދޫކުރުން ހަރުދަނާކުރަން: އެމްއެމްއޭ
ބޭންކުތަކުން އެމްއެމްއޭއަށް މާރުކުރަންޖެހޭ ޑޮލަރުގެ އަދަދު އިތުރުކުރުމަށް ނިންމާފައިވަނީ މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި، ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ހަމަޖައްސައިދިނުމަށް ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން މިއަދު ބުނެފިއެވެ. އެމްއެމްއޭއިން ބޭރު ފައިސާއާ ބެހޭ ގަވައިދެއް ތަންފީޒު ކުރަން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު އެކެއްގައެވެ. އެ ގަވައިދުގެ ދަށުން ރިސޯޓުތަކުން ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކޮށް، ގެސްޓްހައުސްތަކުން 25 ޑޮލަރު މާރުކުރަން ޖެހެއެވެ. ނުވަތަ ލިބޭ އާމްދަނީން 20 ޕަސެންޓް މާރުކުރުމުގެ އިޚުތިޔާރު ވެސް އޮތީ ދީފައެވެ. އޮކްޓޯބަރު މަހު ތަންފީޒު ކުރަން ފެށި ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން, ބޭންކުތަކަށް ކޮންމެ ހަފުތާއަކު ލިބޭ ބޭރު ފައިސާގެ 60 ޕަސެންޓް, ޖެހިގެން އަންނަ ހަފުތާގެ ބުދަ ދުވަހުގެ ކުރިން, އެ ބޭންކަކުން އެމްއެމްއޭގައި މާރު ކުރަން ޖެހޭނެއެވެ. އެމްއެމްއޭއިން މިހާރު ނިންމާފައިވަނީ އެ އަދަދު 60 ޕަސެންޓުން 90 ޕަސެންޓަށް އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އިތުރު ކުރުމަށެވެ. https://sun.mv/206262 އެމްއެމްއޭއިން ބުނި ގޮތުގައި މި ބަދަލު ގެނެސްފައިވަނީ، އެ އޮތޯރިޓީން ބޭންކުތަކަށް ކޮންމެ ހަފްތާއަކު ވިއްކާ ބޭރު ފައިސާ މެދުވެރިކޮށް، މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި، ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ބޭންކުތަކުން ހަމަޖައްސައިދިނުމަށް މަގުފަހިކުރުމަށް ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ. ރާއްޖޭގެ ބްލެކް މާކެޓްގައި ޑޮލަރުގެ އަގު މިހާރު 19 އިން މަތީގައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު މިއީ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. މިކަމުގެ ސަބަބުން މުދަލާއި ހިދުމަތްތަކުގެ އަގުތައް ވަނީ ބޮޑުވެފައެވެ. އަދި ސަރުކާރަށް ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ. އެމްއެމްއޭއަށް މާރުކުރަން ޖެހޭ ޑޮލަރުގެ ޕަސެންޓް ބޮޑުކުރާއިރު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އާއްމުންނަށް އެކިއެކި ބޭނުންތަކަށް, ޑޮލަރު ދޭ ޕަސެންޓް ވަރަށް ބޮޑަށް އިތުރު ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ